23 ނޮވެމްބަރ 2016 - 13:49

އުމުރުން 65 އަހަރުވުމުން ކައުންސިލް އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގާނޫނަށާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިނުގަނެ، ބޭރުކޮށްލައިފި އެވެ. މިއީ ރައްޔިތުންގެ މަޖިލީހަށްް ހުށަހެޅި ބިލަކާ ދެކޮޅަށް، ހާޒިރުވި ހުރިހާ މެމްބަރުން ވޯޓު ދެއްވި ފުރަތަމަ ފަހަރެވެ.
މި ދެ އިސްލާހުގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ފާސް ނުވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލީ 67 މެމްބަރުންގެ އިއްތިފާގުންނެވެ،
ދެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
ޝުޖާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އުމުރުން 65 އަހަރުވުމުން ރައްޔިތުންގެ މަސްލަހަތު ހިމެނޭ ޒިންމާއެއް އެންމެ އެކަށީގެންވާ ވަރަށް ނުއުފުލޭނެ އެވެ. ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދޭން ޖެހޭތީ އިސްލާހު ހުށަހެޅުއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމުރުން 65 އަހަރު ފުރުމުން ކޮންމެ ދިވެހި ރައްޔިތަކަށް ސަރުކާރުން ހާއްސަ އިނާޔަތެއްގެ ގޮތުގައި 5000ރ. ދެމުން އަންނަ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ދަށުން އަސާސީ ހައްގެއް މަޖިލީހުން ފާސް ކުރާ ގާނޫނަކުން ހަނި ކުރެވިދާނެ ކަމަށެވެ.
މި ދެ ގާނޫނަށް ޕީޕީއެމްގެ ގިނަ މެމްބަރުންނާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އިސްލާހަށް ތާއީދު ކުރެއްވީ ޕީޕީއެމްގެ މަދު މެމްބަރުންތަކެކެވެ.
ރައީސުމްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ކުރިން ވަނީ ބަދަލު ގެނެސްފަ އެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް އަދި ގާނޫނަށް ބަދަލެއް ނުގެނެ އެވެ.