26 ޖޫން 2021 - 07:34

އިންސްޓަގްރާމްގެ ވެބް ވާޝަނުން ކޮންޓެންޓް ޕޯސްޓްކުރެވޭ ފީޗާ ޓެސްޓްކުރަން ފަށައިފި އެވެ.
ފޭސްބުކްގެ ދަށުން ހިންގަމުން އަންނަ އިންސްގްރާމުން މިކަން ކަށަވަރުކޮށްދެމުން، އެތަނުގެ ތަރުޖަމާނު ކްރިސްޓީން ޕާއީ ބްލޫމްބާގަށް ވިދާޅުވީ ވަރަށް ގިނަ ބަޔަކު ކޮމްޕިއުޓަރުން އިންސްޓަގްރާމަށް ވަންނަ ކަމަށާއި އެހެންވެ އެކަން ފަސޭހަކޮށްދޭން ބޭނުންވާ ކަމަށެވެ.
"ޑެސްކްޓޮޕް ކޮމްޕިއުޓަރުން އިންސްޓަގްރާމް ޕޯސްޓްތައް ކުރެވޭ ގޮތް ވުމަކީ ވަރަށް ގިނަ ބަޔަކު އެދޭ ކަމެއް. އެހެންވެ އެކަން ފަސޭހަކޮށްދިނުމުގެ ގޮތުން މިހާރު މި އަންނަނީ ޑެސްކްޓޮޕް ބްރައުޒާ އިން ޕޯސްޓްކުރެވޭނެ ގޮތް ޓެސްޓްކުރަމުން،" އޭނާ ވިދާޅުވި އެވެ.
އިންސްޓަގްރާމްގެ ވެބް ވާޝަނުން މިހާރު ކުރެވޭ ކަމަކީ ކޮންޓެންޓް ބަލައި ލައިކް ދިނުން ފަދަ ކަންކަމަށެވެ. ކޮންޓެންޓް ޕޯސްޓެއް ނުކުރެވޭނެ އެވެ.
ނަމަވެސް އެ ފީޗާ އާންމުކޮށް ދޫކޮށްލާނެ އިރެއް ވިދާޅެއް ނުވެ އެވެ.
ސޯޝަލް މީޑިއާ ކޮންސަލްޓަންޓެއް ކަމަށްވާ މެޓް ނެވާރާ ވަނީ އިންސްޓަގްރާމް ޑެސްކްޓޮޕް ވާޝަންގެ ސްކްރީންޝޮޓްތެއް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އިންސްޓްގްރާމް ބޭނުންކުރާ މީހުންނަށް ގެނެސްދޭ ފަސޭހައާ އެކު ފޯނުން ޕޯސްޓްތައް ހެޔޮވަރުކޮށްލައި، އެޑިޓް ވެސް ކުރެވޭ ގޮތަށް ވެން ވާޝަނުގައި ވެސް އެކަންކަން ކޮށްލެވޭނެ ކަމަށެވެ.
އާ ފީޗާ ޓެސްޓްކުރާ ވާހަކަ އިންސްޓަގްރާމުން ބުނި ނަމަވެސް އެއާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ނުދެ އެވެ.