އިންޑިއާގެ ޖުޑީޝަރީގެ މައްސަލަތައް އަޖޭގެ ފިލްމަކުން
އިންޑިއާގެ ޖުޑީޝަރީގެ މައްސަލަތައް އަޖޭގެ ފިލްމަކުން

މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު "ނާންދީ" ގެ ރިމޭކިން ރައިޓްސް ހޯދައި އެ ފިލްމު ހިންދީ އޯޑިއަންސަށް ގެނެސްދޭން އަޖޭ ދޭވްގަން ނިންމައިފި އެވެ.

މި ފިލްމު ގެނެސްދޭން ނިންމާފައި ވަނީ އަޖޭގެ އަމިއްލަ ފިލްމު ކުންދުނީ އޭޑީ ފިލްމްސް އާއި މަޝްހޫރު ތެލެގޫ ޕްރޮޑިއުސަރު ދިލް ރާޖޫ ގުޅިގެންނެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 19 ގައި ރިލީޒްކުރި "ނާންދީ" އަކީ ކޯޓްރޫމް ޑްރާމާއެކެވެ. ކްރިޓިކުންނާއި ބެލުންތެރިންގެ ތަރުހީބު ވެސް ވަރަށް ބޮޑަށް ލިބުނު ފިލްމުގެ މައިގަނޑު ޕްލޮޓަކީ ޖުޑީޝަރީ ތެރޭގައި ހުރި ބާގަނޑުތަކުގެ ސަބަބުން އިންސާފަށް ކުރިމަތިވާ ހުރަސްތަކަތެކެވެ.

އަޖޭ ބުނީ އޭގެ ވާހަކަ އަކީ އިންޑިއާގެ ހާލަތު ވަރަށް ރަނގަޅަށް، ވަރަށް ފުރިހަމަ އަށް ދައްކުވައި ދީފައި އޮތް އެއްޗަކަށް ވާތީ ހީންދީ ބަހުން ފިލްމު ގެނެސްދިނުމުން ބޮޑު އޯޑިއަންސަކަށް އޭގެ ވާހަކަ ފޯރާނެ ކަމަށެވެ.

"މީގެ ސްކްރިޕްޓް ވެސް އަހަރެމެން މިހާރު ފައިނަލްކޮށްފިން. އެކަމަކު މަސައްކަތް އަދި ވަރަށް އޮތީ ކުރީ މަރުހަލާއެއްގައި ކަމަށްވާތީ ފިލްމުގެ ޑައިރެކްޓަރާއި ކާސްޓުން ހަމަޖެހުނީމަ އިތުރު ތަފުސީލު ދޭނަން،" އަޖޭ ބުންޏެވެ.

އޭނާގެ އެ ވާހަކަތަކަށް ބަލާ އިރު "ނާންދީ" ގެ ރިމޭކުން އަޖޭ ފެންނާނެ ކަމަކަށް ނުބެލެވެ އެވެ. ތެލެގޫ ފިލްމެއްގެ ރައިޓްސް ހޯދައިގެން އޭގެ ހިންދީ ރިމޭކް ހަދަން ނިންމި އިރު 2019 ގެ ތަމަޅަ ފިލްމު "ކައިތީ" ގެ ރިމޭކަކީ އަޖޭ ކުޅެން ހަމަޖެހިފައިވާ ފިލްމެކެވެ.

"ނާންދީ" އަކީ ވިކޭ ކަނަކަމެޑާލާ ޑައިރެކްޓްކުރި ފިލްމެކެވެ. އޭގެ މައިގަނޑު ރޯލުތައް ކުޅުނީ އައްލާރީ ނަރޭޝް އާއި ވަރަލަކްޝްމީ ސަރަތުކުމާރެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭ ޕްރޮޑިއުސްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ އެޕްރީލްގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމީކުރި އަބީޝެކް ބައްޗަންގެ "ދަ ބިގް ބުލް" އެވެ.