ޗައިނާއާ ހަނގުރާމައަށް ތައްޔާރުވާން ޖެހިއްޖެ: ތައިވާން
ޗައިނާއާ ހަނގުރާމައަށް ތައްޔާރުވާން ޖެހިއްޖެ: ތައިވާން

ޗައިނާއާ ދެކޮޅަށް ހަނގުރާމައަކަށް ތައްޔާރުވާން ޖެހިފައިވާ ކަމަށް، ތައިވާނުން ބުނެފި އެވެ.

ތައިވާނުގެ ހާރިޖީ ވަޒީރު ޖޯސެޕް ވޫ ވިދާޅުވީ ޗައިނާ އިން ތައިވާނަށް ކުރިމަތިކުރާ އަސްކަރީ ބިރުދެއްކުންތައް އިތުރުވަމުން ދާއިރު، އެކަމާ ދެކޮޅަށް އަޅަންޖެހިދާނެ އަސްކަރީ ފިޔަވަޅަކަށް ތައިވާން މިހާރު ތައްޔާރު ވާންޖެހިފައިވާ ކަމަށެވެ.

ހާރިޖީ ވަޒީރުގެ މިމޭރުމުން ވާހަކަ ދެއްކެވި އިރު، ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކުން ތައިވާންގެ ވައިގެ ސަރަހައްދަށް ވަންނަ މިންވަރު މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ތައިވާނުން އަމިއްލަ އަށް ކަނޑައަޅާފައި އޮންނަ އެ ގައުމުގެ ވައިގެ ދިފާއީ ސަރަހައްދަށް، މި މަހުގެ 15 ވަނަ ދުވަހު ޗައިނާގެ ހަނގުރާމަމަތީ 28 މަތިންދާބޯޓެއް ވަދެފައިވާ ކަމަށް ތައިވާނުން ބުނެ އެވެ.

އޭގެ ކުރިން އެޕްރީލް 12 ވަނަ ދުވަހު ވެސް، ޗައިނާގެ ހަނގުރާމަމަތީ 25 މަތިންދާބޯޓެއް، ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ވަދެފައިވެ އެވެ. އޭގެ ތެރޭގައި ފައިޓަރު ޖެޓްތަކާއި ބޮން އަޅާ ބޯޓުތަކާއި، ސަބްމެރިންއަށް ހަމަލާ ދޭ ބޯޓުތަކާއި، އަސްކަރީ ޖާސޫސީ ބޯޓުފަހަރު ވެސް ހިމެނެ އެވެ.

"ތައިވާންގެ ގޮތް ނިންމަން ތިބި މީހުންގެ ހައިސިއްޔަތުން، ކަންކަން ވެގެންދާނެ ގޮތަކަށް ބަލަހައްޓައިގެން ނުތިބެވޭނެ. އަހަރެމެން ތިބެން ޖެހޭނީ ތައްޔާރުވެގެން. ބާރުގެ ބޭނުން ކުރުމަކީ ނެތްކަމެއް ނޫން ކަމަށާއި، މިހާރު ތައިވާން ކައިރީގައި ކުރިއަށް ދަނީ އަސްކަރީ ތަމްރީންތަކެއް ކަމަށް ޗައިނާ އިން އެބަ ބުނޭ. އެހެންވީމާ، އަހަރެމެން ގަބޫލުކުރަން ޖެހޭނީ ހަގީގަތަކީ ވެސް އެއީ ކަމަށް،" ތައިވާންގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ.

ތައިވާނަކީ މިނިވަން ގައުމެއް ކަމަށް، ނުރަސްމީކޮށް އެގައުމުން ބުނަމުން އަންނަ އިރު، ޗައިނާ އިން ބުނަނީ ތައިވާނުން މިނިވަންކަން އިއުލާންކޮށްފި ނަމަ، ބާރުގެ ބޭނުންކޮށްގެން ވިޔަސް، ޗައިނާގެ ފުރިހަމަ ބާރުގެ ދަށަށް ގެންނާނެ ކަމަށެވެ.

ތައިވާންގެ ހާރިޖީ ވަޒީރު ޖޯސެޕް ވޫ އަކީ ތައިވާންގެ މިނިވަންކަމަށް ވަރަށް ފާޅުގައި ވަކާލާތު ކުރައްވާ ބޭފުޅަކަށްވާތީ، ޗައިނާ އިން ވަރަށް ބޮޑަށް އޭނާ އަށް ފާޑު ކިޔަ އެވެ. ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވެސް ވޫ ވިދާޅުވީ ޗައިނާ އިން ތައިވާނަށް ހަމަލާ ދީފި ނަމަ، އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް، ތައިވާނުން އަމިއްލަ މިނިވަންކަމުގެ ދިފާއުގައި ހަނގުރާމަ ކުރާނެ ކަމަށެވެ.

ޗައިނާގެ ތައިވާން ގުޅުންތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު ޒޫ ފެންގްލިން ވިދާޅުވީ ޗައިނާ އާއި ތައިވާންގެ ގުޅުން ދެމެހެއްޓުމަށްޓަކައި، ތައިވާންގެ މިނިވަންކަން ހުއްޓުވުމަކީ ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. ވޫއަކީ ތައިވާންގެ މިނިވަންކަމުގެ ހިޔާލު ދިރުވައި އާލާކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރާ މީހެއް ކަމަށާއި، އެފަދަ މީހުންނާ ދެކޮޅަށް ގާނޫނުގައިވާ ގޮތުގެ މަތިން އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ވެސް ޒޫ ވިދާޅުވި އެވެ.

"ބޭޖިންގައި އޮތް ކޮމިޔުނިސްޓް ސަރުކާރުގެ އަމާޒަކަށް އަހަރެން ވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. ގަދަބާރުން ކަންކަން ކުރާ މީހުންނަށް ކަންކަމުގެ ހަގީގަތް ތަހައްމަލެއް ނުކުރެވޭނެ. އަހަރެންގެ މުޅި ހަޔާތުގައި ވެސް އަހަރެންނަށް ފާރަލާނެ ކަމަށް އެމީހުން ބުނާ ނަމަ، އަހަރެން އެކަމާ ފަރުވާލެއް ނުބަހައްޓަން،" ޗައިނާގެ ވާހަކަތަކަށް ރައްދު ދެއްވައި ތައިވާންގެ ހާރިޖީ ވަޒީރު ވޫ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތައިވާނަކީ، ޗައިނާގެ އިރުދެކުނު އައްސޭރިފަށުން ފެށިގެން 130 މޭލު ދުރުގައި ވަކިން އޮންނަ ޖަޒީރާއެކެވެ. ތައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާ އިން ބުނާ އިރު، ޗައިނާގެ ކޮމިޔުނިސްޓް ސިފައިންނާއި، ވަތަނީ ފިކުރުގެ ހަނގުރާމަވެރިންނާ ދެމެދު، މީގެ 70 އަހަރު ކުރިން ހިނގި ދާހިލީ ހަނގުރާމައަށް ފަހު، އިދާރީ ގޮތުން ތައިވާން ހިންގަމުން އަންނަނީ ޗައިނާއާ މުޅިން ވަކިންނެވެ.

ޗައިނާގެ ދާހިލީ ހަނގުރާމައިގައި ބަލިވި ވަތަނީ ފިކުރުގެ އެންމެން ޗައިނާ ދޫކޮށް، ތައިވާނަށް ހިޖްރަކުރީ އެވެ. އޭގެ ފަހުން ތައިވާނުގައި ވެރިކަން ކުރަމުން އަންނަނީ ޗައިނާއާ މުޅިން ވަކިންނެވެ. ތައިވާންގެ މިނިވަންކަމަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެހިތެރިވެދެނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުންނެވެ.