ދުނިޔޭގެ ގިނަ ބަޔަކު ބޭނުންވާ ބުކް ސެލާގެ މަގާމަށް ދިވެއްސަކު ހޯދަނީ
ދުނިޔޭގެ ގިނަ ބަޔަކު ބޭނުންވާ ބުކް ސެލާގެ މަގާމަށް ދިވެއްސަކު ހޯދަނީ

ސޮނެވާ ޖާނީގެ "ބެއާފުޓް ބުކް ސެލާ"ގެ މަގާމަށް ދިވެއްސަކު ހޯދަން އިއުލާންކޮށްފި އެވެ.

މިއީ މި ފުރުސަތު ދިވެއްސަކަށް ހުޅުވާލި ފުރަތަމަ ފަހަރެވެ. މި މަގާމަކީ ދުނިޔޭގެ އެތައް ބަޔަކު ބޭނުންވާ މަގާމެކެވެ.

"ބެއާފުޓް ބުކްސެލާ" އަކީ ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިފައިވާ މަގާމެކެވެ. މިއީ މިހާރު ދުނިޔޭގެ އެންމެ މަގުބޫލު ވަޒީފާތަކުގެ ތެރޭގައި ހިމެނޭ ވަޒީފާ އެކެވެ.

ސޮނެވާ ޖާނީގައި މީގެ ކުރިން ބުކް ސެލާއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހުން ބޭރުގެ މީޑިއާތަކަށް ބުނެފައިވާ ގޮތުގައި މިއީ ފޮތް ދެކެ ލޯބިވާ މީހުންގެ "ޑްރީމް" ވަޒީފާ ކަމަށެވެ.

ސޮނެވާއިން ބުނެފައިވާ ގޮތުގައި އެ ރިސޯޓުން ހޯދަނީ ކްލާސިކް އަދި ކޮންޓެމްޕްރަރީ ލިޓެރޭޗާ އެނގޭ، ވާހަކަ ކިޔައިދޭން އެނގޭ ދިވެއްސެއް ކަމަށެވެ. އަދި ވަޒީފާއަށް ހޮވޭ މީހަކު އެ ރިސޯޓަށް އަންނަ ޓޫރިސްޓުންގެ މެދުގައި ފޮތްތަކަށް ލޯބި ޖެއްސުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.

މީގެ އިތުރުން އެ ރިސޯޓުގެ "ބެއާފުޓް ބުކްސެލާ" ބްލޮގަށް ކޮންޓެންޓު ހޯދުމާއި އިންސްޓަގްރާމް ޕޭޖު ބަލަހައްޓަން ވެސް ޖެހޭނީ ބުކް ސެލާ އެވެ.