23 ނޮވެމްބަރ 2016 - 14:18

ސަރުކާރުން ކުރާ ބައެއް ކަންތައްތަކާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ އިންޒާރުދީފައިވާ ލިޔުންތަކެެއް އަމީނީމަގުގައި ހުންނަ އިސްކަންދަރުކޮށި ތެރެއަށް މި މަހު ކުރީކޮޅު އެޅި މައްސަލާގައި ދެ ފުލުހަކު ހައްޔަރުކޮށްފި އެވެ.
މިކަން ކަށަވަރުކޮށްދެއްވައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.
އިސްކަންދަރުކޮށީގައި ހުންނަ އިމާރާތު ލިފްޓު ކައިރިއަށާއި ސިޑި މައްޗަށާއި ޕްރޮފެޝަނަލް ސްޓޭންޑަޑް ޑިޕާޓްމަންޓްގެ ދޮރުމައްޗަށް އަޅާފައިވާ ކަމަށް ބުނާ ލިއުންތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.
އިސްކަންދަރު ކޮއްޓަށް އަޅާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރި ލިޔުންތަކުގައި ބުނެފައި ވަނީ "ދިވެހި ފުލުހުންނަކީ ދިވެހިރާއްޖޭގެ ސަރުކާރުގެ ސިޔާސީ އެޖެންޑާ ދިފާއުކުރަން ތިބި ބައެއް ނޫން، ސަރުކާރު ހިންގާ ޕާޓީގެ އެއް ފަޅިން ބާއްވާ ސިޔާސީ ޖަލްސާއެއްގެ ބޮޑުކަން ދައްކަން ދިވެހި ފުލުހުން ކުލަ ހެދުމުގައި ފޮނުވަން އުޅޭ އުޅުން އަހަރެމެން ކުށްވެރިކުރަން" ކަމަށެވެ.
އެ ލިޔުމުގައި އިޝާރާތްކޮށްފައި ވަނީ އަސްލު ޖަލްސާގެ ނަމުގައި ޕީޕީއެމް، ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން އަލިމަސްކާނިވަލުގައި ބޭއްވި ޖަލްސާ އަށެވެ.