25 ޖޫން 2021 - 13:51

ލަންޑަން (ޖޫން 25) - ކްރިސްޓަލް ޕެލަސްގެ ކޯޗް ކަމާ ހަވާލުވާން އެއްބަސްވުމަށް ފަހު، ބޮރޫޝިއާ ޑޯޓްމަންޑުގެ ކުރީގެ ކޯޗު ލޫސިއަން ފާވް ފަހު ވަގުތު ނަން އަނބުރައި ގެންގޮސްފި އެވެ.
ސްވިސްގެ ކޯޗާ އެކު ޕެލަސް އިން ދެއްކި ވާހަކަތައް ކާމިޔާބަކާ ހަމައަށް ދިޔަ އެވެ. އަދި އޭނާއާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ވެސް އޮތީ ތައްޔާރުވެފަ އެވެ. ޕެލަސް އިން ވެސް އުންމީދުކޮށްގެން ތިބީ މި ހަފުތާ ނިމުމުގެ ކުރިން އެކަން އިއުލާން ކުރުމަށެވެ.
ނަމަވެސް ފަހު ވަގުތު ފާވް، 63 ޕެލަސް އަށް އަންގަފައި ވަނީ ފުޓްބޯޅައާ ދުރުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ދިގު ބްރޭކެއް ނަގަން އޭނާ ބޭނުންވާ ކަމަށެވެ. ބީބީސީން ބުނިގޮތުގައި ދިގު ބްރޭކެއް ނަގަން ފާވް ބޭނުންވީ އެހެން ލީގުތަކާއި ގައުމުތަކުގައި އަނެއްކާ ވެސް ދިގު މުއްދަތަކަށް އުޅެން އިތުރު ހަކަތަ ބޭނުންވަތީ އެވެ.
ޑިސެމްބަރު މަހު ޑޯޓްމަންޑުގެ ކޯޗް ކަމުން ވަކި ކުރި ފަހުން، ފާވް ހުރީ ބްރޭކްގަ އެވެ.
ޕެލަސް އިން ކޯޗަކު ހޯދަނީ، އެ ޓީމަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ރޯއީ ހޮޖްސަން ކޮންޓްރެކްޓް ހަމަވުމަށް ފަހު ޓީމު ދޫކޮށްލުމުންނެވެ.