ނަޝީދާއި ޕާޓީ ދެމިއޮންނާނީ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައި ދިނުމުގައި: އެމްޑީޕީ
ނަޝީދާއި ޕާޓީ ދެމިއޮންނާނީ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައި ދިނުމުގައި: އެމްޑީޕީ

ރާއްޖެ އަށް ޒަމާނީ ޑިމޮކްރެސީ ތައާރަފު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެމްޑީޕީ އަށް މިއަދު 16 އަހަރު ފުރޭއިރު، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީ ވެސް ދެމިއޮންނާނީ އެމްޑީޕީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ގިނަ ސިޔާސީ ޕާޓީތަކުގެ ނިޒާމު ރާއްޖެ އަށް ތައާރަފުވެ، އެންމެ ފުރަތަމަ ރަޖިސްޓަރީކުރި ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެވެ.

މީގެ 16 އަހަރު ކުރިން ޖޫން 26، 2005 ގައި އުފެއްދި އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން މެމްބަރުންނާއި އެ ޕާޓީ އަށް ތާއީދުކުރާ މީހުންނަށް ތަހުނިޔާ ކިޔުމަށް ނެރުނު ބަޔާނުގައި ބުނީ، މިއީ ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާ ވަގުތެއް ކަމަށެވެ. ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު އަވާހަރަކޮށްލަން މިދިޔަ މޭ 6 ގައި ދިން ޓެރަރިސްޓްް ހަމަލާގައި އެ މަނިކުފާނުގެ ފުރާނަފުޅު ސަލާމާތްވީ ކިރިޔާ ކަމަށާއި އެއީ އެމްޑީޕީގެ ފިކުރާއި ޕާޓީގެ ނުގުޑާ އަޒުމާއި ހިތްވަރަށް ދިން ހަމަލާއެއް ކަމަށް ބަޔާނުގައި ވެ އެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު، ޓެރަރިސްޓް ހަމަލައިން ލިބުނު ބޮޑެތި ޒަަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ނަޝީދު މިހާރު ހުންނެވީ ޖަރުމަނުގަ އެވެ.

އެމްޑީޕީން ބުނިގޮތުގައި، ނަޝީދު ވިދާޅުވާ ފަދައިން އެ ޕާޓީގެ ފިކުރު މި ގައުމުން ފޮހެނުލެވޭނެ އެވެ. އެމްޑީޕީ އަކީ ދިވެހިންނަށް ސިޔާސީ، އިޖުތިމާއީ، އިގްތިސޯދީ އަދި ފަރުދީ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި އިންސާފު ހޯދައި ދިނުމުގެ މައްޗަށް ވަކާލާތު ކުރާ ފިކުރެއް ކަމަށާއި އެއީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެސީގެ ހަޔާތް ރާއްޖޭގައި ފެށުމުގެ އަސްލު ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނީ ދިވެހިންނަށް ހޯދައިދީފައިވާ ކާމިޔާބީ އާއި ކުރިއެރުންތަކުގެ ސަބަބުން ރައްޔިތުންގެ އުންމީދާ އެންމެ ބޮޑަށް ގުޅިފައިވަނީ އެމްޑީޕީ ކަމަށެވެ.

"އެމްޑީޕީގެ އަޒުމާ، ހިތްވަރާއި ސާބިތުކަމަށް ގުޑުން ގެނައުމަށްޓަކައި ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ވެސް، އިރާދަކުރެއްވިއްޔާ އެ މަނިކުފާނާއި މި ޕާޓީ އަބަދުވެސް ދެމިއޮންނާނީ މި ޕާޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް،" ބަޔާނުގައި ބުންނެވެ.

އަހަރީ ދުވަހާ ގުޅިގެން، މާލޭގައި ހުންނަ އެމްޑީޕީގެ ހަރުގެ އާއި އެ ޕާޓީގެ އޮފީހުގައި މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތުގައި ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.