25 ޖޫން 2021 - 16:09

ރިސޯޓް ތަރައްގީކުރަން ހުޅުވާލި ރަށްތަކުގެތެރެއިން ހަތް ރަށަކަށް ނުވަ ފަރާތަކުން 13 ބީލަން ހުށަހަޅައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އޭޕްރިލް މަހު ހަތް އަތޮޅެއްގެ 16 ރަށެއްގައި ރިސޯޓް ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލައިފަ އެވެ. ނަމަވެސް ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ހުށަހަޅާފައިވަނީ އެންމެ ނުވަ ރަށަކަށެވެ.
- މ. ސީދީހުރާ (ސީދީ ހުރާ ވެލިގަނޑާ އެކު)
- ހއ. ވެލި ފިނޮޅު
- ގދ. ކަނޑަހަލަގަލާ
- ތ. ކާއްޑޫ
- ތ. އޮޅު ފުށި (އޮޅުފުށި ފިނޮޅާއެކު)
- ލ. ބޮޑު މުންޏަފުށި
- ގއ. ފުނަދޫ ވިލިގިއްލާ
މި ރަށްތަކުގެ ތެރެއިން ސީދިހުރާއަށާއި ކަނޑަހަލަގަލާ އަށް ތިން ފަރާތަކުން ބީލަން ހުށަހަޅާފައިވާއިރު ވެލި ފިނޮޅަށް ދެ ފަރާތަކުން ވަނީ ބީލަން ހށަހަޅައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ހުށަހަޅާފައިވާ ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން އަގުގެ ފަރަގު އެންމެ ކުޑަ ލީޒް އެކުއިޒިޝަން އަގާ އަޅާބަލާއިރު 140 ޕަސެންޓަށްވުރެ އިތުރު ކަމަށެވެ.
އެ މިނިސްޓްރީގެ ޑިރެކްޓާ، ޕްލޭނިން އަލީ ޝިނާން ވިދާޅުވީ މިހާރު ބީލަމަށް ހުޅުވާލި 16 ރަށުގެ ތެރެއިން ބީލަން ހުށަނާޅާ ރަށްތަކާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެ ރަށްތަކުގެ އެސެސްމަންޓެއް ހެދުމަށްފަހު އަލުން ރީބިޑަށް ހުށަހެޅުމާ ގުޅޭގޮތުން ގޮތް ނިންމާނީ ޕޮލިސީ ލެވެލް އިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ބީލަން ހުށަހަޅާފައި ހުރި ރަށްތަކުގެ އިވެލުއެޝަން ނިންމާފައި ބަލާނީ ބީލަން ހުށަނާޅާ ރަށްތައް އަލުން ބީލަމަށް ލާނީތޯ. ނުނީ ތިންވަނަ ފިޔަވަހީގެ ދަށުން ހުޅުވާލާ ރަށްތަކުގެ ބީލަމަށް ފަހުތޯ މި ރަށްތައް އަލުން ބީލަމަށް ހުޅުވާލާނީ،" ޝިނާން ވިދާޅުވި އެވެ.
ބީލަން ހުށަހަޅާފައިވާ ހަތް ރަށުގެ އިވެލުއޭޝަންގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މި މަސައްކަތް ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރެ އެވެ.