27 ޖޫން 2021 - 08:24

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެކި ގޮތްގޮތުން އިންޑިއާގެ ރައްޔިތުންނަށް އެހީވަމުން އަންނަ އެ ގައުމުގެ އެކްޓަރު ސޯނޫ ސޫދު، އަނެއްކާ ވެސް އެ ގައުމުގެ ފަގީރުންނަށް އެހީވުމަށް ހާއްސަ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
ފަގީރުން ދިރިއުޅޭ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ސޯނު ފެށި "ކަވަރޭޖް" ޕްރޮގްރާމަށް ވޮލެންޓިއަރުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ފަގީރުން ދިރިއުޅޭ ސަރަހައްދަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރެވޭނެ ގޮތެއް ނެތުމެވެ. ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހަން ހަދަން ޖެހޭ ގޮތްތަކެއް ވެސް އެ މީހުންނަކަށް ނޭނގެ އެވެ. މިހެންވެ، ވޮލަންޓިއަރުން ހޯދައި، ފަގީރުންނަށް އެ މަގު ތަނަވަސްކޮށްދޭން ސޯނޫ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސޯނޫ ބުނި ގޮތުގައި މި ޕްރޮގްރާމުގައި ސްމާޓްފޯނަކާއި 4ޖީ ލިބޭ ކޮންމެ މީހަކަށް ވެސް ބައިވެރިވެވިދާނެ އެވެ. އަދި ވޮލަންޓިއަރުން ޓްރެއިން ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ ކޮންމެހެން މުހިއްމު ކަމެއް. ނަމަވެސް ފަގީރު ސަރަހައްދުގައި އުޅޭ މީހުންނަށް ވެކްސިން ރަޖިސްޓްރީކުރުމުގައި ގޮންޖެހުންތަކެއް އެބަ ހުރި. އެހެންވެ، މި ޕްރޮގްރާމަކީ އެމީހުންގެ ހާލަތު އެނގިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް،" ސޯނޫ ބުންޏެވެ.
ސޯނޫ މި ޕްރޮގްރާމު ކުރިއަށް ގެންދަނީ އިންޑިއާގެ ހެލްތު މިނިސްޓްރީ އާއި އަދިވެސް ކަމާ ގުޅޭ ބައެއް އިދާރާތަކާ ގުޅިގެންނެވެ.
އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ނަމޫނާއެއްގެ ގޮތުގައި ގިނަ ބަޔަކު ސޯނޫ ބަލައިގެންފައިވާއިރު އޭނާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ކޮވިޑް-19 އާ ހެދި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންގެ ތެރޭގައި އެހީތެރިކަން ބޭނުންވި އެތައް ބަޔަކަށް އެހީވުމުންނެވެ.