23 ނޮވެމްބަރ 2016 - 13:47

އެމްޑީޕީ އަށް މެމްބަރުން އިތުރުކުރުމަށް ފަށާފައިވާ ހަރަކާތުގެ ތެރެއިން މި ހަފުތާގައި އެކަނި ވެސް 1،000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީން އުނިކުރި ހުރިހާ މެމްބަރުން ޕާޓީ އަށް ވައްދަން އަމާޒު ހިފާފައިވާ ކަމަށެވެ. އެކަން ކާމިޔާބު ކުރަން އިނގިލީގެ ނިޝާނާ އެކު މި ހަފުތާގައި ވެސް ގިނަ އަދަދެއްގެ ފޯމު އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ހަފުތާއަކު ވެސް އަޅުގަނޑުމެން ފޯމު ހުށަހަޅާނަން. ޕާޓީން އުނި ކުރި މެމްބަރުންނާއި އަލަށް ގުޅެން ބޭނުންވާ މެމްބަރުންގެ ފޯމުތައް ވެސް މި އަންނަނީ ހުށަހަޅަމުން،" އަނަސް ވިދާޅުވި އެވެ.
އިނގިލީގެ ނިޝާން ނެތް މެމްބަރުން ޕާޓީތަކުން ވަކި ކުރި އިރު އެންމެ ގިނަ މެމްބަރުން ވަކިކޮށްފައި ވަނީ އެމްޑީޕީންނެވެ. އިލެކްޝަނުން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް 46،608 މީހުން ތިބި އެމްޑީޕީން ވަނީ 18،803 މީހުން ވަކި ކޮށްފަ އެވެ.
ޕާޓީތަކުގެ ދަފްތަރަށް ގެނައި ބަދަލާއެކު މިހާރު އެންމެ ބޮޑު ޕާޓީއަކީ 37،633 މެމްބަރުންނާ އެކު ޕީޕީއެމް އެވެ.
ޕާޓީތަކުގެ ގާނޫނަށް 2013 ގައި އަމަލު ކުރަން ފެށި އިރު، އެ ގާނޫނު އައުމުގެ ކުރިން ސޮއި ކުރި މެމްބަރުންގެ ފިންގަޕްރިންޓް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައެއް ނެތެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ނިންމީ ގާނޫނު އައުމުގެ ކުރިން ސޮއި ކުރި މެމްބަރުން ވެސް ފިންގަޕްރިންޓް ހުށަހަޅަން ޖެހޭނެ ކަމަށާއި ހުށަނާޅައިފި ނަމަ ޕާޓީން ވަކި ކުރާނެ ކަމަށެވެ.
ޕާޓީތަކުގައި ތިބި މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މީހުން ޕާޓީތަކުން ވަކި ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެމްޑީޕީން ވަނީ އެކަމާ ދެކޮޅަށް ކުރިން ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ. އެކަމަކު މިދިޔަ މަހުގެ ފަހުކޮޅު ސިވިލް ކޯޓުން އެ މައްސަލަ ނިންމީ އިލެކްޝަންސް ކޮމިޝަނާ އެއްކޮޅަށެވެ.