26 ޖޫން 2021 - 14:16

ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ބައި މިލިއަނަށް އިއްޔެ އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ޖެނުއަރީން އިއްޔެގެ ނިޔަލަށް 500،406 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ.
މިކަމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ، ބައި މިލިއަން ޓޫރިސްޓުން ހަމަވީ ކުރިން އުންމީދުކުރި ވަރަށް ވުރެ ލަހުން ކަމަށެވެ. ނަމަވެސް މިއީ ކޮވިޑްގެ މި އުނދަގޫ ހާލަތުގައި ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުންމީދު ކުރީ މެއި ގައި ބައި މިލިއަން ހަމަވާނެ ކަމަށް. އެކަމަކު ކޮވިޑްގެ ހާލަތު ގޯސްވެގެން އެ ދުވަސްވަރު ދިޔައީ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ޓޫރިސްޓުން ގެންނަން މި އަހަރަށް ކަނޑައެޅި އަމާޒު ވެސް އަދި ހާސިލުވާނެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.
ރާއްޖެ އަށް އެންމެ ގިނައިން މި ދުވަސްވަރު ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ. މި އަހަރުގެ ޖެނުއަރީން މިދިޔަ މެއި މަހުގެ ނިޔަލަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެކަމަކު، އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވުމުން އެ ގައުމުން ޓޫރިސްޓުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ.
ކޮވިޑްގެ ހާލަތު ގޯސްވުމުން އިނގިރޭސި ވިލާތުން ވެސް ރާއްޖެ ވަނީ ރެޑް ލިސްޓަށް ލައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑްގެ ކޭސްތައް މަދުވުމުން އިނގިރޭސި ވިލާތުން ދެން ކުރާ ރިވިއުގައި ރާއްޖެ ރެޑް ލިސްޓުން ނަގާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ. އެ ގައުމުގެ ރެޑް ލިސްޓުން އުނިކުރުމުން އެ ސަރަހައްދުން ގިނަ އަދަދެއްގެ ޓޫރިސްޓުން އަނެއްކާ ވެސް ރާއްޖެ އަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުސޫމު ވިދާޅުވީ، ކުރިއަށް އޮތް ހަ މަހު އަނެއްކާ ވެސް ރާއްޖެ އަށް ޓޫރިސްޓުން އަންނަ ވަރު ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށެވެ.
ރާއްޖެ އަށް ބައި މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު މިދިޔަ އަހަރު ކޮވިޑްގެ އުނދަގޫ ހާލަތުގެ ތެރޭގައި ޒިޔާރަތްކުރީ 555،000 ޓޫރިސްޓުންނެވެ.