27 ޖޫން 2021 - 10:35

ބުދަ ދުވަހާ ގުޅޭ
"ކިހިނެއްވީ؟" ޖީޒާ ސުވާލުކުރިއެވެ.
"މިއަދު މަންމަ މަތިން ވަރަށް އެބަ ހަނދާންވޭ! ނޭނގެ ކީއްވެގެން ކަމެއް،" މޮޅިވެރި އަޑަކުން މަލްހާ ބުންޏެވެ. "އެކަމަކު އަހަންނަކަށް ނުކެރޭނެ މަންމަ ކައިރިއަށް ދާކަށް."
އޭރު މަލްހާއަށް މަންމަ ނުފެންނަތާ ހައެއްކަ މަސް ވެދާނެއެވެ. އޮތީ އެންމެ މައްސަލައެކެވެ. އެހާ ދުވަސްކޮށްފައި މަލްހާ ފެނުމުން ވެސް ހަސްނާ މަރުހަބާއެއް ނުކިޔާނެއެވެ. އުފަލެއް ނުވާނެއެވެ. އެކަމަކު މަލްހާ ހިތުގަޖެހޭ ކަހަލަ ކޮންމެވެސް ކަމެއް ކުރާނެއެވެ. އެއީ ޖީޒާއަށް ޔަގީންކަމެކެވެ. ނުކޮށްފި ނަމަ އެއީ ޖީޒާ ދަންނަ ހަސްނާއަކަށް ނުވާނެއެވެ. އެ ހުރިހާ ވާހަކައެއް ކިޔައިދީފައި، މަލްހާގެ ހިތްމަރައިލުމަކީ ޖީޒާއަށް ކުރެވިދާނެ ކަމެކެވެ. އެކަމަކު ޖީޒާއަށް މަލްހާ ވަރަށް ބޮޑުކަމެއް ކޮށްދީފިއެވެ. ޖީޒާ މަންމަގެ ހަޔާތަށް، އަނެއްކާ ވެސް އުފާވެރިކަން ގެނެސްދީފިއެވެ. އެއީ ޖީޒާއަށް ނުކޮށްދެވުނު ކަމެކެވެ. އެ ކަމާ ހަސަދަވެރިވާން ބޭނުން ނަމަ ޖީޒާއަށް އެ ކަން ވެސް ކުރެވިދާނެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިފައި މަލްހާ ގެންގޮސް ރާމިޒާއާ ހަވާލުކުރެވިދާނެއެވެ. އެކަމަކު އޭރުން މަންމައަށް އެ ދެވުނީ ވަރަށް ބޮޑު ދެރައެކެވެ. އޭގެ ބަދަލުގައި، މަލްހާ ކޮށްދިން ހެޔޮކަންތަކުގެ ބަދަލުގައި ޖީޒާއަށް ވެސް ހެޔޮކަމެއް ކޮށްދެވިދާނެއެވެ.
"އެ ކީއްވެ ނުކުރޭނީ؟" ޖީޒާ އެހިއެވެ. "ހިނގާ ދަމާ! ބޮޑުވަރަކަށް މަންމަ އަޅާނުލާނީއެއްނު! އެއީ އާކަމެއް ނޫނެއްނު!"
"ކީއްވެގެންތަ އަހަރެން ދެކެ މަންމަ ލޯބިނުވަނީ؟" ޝަކުވާގެ ރާގެއްގައި މަލްހާ އެހިއެވެ.
"އަހަންނަކަށް ހިޔެއްނުވޭ ލޯބިނުވާހެނެއް،" ޖަވާބުގައި ޖީޒާ ބުންޏެވެ. "މަންމަގެ އެ ހުންނަ ކަމަކާ ހެދި މީހުން ވަކިކުރަން މަންމައަށް ނޭނގެނީހެން އަހަންނަށް ހީވަނީ. މާދަމާ ވާނެ ދާން. މިއަދު އަހަރެން އެބަ ޖެހޭ ގޭގަ މަޑުކުރަން. އެހެން ނޫން ނަމަ މިއަދު ވެސް ދެވުނީސް."
އެ ދުވަހަކީ ބާރީ އައި ދުވަހެވެ. ބާރީއަކީ ޖީޒާގެ ފިރިމީހާއެވެ. ބޯޓުދަތުރުކުރާ މީހެކެވެ. އަހަރުގެ ގިނަ ދުވަސްތަކުގައި އޭނަ އުޅެނީ ރާއްޖެއިން ބޭރުގައެވެ. އިސްކޮޅުން ކުރު، ބޮލުގެ އިސްތަށި މަދު، ވަރުގަދަކޮށް ހުންނަ މީހެކެވެ. މަލްހާޔާ ހަތަރުކަޅި ހަމަވި ފަހުން މަލްހާ ނޫން ދިމާއެއް ބާރީއަކަށް ނުބެލެއެވެ. ނަތީޖާއެއްގެ ގޮތުން، ޖީޒާއަށް ގެނައި ހެދުންކަނޑާ ފޮތިތަކުގެ ތެރެއިން އެއް ފޮތިގަނޑާއި، ސެންޓުފުޅިއެއް ވެސް މަލްހާއަށް ލިބުނެވެ. ޖީޒާ އަތުން އެ ހަދިޔާ ދެވުނު ނަމަ ޖީޒާ މާ އުފާވީހެވެ.
ހަތަރުދަމު ހަސްނާ އިންނަ ސޯފާގައި، އިސްޖަހައިލައިގެން ހަސްނާ އިނެވެ. ރާމިޒާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. ތަދު ލުއިވެފައިވާތީ ހެލިފެލިވެއުޅެން ރާމިޒާއަކަށް އުނދަގުލެއް ނޫނެވެ. ރާމިޒާ ކޮޓަރީގެ ދޮރު ހުރީ ރަނގަޅަށް ނުލެއްޕިއެވެ. ހަސްނާ ކުރާ ކަންތައް ރާމިޒާއަށް ރީތިކޮށް ފެނެއެވެ. ހަސްނާ އިރުއިރުކޮޅާ ގަޑިއަށް ބަލައިލައެވެ. އެއީ ކީއްވެގެންކަމެއް ރާމިޒާއަކަށް ނުވިސްނެއެވެ. ގަޑިން ވާ ވަރު ހަސްނާއަށް އެނގޭ ހެއްޔެވެ؟ ހިތާހިތުން ރާމިޒާ ސުވާލުކުރިއެވެ. އެ ވަރު ބުއްދިއެއް ހަސްނާގެ ހުރޭ ހެއްޔެވެ؟ ކުއްލިއަކަށް ފާއިޒު ކޮޓަރިން ނުކުތެވެ. އެ ވަގުތު ފޯނު ރަނގަބީލުވާން ފެށިއެވެ. ރާމިޒާ ފޯނު ނެގިއެވެ. ވާހަކަދެއްކީ ޖީޒާއެވެ.
"ހާދަހާ އުފާވެފަ؟" ޖީޒާގެ އަޑު ކަންފަތުގައި ޖެހުމާއެކު ރާމިޒާ ބުންޏެވެ. "ބާރީ އައީ ދޯ؟"
ޖީޒާ ހީނގަތެވެ. ދެ އެކުވެރިންގެ އެކުވެރިކަމަށް އެހާ ދުވަސް ވެއްޖެއެވެ. ބައެއް ވާހަކަ ނުބުންޏަސް އަނެކަކަށް އެނގެއެވެ. ބާރީ އައީ ދުވަސްކޮޅަކު ރާއްޖޭގައި މަޑުކުރާ ގޮތަށެވެ. ބާރީ ދަތުރުކުރާ ބޯޓުގެ ކުންފުނި ބަނގުރޫޓުވީއެވެ. ބާރީ އެ ވާހަކަ ބުނީ މާލެއައިހެވެ. އެ ކަމާ ކުޑަކޮށް މަޝްވަރާކޮށްލުމަށް ފަހު ޖީޒާ ފޯނުކުރި ސަބަބު ކިޔައިދިނެވެ.
"މަލްހާ އެބަ ބޭނުންވޭ ތި ކޮޅަށް ގޮސް..." ޖީޒާއަށް ބުނެވުނީ އެ ހިސާބަށެވެ.
"އެއީ ކީއްކުރަން މި ކޮޅަށް އަންނަނީ؟" ރާމިޒާ ވަގުތުން ސުވާލުކުރިއެވެ.
"ރާމިޒާ!" ވިސްނައިދޭ ކަހަލަ ރާގެއްގައި ޖީޒާ ބުންޏެވެ. "ބަލަ އެ މަންޖެ ވެސް ބޭނުންވާނެއްނު މަންމަ ދެކިލަން. މިހާރު ކިތައް މަސް މިވީ؟ މީން ދުވަހަކު ނުބުނެޔޭ! އިއްޔެ ބުނީ މަންމަ ދެކިލަން ބޭނުމޭ!"
އެ ހިޔާލު ހަމަ އެއްގޮތަކަށް ވެސް ރާމިޒާއަކަށް ކަމަކުނުދިޔައެވެ. ރާމިޒާ ދެކޭ ގޮތުގައި ހަސްނާއަކަށް ދަރިފުޅެއް ނޭނގޭނެއެވެ. އެންމެ ފަހުން ދެމައިން ބައްދަލުވި ދުވަހު ވެސް ކަންކަން ހިނގައިދިޔައީ މާ އެދެވޭ ގޮތަކަށް ނޫނެވެ. އެ ހުރިހައި ކަމެއް މަލްހާއާއި ޖީޒާ އެހާ އަވަހަށް ހަނދާންނެތުނީތީ ވެސް ރާމިޒާ ހައިރާންވިއެވެ. ހަސްނާ ކުރިޔަށް ވުރެ ވެސް ރުންކުރުވެއްޖެއެވެ. މީހަކު ފެނުމުން ހަސްނާ ހަރަކާތްކުރާނީ ކިހިނެއްކަމެއް އެކަކަށް ވެސް ބުނެދޭކަށް ނޭނގެއެވެ.
"އިތުރަށް ދެރަވުން ނޫންކަމެއް ނުވާނެ. މިހާރު އަދި ކުރިޔަށް ވުރެ ވެސް މުޑުދާރުކޮށް ހަސްނާ އުޅެނީ،" ރާމިޒާ އެތައް ބަހަނާއެއް ދެއްކިއެވެ. "އަހަންނަކަށް ވެސް އަބަދަކު ގަދަކަމަކުން ފެނެއް ނުވެރުވޭނެ. މިހާރަކު ގަޔަކު އެހާ ވަރެއް ވެސް ނުހުރޭ! އަދިވެސް މި އުޅެނީ ރަނގަޅަށް ނުހިނގިގެން."
"އެކަމަކު އެއީ މަލްހާގެ މަންމަ!" ޖީޒާ ހަނދާންކޮށްދިނެވެ.
"މި ދުވަސްކޮޅު އަދި މާ ވިޔާނުދާ ކަމެއް ދަސްކޮށްގެން އުޅެނީ،" ބުނަން ނުބުނަން ކަހަލަ ގޮތަކަށް ރާމިޒާ ބުންޏެވެ. "މީހަކު ހަމަ ކައިރިވާ އިރަށް ކުޅުޖަހަނީ."
އެ ދޮގު ވެސް ކާމިޔާބެއް ނުވިއެވެ. ޖީޒާ ކުރެއް ނުކުރިއެވެ.
"އެހެންވިޔަސް އެއީ ހަމަ މަލްހާގެ މަންމަ،" ތަކުރާރުކޮށް ޖީޒާ ބުންޏެވެ. "އެޔެއް ބަދަލެއް ނުވާނެ."
ރާމިޒާ އެއްބަސްވިއެވެ. އެކަމަކު އެއް ކަމެއް ހަނދާންކޮށްދިނެވެ. މަލްހާއާ ދިމާއަށް ހަސްނާ އެއްޗެހިކިޔާ ތަން ބަލާކަށް ރާމިޒާއަކަށް ކެތެއް ނުވާނެއެވެ. ކުރުކޮށް ބުނާ ނަމަ، އެ ބައްދަލުވުމުގައި ރާމިޒާ ބައިވެރިއެއް ނުވާނެއެވެ. ރާމިޒާ އިންޒާރު ވެސް ދިނެވެ. ހަސްނާޔާ މާ ކައިރިއަށް އަތުވެއްޖެއްޔާ މަލްހާއަށް އަނިޔާ ވެސް ކޮށްފާނެއެވެ. އެކަހަލަ ކަމެއް ދިމާވެއްޖެ ނަމަ ހުރިހާ ޒިންމާއެއް ނަގަންޖެހޭނީ ޖީޒާއެވެ. ރާމިޒާ ބޭނުންވީ ބިރުދައްކައިގެން ނަމަވެސް މަލްހާ ގެނަޔަނުދޭށެވެ. އެހެނަސް ޖީޒާއަކަށް އެ ކަމެއް ނުވިސްނުނެވެ.
މަލްހާ ގޮވައިގެން ޖީޒާ ދިޔައެވެ. ގެއަށް ވަން އިރު ހަސްނާ ސޯފާއެއްގައި އިށީނދެލައިގެން، އިސްޖަހައިލައިގެން އިނެވެ. މަލްހާގެ އަތުގައި ހިފައިގެން ޖީޒާ ގޮސް ހަސްނާ ކައިރިއަށް ހުއްޓުމުން ވެސް ހަސްނާއެއް ނުބެލިއެވެ. އަބަދު އެއް ތަންކޮޅެއްގައި ހަސްނާ އިނދެއިނދެ ސޯފާގެ އެ ތަންކޮޅު ހުރީ ކުލަ ބަދަލުވެފައެވެ. ހަސްނާ އޭރު ވެސް އިނީ ރުޅިއައިސްފައެވެ. އެ ކަން އެނގެނީ ހަސްނާގެ އަތުގެ ހަރަކާތްތަކަށް ބެލީމައެވެ. ސޯފާގައި ވަކިއެޅުން ނޫން ކަމެއް ހަސްނާ ނުކުރެއެވެ. އެހެން ކަމެއް ވެސް ޖީޒާއަށް ފާހަގަވިއެވެ. ވަރަށް އާދަޔާ ހިލާފު ނުބައި ވަހެއް ހަސްނާގެ ގައިން ދުވިއެވެ. އެއީ ފެންނުވަރާތީ ދުވާ ވަހެއްކަމެއް ނުވަތަ ސޯފާއިން ދުވާ ވަހެއްކަމެއް ޖީޒާއަކަށް ނޭނގެއެވެ.
"ހަސްނާ!" ވަރަށް ލޯތްބާއެކު ޖީޒާ ގޮވައިލިއެވެ. "ކާކު މިހިރީ ހަސްނާއަށް ގޮވައިލަން އައިސް؟"
ހަސްނާ އިސްއުފުލައިލިއެވެ. ހިނިތުންވާން އުޅުނުހެން ވެސް ހީވިއެވެ. ހަސްނާގެ ދަތްތަކުގެ ކުލަ ވެސް ހުރީ މަރުވެފައެވެ. މަލްހާއަށް ބަލައިލައިފައި ވެސް ހަސްނާ ވަކި އެއްޗެއް ނުބުންޏެވެ. މަންމަޔާ ވާހަކަދައްކަން، ލޮލުގެ އިޝާރާތުން ޖީޒާ އެދުނެވެ.
"މަންމާ!" ވަރަށް އޯގާތެރިކަމާ އެކު މަލްހާ ބުންޏެވެ. "މީ މަލްހާޔޭ! މަންމަގެ ދަރިފުޅު."
ހަސްނާ ބަލަހައްޓައިގެން އިނެވެ. މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. އެއީ ކުރިން ވެސް ހަސްނާ ކަންތައްކުރާ ގޮތެވެ. ޖީޒާއަށް އާ މަންޒަރެއް ނޫނެވެ. އެކަމަކު، އެ ދުވަހު ޖީޒާގެ ހިތުގައި ޝައްކުބަލި އުފެދިއްޖެއެވެ. ޖީޒާއަކީ ޑަކުޓަރެއް ނޫނެވެ. އެހެންވިޔަސް ޖީޒާގެ ހިތަށް ވަސްވާސްވަދެެއްޖެއެވެ. ހިތް ބުނަން ފެށިއެވެ. ހަސްނާ މޮޔައެއް ނޫނެވެ. އެއީ އޭނަ ހެދިގެން އުޅޭ ގޮތެކެވެ. ހަސްނާ ކުޅެއް ނުޖަހައެވެ. ޖަހާކަށް ނުވެސް އުޅެއެވެ. އެ ބައްދަލުވުމުގައި ހުރިހައި ވާހަކައެއް ދެއްކީ މަލްހާއެވެ. ހަސްނާ މާ ބޮޑު އެއްޗެއް ނުބުނެއެވެ. ފޫހިވެފައި ބަލަހައްޓައިގެން އިނީއެވެ.
"ކަލޭ ދޭ!" އަތުން އިޝާރާތްކޮށްލައިފައި، ދޭތެރެއަކުން ހަސްނާ ބުނެލައެވެ. "ކަލޭ މި ގެއަށް ނާންނާތި!"
ގެއަށް އައިސް މަލްހާއަށް ވުރެ ބޮޑު ފިކުރެއްގައި ފަތަން ފެށީ ޖީޒާއެވެ. ހަސްނާޔާ ބެހޭ ގޮތުން މަލްހާ ވަރަށް ގިނަ ވާހަކަދެއްކިއެވެ. މަންމަ ދެކެ ލޯބިވާ ވާހަކައެވެ. މަންމަޔާ ވާހަކަދައްކަން ބޭނުންވާ ވާހަކައެވެ. މަލްހާ ކުށެއް ނުކުރާކަމަށާއި، މަލްހާ ދެކެ މަންމަ އެހާ ފޫހިވާ ސަބަބެއް ނުވިސްނޭ ވާހަކައެވެ.
"ހަމަ ނުލާހިކު ރަނގަޅަށް ހުރި މީހެއް،" ފިކުރުބޮޑުވެފައި މަލްހާ ބުންޏެވެ. "ކީއްވެ މޮޔަވާންވީ؟ ކަމެއް ނުވެ ޓަސްލާފަ މީހުން މޮޔަވޭތަ؟
"މަލްހާގެ މަންމަ މޮޔައެއް ނޫން!" އެންމެ ފަހުން ނީނދެވިގެން ޖީޒާ ބުންޏެވެ. "އަހަންނަކީ ޑޮކްޓަރެއް ނޫން އެކަމަކު އަހަންނަށް ހީވަނީ މަލްހާ ގާތުގަ ކޮންމެވެސް ވާހަކައެއް ބުނަން މަންމަ ބޭނުންހެން. ވެދާނެ މީ ކުށްހީއަކަށް ވެސް. މަލްހާ އެބަ ޖެހޭ ކޮންމެ ދުވަހަކު މަންމަޔާ ބައްދަލުކުރަން ދާން."
މަލްހާގެ އަނގަ ބަންދުވިއެވެ. ހީވަނީ މަލްހާ އުންމީދު ނުކުރާ ކަހަލަ ވާހަކައެއް ޖީޒާއަށް ބުނެވުނު ހެންނެވެ.
"އެކަމަކު ފެނުނެއްނު މަންމަ އުޅޭ ގޮތް." މަލްހާ ބުންޏެވެ.
"އެހެންވެގެނޭ މި ބުނީ މަންމަ މޮޔަހެނެއް ހިޔެއްނުވެޔޭ!" ޖީޒާ ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "އަހަރެން ދުވަހަކު ވެސް ނުދެކެން އެހެން އުޅޭ މޮޔައެއް. އޭނަ އުޅެނީ މޮޔައަކަށް ހެދިގެން."
މަލްހާއަަކަށް ގަބޫލެއް ނުކުރެވުނެވެ.
"އެއީ ކީއްވެ މޮޔައަކަށް ހެދިގެން އުޅެންވީ؟" މަލްހާ ސުވާލުކުރިއެވެ.
"ތިއޭ އަހަރެންގެ ވެސް ސުވާލަކީ. ގިނަގިނައިން އެ ގެއަށް ދޭ،" ޖީޒާއެދުނެވެ. "މަންމަޔާ ވާހަކަދެއްކޭތޯ ބަލާ! އޮޅުންފިލުވާ! އެ ކަން ކުރެވޭނެ މީހަކަށް ހުރީ މަލްހާ!"
ޖެހިގެންއައި ދުވަހު ވެސް ހަސްނާޔާ ބައްދަލުކުރަން މަލްހާ ދިޔައެވެ. އެ ފަހަރު ދިޔައީ ޖީޒާ ނުލައެވެ.
"ދަރިފުޅާ! މަންމަ މި ގެއިން ނެރޭ!" ފުރަތަމަ ވެސް ހަސްނާ ބުނީ އެހެންނެވެ.
ނުނިމޭ