ކަރިޝްމާގެ ގަދަ ފަހެއް
ކަރިޝްމާގެ ގަދަ ފަހެއް

ބޮލީވުޑްގެ ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރަކީ ރީތި އެތައް ފިލްމެއް ކުޅުނު ބަތަލާއެކެވެ. އޭނާ އަކީ ފިލްމު ކުޅުނު ދުވަސްވަރު ބޮލީވުޑްގައި ވަރަށް ވިދުން ގަދަ ބަތަލާއެކެވެ. ކުރީގެ މަޝްހޫރު އެކްޓަރު ރާޖް ކަޕޫރްގެ ކާފަ ދަރި ކަރިޝްމާ ބޮލީވުޑަށް ނުކުތީ 1991 ގެ "ޕްރޭމް ގައިދީ" އިންނެވެ.

ހުކުރު ދުވަހު 47 އަހަރު ފުރުނު ބަތަލާގެ ކެރިއަރުގެ އެންމެ ކުރީ ކޮޅު ކުޅުނު ފިލްމުތަކަކީ މާ ހިނގި ފިލްމުތަކެއް ނޫނެވެ. ކަރިޝްމާގެ ކެރިއަރު ބަދަލުކޮށްލި ފިލްމުތަކަކީ 1994 ގެ "އަންދާޒް އަޕްނާ އަޕްނާ" އެ އަހަރުގެ "ރާޖާ ބާބޫ" އާއި އާއި 1995 ގެ "ކޫލީ ނަމްބަރު 1" އާއި 1996 ގެ "ޖީތު" އެވެ.

އޭގެ ފަހުން ރީތި އަދި ކާމިޔާބު އެތައް ފިލްމެއް ކަރިޝްމާ ކުޅުނެވެ. މި ފަހަރު ހަނދާން އާކޮށްލާނީ އޭނާގެ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އަދި އެންމެ ކާމިޔާބު ފަސް ފިލްމަކަށެވެ. މި ފިލްމުތަކަކީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ އިތުރަށް ކްރިޓިކުންގެ ތައުރީފާއި އަދި އެތައް އެވޯޑެއް ކަރިޝްމާ އަށް ލިބުނު ފިލްމުތަކެކެވެ.

ދަރްމޭން ދަރްޝަން ޑައިރެކްޓްކުރި "ރާޖާ ހިންދުސްތާނީ" އަކީ ކަރިޝްމާ އާއި އާމިރު ޚާން ލީޑް ރޯލު ކުޅުނު ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

މި ފިލްމުގައި ކިޔައިދެނީ މުއްސަނދި އާއިލާއެއްގައި ހުރި އެންމެ އަންހެން ދަރިޔަކު ޗުއްޓީ ދަތުރަކަށް ނުކުމެ، ދިމާވާ އާދައިގެ ޓެކްސީ ޑްރައިވަރަކާ ލޯބީގެ ގޮތުން ކައިވެންޏާ ހަމައަށް ގޮސް، އެންމެ ފަހުން އާއިލާގެ ތެރެގައި ދިމާވާ ބޮޑެތި މައްސަލަތަކެވެ.

ކަރިޝްމާ ވަރަށް ގްލެމެރަސް ރޯލަކުން ފެނުނު 1996 ގެ "ރާޖާ ހިންދުސްތާނީ" އަކީ އެ ފިލްމުގެ ލަވަތައް ވެސް ރީތިކަމުން ބެލުންތެރިން އޭޖެ ޖާދޫގައި ޖެހުނު ފިލްމެކެވެ. މިހާރު ވެސް އެ ފިލްމުގެ ލަވަތައް އެހާމެ މަޝްހޫރެވެ.

"ރާޖާ ހިންދުސްތާން" އަކީ އައިޝްވާރިއާ ރާއީ އާއި ޕޫޖާ ޕަބް ފަދަ ބަތަލާއިން ދޫކޮށްލުމުން ކަރިޝްމާ އަށް ލިބުނު ފިލްމެކެވެ. އޭނާގެ ވިދުން އެންމެ ގަދަކޮށްލި ފިލްމަކީ ވެސް މި އެވެ. މި ފިލްމު ކުޅެގެން ކަރިޝްމާ އަށް އެންމެ މޮޅު ބަތަލާގެ ފިލްމުފެއާ އެވޯޑް ވެސް ލިބުނެވެ.

މިއުޒިކަލް ރޮމޭންސް ފިލްމެއްގެ ގޮތުގައި ގެނެސްދިން 1997 ގެ "ދިލް ތޯ ޕާގަލް ހޭ" އަކީ ކަރިޝްމާ ސަޕޯޓިންް ރޯލެއް ކުޅުނު، އެކަމަކު ބެލުންތެރިން އޭނާގެ ކެރެކްޓާގެ އަވާގައި ވަރަށް ބޮޑަށް ޖެހުނު ފިލްމެކެވެ.

ލޯބީގެ ފިލްމުތައް ހަދަން މަޝްހޫރު ކުރީގެ ޑައިރެކްޓަރު ޗާޝް ޗޯޕްޅާގެ މި ފިލްމަކީ ޒުވާނުންނާ ވަރަށް ގުޅޭ ގޮތަށް މޮޑަން ސްޓައިލަކަށް ގެނެސްދިން "ފިލްމުގެ ގެ ލީޑް ތަރިންނަކީ ޝާހްރުކް ޚާނާއި މަދޫރީ ޑިކްސިޓެވެ. އަދި ފިލްމުގެ ކުޑަކުޑަ ރޯލެއް އަކްޝޭ ކުމާރު ވެސް ކުޅުނެވެ.

ފިލްމުފެއާ އެވޯޑްސްގައި ޝާހްރުކާއި މަދޫރީ އެންމެ މޮޅު ބަތަލު އާއި ބަތަލުގެ އެވޯޑް ގެންދިޔަ އިރު ކަރިޝްމާ އަކީ އެންމެ މޮޅު ސަޕޯޓިން ބަތަލާ އެވެ. އަދި "ދިލް ތޯ ޕާގަލް ހޭ" ގައި ކުޅުނު ރޯލުން ކަރިޝްމާ އަށް މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބުނެވެ.

ޑޭވިޑް ދަވަން 1999 ގައި ގެނެސްދިން "ބީވީ ނަމްބަރު 1" އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޖޯޑެއްގެ ގޮތުގައި މަޝްހޫރުވި ސަލްމާނާއި ކަރިޝްމާ ޖޯޑު އެކީގައި ފެނިގެން ދިޔަ ފިލްމެކެވެ. މިއީ ފިރިމީހާ ބޭވަފާތެރިކަން ފަޅާއެރުމުން އޭނާ ހަމަމަގަށް އަޅުވަން ގެވެހި އަންބަކު ކުރާ މަސައްކަތް މަޖާ ގޮތަކަށް ގެނެސްދިން ފިލްމެކެވެ.

ކަރިޝްމާ ވަރަށް އިންޑިއާވަންތަ ކެރެކްޓާއަކުން ފެނިގެން ދިޔަ "ބީވީ ނަމްބަރު 1" އިން އެންމެ މޮޅު ބަތަލާގެ ފިލްމުފެއާ އަށް ނޮމިނޭޓްވި އެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަނިލް ކަޕޫރާއި ސުޝްމިތާ ސެން އާއި ތައްބޫ އަދި ސައިފް އަލީ ޚާން ވެސް ހިމެނެ އެވެ.

ކަރިޝްމާ ވަރަށް އިންޓެންސް ރޯލަކުން ފެނިގެން ދިޔަ "ފިޒާ" އަކީ 2000 ވަނަ އަހަރު ރިލީޒްވި ފިލްމެކެވެ. ޙާލިދު މުހައްމަދު ކްރައިމް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން ފިލްމުގައި ކަރިޝްމާ އަކީ ރިތިކް ރޯޝަންގެ ދައްތަ އެވެ.

"ފިޒާ" ގެ މައިގަނޑު ޕްލޮޓަކީ ބޮމްބޭގައި ހިނގާ ހަމަނުޖެހުންތަކަކަށް ފަހު، ކޮއްކޮ ގެއްލުމުން އޭނާ ހޯދަން ދައްތައަކު ކުރާ ހިތްވަރު ގަދަ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓްގައި ޖަޔާ ބައްޗަނާއި ބިކްރަމް ސަލޫޖާ ވެސް ހިމެނެ އެވެ.

"ފިޒާ" އަކީ ކްރިޓިކުން ފާހަގަކޮށްފައިވާ ގޮތުގައި މިހާތަނަށް ކަރިޝްމާގެ އެންމެ މޮޅު އެކްޓިންއެއް ފެނިގެން ދިޔަ އެއް ފިލްމެވެ. މި ފިލްމުން ވެސް އޭނާ އެންމެ މޮޅު ބަތަލާގެ ފިލްމުފެއާ އެވޯޑް ވެސް ހާސިލުކުރި އެވެ.

"ދެހާސް އެއް ވަނަ އަހަރުގެ "ޒުބޭދާ" އަކީ ކަރިޝްމާ ފިލްމުފެއާގެ ކްރިޓިކްސް މޮޅު ބަތަލާގެ މަގާމު ހޯދި ފިލްމެކެވެ. ޝާމް ބެނެގާލް ގެނެސްދިން ފިލްމަކީ ތަންކޮޅެއް ކުރީގެ ޝާހީ އާއިލާއެއްގެ ލޯބީގެ ވާހަކައެއް ކިޔައިދިން ފިލްމެކެވެ.

އޭއާއާރް ރަހްމާން ހަދައިދިން ލަވަތަކާ އެކު ފުރިހަމަކަން އިތުރުކޮށްދިން "ޒުބޭދާ" ގެ މައިގަނޑު ކާސްޓުންނަކީ ކަރިޝްމާ އާއި މަނޯޖް ބަޖްޕާއީގެ އިތުރުން ރޭކާ އެވެ. މި ފިލްމަކީ އެ ގެނެސްދިން އަހަރުގެ ނެޝަނަލް އެވޯޑްސްގައި އެންމެ މޮޅު ހިންދީ ފިލްމު ވެސް މެ އެވެ.

މި ފަސް ފިލްމުގެ އިތުރުން ވެސް ކަރިޝްމާ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައި އެވެ. އޭގެ ތެރޭގައި ޑޭވިޑް ދަވަންގެ 1997 ގެ ގެނެސްދިން "ހީރޯ ނަމްބަރު" އާއި އެ އަހަރުގެ "ޖުޅުވާ" އަދި ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ 1999 ގެ "ހަމް ސާތު ސާތު ހޭ" ފާހަގަކޮށްލެވެ އެވެ.

ދެހާސް ތިނެއްގައި ކައިވެނިކޮށް ދަރިން ވެސް ލިބުނު ފަހުން އެކްޓިންއާ ދުރުގައި ހުރުމަށް ފަހު، ކައިވެނި ރޫޅުމުން ކަރިޝްމާ ލީޑް ރޯލު ކުޅުނު ފިލްމަކީ 2012 ގެ "ޑޭންޖަރަސް އިޝްގް" އެވެ. އެކަމަކު އެ ފިލްމަކީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ.

އެންމެ ފަހުން ކަރިޝްމާ ފެނިފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު އެކްތާ ކަޕޫރްގެ އޯލްޓް ބާލާޖީން ގެނެސްދިން ވެބް ސީރީޒް "މެންޓަލްހުޑް" އިންނެވެ.