25 ޖޫން 2021 - 12:46

މެޑްރިޑް (ޖޫން 25) - ފުޓްބޯޅަ ބަލާ އޯޑިއަންސް މަދުވެ، ޒުވާނުންގެ މެދުގައި ފުޓުބޯޅައިގެ މަގުބޫލުކަން ދަށްވަމުންދާ ކަމަށް، ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.
ޕެރޭޒަކީ، އޭޕްރީލް މަހު އިއުލާން ކުރި ޔޫރަޕިއަން ސުޕަ ލީގުގެ ރައީސް އެވެ. އެ މުބާރާތުގައި ހަގީގީ ކުލަ ނުޖެހެނީސް ޓީމުތައް ވަކިވެ މުބާރާތް ނުފެށެނީސް ވަނީ ފަހު ކަށިގަނޑު ފުމެފަ އެވެ. އެ މުބާރާތުގައި މިހާރު ދެމިއޮތީ ރެއާލް އާއި ބާސެލޯނާ އަދި ޔުވެންޓަސް އެވެ.
ސްޕެެއިންގެ ރޭޑިއޯ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުގައި ޕެރޭޒް ވިދާޅުވީ ފުޓްބޯޅަ އަށް މީހުން ޝައުގުވެރި ކުރެވޭނެ ގޮތެއް ޔޫއެފާ އަށް ނުހޯދުމުން ފުޓުބޯޅަ މަރުވަމުންދާ ކަމަށެވެ.
"ފުޓުބޯޅައިގެ މަގުބޫލުކަން ދަށްވާތީ ޔޫއެފާ އިން ކަންބޮޑުވެ އިތުރަށް ފުޓުބޯޅަ ޝައުގުވެރި ކުރެވޭނެ މުބާރާތްތަކެއް ތައާރަފްކުރަން ޖެހޭނެ،" ޕެރޭޒް ވިދާޅުވި އެވެ. "ފުޓުބޯޅަ ދަނީ މަރުވަމުން. ޒުވާނުން ޝައުގުވެރިވާނެ ގޮތަކަށް ނޫން އޮތީކީ. ފުޓުބޯޅަ ބަލާ އޯޑިއަންސްގެ އަދަދު ދަނީ ދަށް ވަމުން. މިހާލަތަށް އެއްވެސް ކަމެއް ނުކޮށްފިނަމަ މިއަށް ވުރެ ގޯސް ހާލަތަކަށް ހިންގައިދާނެ."
ޕެރޭޒް ވިދާޅުވީ، އާންމު ފުޓްބޯޅަ އަށް އޭނާގެ ހިޔާލު ބޭނުންވާނެ ކަމަށެވެ.
"އެކަމަކު އަހަންނާ މެދު މީހުން ސިފަކުރަން އަހަރެން ބޭނުން ވަނީ ރެއާލް މެޑްރިޑްގެ ރައީސްގެ ގޮތުގައި،" ޕެރޭޒް ވިދާޅުވި އެވެ.
މިދިޔަ ސީޒަން ނިމުމަށް ފަހު، ރެއާލް މެޑްރިޑުގެ ކޯޗުކަމުން ޒައިނުއްދީން ޒިދާން ވަނީ އިސްތިއުފާ ދީފަ އެވެ. އަދި މިދިޔަ ހަފުތާގައި ކެޕްޓަން ސާޖިއޯ ރާމޯސް ވެސް ވަނީ ކްލަބު ދޫކޮށްލައިފަ އެވެ.
ޕެރޭޒް ވިދާޅުވީ، ޒިދާން އާއި ރާމޯސް ޓީމުގައި މަޑުކުރުވަން އޭނާ ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ޒިދާންގެ ފެއާވެލް ސިޓީގެ ގޮތުގައި ސަޕޯޓަރުންނަށް ލިޔުނު ކަމަށް ބުނާ ސިޓީއަކީ ޒިދާން ލިޔެފައިވާ ސިޓީއެއް ނޫން ކަމަށް ޕެރޭޒް ވިދާޅުވި އެވެ.
"އަހަރެން ތި ސިޓީއެއް ނުވެސް ދެކެން. އެކަމަކަު ހުވާކޮށްފައި މި ބުނަނީ ތި ބުނާ ސިޓީަކީ ޒިދާން ލިޔުނު އެއްޗެއް ނޫންކަން އަހަންނަށް ޔަގީން."