ޝާހުރުކް ހާނަށް މާމަ ދިން ނަމަކީ އަބްދުއްރަހްމާން
ޝާހުރުކް ހާނަށް މާމަ ދިން ނަމަކީ އަބްދުއްރަހްމާން

ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައި ސިފަކުރާ ޝާހުރުކް ހާނަށް އޭނާގެ މަންމަ ފަރާތު، މާމަ ދޭން ބޭނުންވި ނަމަކީ އަބްދުއްރަހްމާން ކަމަށް އޭނާ ބުނެފި އެވެ.

ޝާހުގެ މާމަ އޭނާއަށް ދޭން އުޅުނު ނަމާ ގުޅޭ ބެހޭ ޝާހް ވާހަކަ ދެއްކީ އެކްޓަރު އަނޫޕަމް ކޭރުގެ ޝޯއެއްގަ އެވެ. އޭނާ މި ވާހަކަ ދެއްކީ އަބްދުއްރަހްމާން ކިޔާ މީހަކު ދަންނަންތޯ ސުވާލުކުރުމުންނެވެ.

އެ ނަން ކިޔާ މީހަކު ނޭނގުނަސް ޝާހު ބުނި ގޮތުގައި އޭނާގެ މާމަ، އޭނާއަށް ދޭން ބޭނުންވި ނަމަކީ އެއީ ކަމަށެވެ. އެކަމަކު އެ ނަން ރަޖިސްޓްރީކެއް ނުކުރެ އެވެ. އޭގެ ކުރިން ޝާހުގެ ބައްޕަ، މީރު ތާޖު މުހައްމަދު ހާން، އޭނާއަށް ޝާހުގެ ނަން ދިނެވެ.

ޝާހުގެ ވާހަކަތައް ހުރި ގޮތުން، އޭނާއަށް މާމަ ކިޔަން އުޅުނު ނަން އޭނާ އަށް އެހާ ކަމުދާހެން ހިއެއް ނުވެ އެވެ. ޝާހު ބުނީ، ފިލްމު، "ބާޒީގަރު" ގެ ތަރިއަކީ އަބްދުއްރަހްމާން ކަމަށް ބުނުމުން އަޑުއަހާލަން އެހާ ރީތި ނޫން ކަމަށެވެ. އެކަމަކު އޭގައި މަސައްކަތްކުރާނީ ޝާހު ކަމަށް ބުނުމުން މާ ގުޅޭ ކަމަށް ބުންޏެވެ.

ބާޒީގަރަކީ 1993 ވަނަ އަހަރު ޝާހު ކުޅުނު، ބޮޑު ތަރުހީބެއް ލިބުނު ކާމިޔާބު ފިލްމެކެވެ.

އުމުރުން މިހާރު 55 އަހަރުގެ ޝާހު، ބޮލީވުޑްގައި މަސައްކަތްކުރާތާ 29 އަހަރު ފުރުނީ ހުކުރު ދުވަހު އެވެ. ސަޕޯޓަރުންގެ ފަރާތުން ލިބޭ ލޯތްބާއި ތަރުހީބަށް އޭނާ ޝުކުރު އަދާކޮށް އެ ދުވަހު ޕޯސްޓެއް ވެސް ކުރި އެވެ.

ޝާހު އެންމެ ފަހުން ފެނުނީ 2018 ވަނަ އަހަރު އާނަންދު އެލް ރާއީ ޑައިރެކްޓްކުރި "ޒީރޯ" އިންނެވެ. ހިޓް ފިލްމުތަކެއްގައި މަސައްކަތް ކުރިޔަސް ޝާހުގެ އެންމެ ފަހުގެ މަސައްކަތަށް މާބޮޑު ތަރުހީބެއް ނުލިބުނެވެ.

އޭގެ ފަހުން ފިލްމަކުން ނުފެނެ އެވެ. އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް ބޮޑު ޗުއްޓީއެއްގައި އުޅުމަށް ފަހު، ކުރިއަށް އޮތް މަސައްކަތް "ޕަތަން" ގެ ޝޫޓިންއާ އަލުން ޝާހު ވަނީ ގުޅިފަ އެވެ. އޭނާ ބުނާ ގޮތުގައި ކުރިއަށް އަނެއްކާ ވެސް އޮތީ ފިލްމުތަކެއްގެ މަސައްކަތެވެ.