25 ޖޫން 2021 - 14:37

އަމިއްލަ ބިމުގައި ނިކަމެތިވެފައި ތިބި ފަލަސްތީނު ރައްޔިތުން އެ މީހުންގެ ހައްގު ހޯދަން ކުރާ މަސައްކަތުގައި ވަރުބަލިވުމެއް ނެތެވެ. ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް ކޮންމެ ގޮތަކަށް ފިއްތުން އިތުރުކުރިޔަސް ހައްގު ބަސް ބުނުމުގައި އެ ތިބީ މިކަން ފެށުނު އިރު ވެސް ތިބި ގޮތަށެވެ. އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުންނެވެ.
ފަލަސްތީނުގައި އިޒްރޭލާ ދެކޮޅަށް ބޭއްވި އެއްވުންތަކުގައި ފަލަސްތީނު ދިދަ ބޭނުންކުރުން މަނާވުމުން ކަރާ ފޮތިތައް ހިފައިގެން އުޅުނު ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މިއީ ކަށަވަރު ވާހަކަތަކެއް ނޫނެވެ. ނަމަވެސް ފަލަސްތީނުގެ އާޓިސްޓުން ވަނީ ފަލަސްތީނުގެ ރަމްޒެއްގެ ގޮތުގައި ކަރާ މަޝްހޫރުކޮށްފަ އެވެ.
ރަތާއި ކަޅާއި ފެއްސާއި ހުދުގެ، ފަލަސްތީނު ދިދަ ގެންގުޅުން، ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ގާޒާގައި މަނާ ދުވަސްވަރެއް ދިޔަ އެވެ. އެއީ 1967 ވަނަ އަހަރު އަރަބިންނާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމައަށް ފަހުގަ އެވެ. ދިދަ ގެންގުޅޭ މީހުންނަށް ގޯނާކޮށް ހައްޔަރުކުރުމުގެ މައްސަލައަށް ކުޑަވެސް ހައްލެއް އައީ 1993 ވަނަ އަހަރު އޮސްލޯ މުއާހަދާގެ ދަށުން ފަލަސްތީނާއި އިޒްރޭލާ ދެމެދު އެއްބަސްވި ކަންކަމަށް ފަހު "ޕަލަސްތީނިއަން އޮތޯރިޓީ" އަށް ރަސްމީ ސިފައެއް އައުމުންނެވެ.
ކަރަޔަކީ ވެސް ފަލަސްތީނު ރަމްޒުކޮށްދޭ އެއްޗެއް ކަމަށް އިޒްރޭލުން ގަބޫލުކުރާކަން އެންމެ ބޮޑަށް އެނގެނީ ފަލަސްތީނުގެ ތިން އާޓިސްޓަކު ބޭއްވި އެގްޒިބިޝަނެއް ހުއްޓުވި ހާދިސާއަކުންނެވެ. މި ތިން އާޓިސްޓުންގެ ތެރެއިން މިހާރު އުމުރުން 70 އިން މައްޗަށް ގޮސްފައިވާ ސުލައިމާން މަންސޫރު ބައެއް މީޑިއާތަކަށް ކިޔައިދީފައިވާ ގޮތުގައި 1980 ވަނަ އަހަރު އެ މީހުން ބޭއްވި އެގްޒިބިޝަނެއް އިޒްރޭލު ސިފައިން ހުއްޓުވި އެވެ. އެގްޒިބިޝަން ހުޅުވިތާ ތިން ގަޑިއިރު ނުވަނީސް އިޒްރޭލު ސިފައިންގެ ވަދެގަނެ އެގްޒިބިޝަން ހުއްޓުވައި ހުރިހާ އެއްޗެއް އެތަނުން ނެގި އެވެ. އެއީ އެތަނުގައި ހުރި އާޓްވޯކްތަކުން ފަލަސްތީނުގެ ދިދަ އާއި ކުލަތައް ރަމްޒުވާތީ ކަމަށް ބުނެ އެވެ.
އޭނާ ކިޔައިދީފައިވާ ގޮތުގައި އެއް އާޓިސްޓު ކަމަށްވާ އީސާމް ބަދުރް، އެގްޒިބިޝަން ހުއްޓުވަން އައި އިޒްރޭލު ސިފައިންގެ މީހަކާ ކުރިމަތިލައި، ކަރައެއް ކުރެހިޔަސް މައްސަލައެއް ނެތްތޯ އޭނާ ސުވާލުކުރި އެވެ.
"އެ ވެސް ނަގާނަން،" ކަރަޔަކީ ވެސް ފަލަސްތީނު ދިދަ ރަމްޒުވާ އެއްޗެއް ކަމަށް ސިފަކޮށް އިޒްރޭލު ސިފައިންގެ މީހާ ރައްދު ދިނެވެ.
ސުލައިމާން މި ހާދިސާގެ ހަނދާން އާކޮށް ބައެއް ނޫސްތަކަށް ބުނީ އެގްޒިބިޝަން ރޫޅާލިތާ ދެ ހަފުތާ ފަހުން ހުރިހާ އާޓިސްޓުން އިޒްރޭލުން ހާޒިރުކޮށް ސިޔާސީ ކުރެހުންތައް ކުރެހުން ހުއްޓާލަން އެންގި ކަމަށެވެ. އެކަހަލަ ކުރެހުންތައް ނުކުރަހައި މާމެލާމެލި ކުރެހިދާނެ ކަމަށް އިޒްރޭލުން އެންގި ކަމަށް ސުލައިމާން ބުންޏެވެ.
"އެ މީހުން އަހަރެމެންނަށް އެންގީ ފަލަސްތީނު ދިދަ ކުރެހުން މަނާ ކަމަށް. އަދި އެ ދިދައިގެ ކުލަތައް ބޭނުންކުރުން ވެސް މަނާ ކަމަށް. އެތަނުގައި ވެސް އީސާމް ސުވާލުކުރި އެހެންވިއްޔާ ރަތާއި ފެއްސާއި ކަޅާއި ހުދު ކުލައިގެ މާ ކުރެހިދާނެތޯ. އެހެން އެހީމަ އިޒްރޭލުގެ އޮފިސަރަކު ރުޅިއައިސް ބުނީ ނުކުރެހޭނޭ. އެކަހަލަ އެއްޗެއް ވިއްޔާ އަތުލާނަމޭ. ކަރައެއް ކުރެހިޔަސް އަތުލާނަމޭ،" އެކަމަކު އޭނާ ބުނީ އެ ދުވަސްވަރު ކަރާ ހިފައިގެން މުޒާހަރާ ކުރާ ކަމުގެ ހަނދާނެއް ނެތް ކަމަށެވެ.
އެކަމަކު ފަލަސްތީނުގެ ބައެއް އާޓިސްޓުން ފަލަސްތީނާ ގުޅޭ ގޮތުން ކުރާ މަސައްކަތްތަކުގައި ކަރާ ފޮއްޗެއް ކުރެހުން އެއީ ގައުމީ ރަމްޒެއްގެ ގޮތުން މިހާރު ކުރާ ކަމެކެވެ. އަދި ސޯޝަލް މީޑިއާގެ ނުފޫޒު ގަދަވުމާ އެކު އެ ރަމްޒު ސޯޝަލް މީޑިއާގައި ވެސް ބޭނުންކުރަން ފެށީ އެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މިހާރު އެންމެ ބޮޑަށް އަޑު އުފުލަނީ ސޯޝަލް މީޑިއާގަ އެވެ. އެންމެ ފަހުން ގާޒާގައި ހިންގި އުދުވާނާ ގުޅިގެން ވެސް އިޒްރޭލަށް އެންމެ ބޮޑު އުނދަގުލަކަށް ކުރިމަތިވީ ސޯޝަލް މީޑިއާގައި އާންމުންނާއި ނުފޫޒު ގަދަ އެތައް ބަޔަކު އުފުލި އަޑާއި ހާމަކުރި ހަގީގަތްތަކެވެ. ސޯޝަލް މީޑިއާގެ މި ގަދަ ބާރުގެ ތެރެއިން ކަރާގެ ވާހަކަ ވެސް އަލުން އައީ އެވެ.