ކޮވިޑް ޖެހިގެން އެޑްމިޓްކޮށްފައި މިހާރު ތިބީ 38 މީހުން
ކޮވިޑް ޖެހިގެން އެޑްމިޓްކޮށްފައި މިހާރު ތިބީ 38 މީހުން

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ ކޮވިޑުގެ ބަލި މީހުންގެ އަދަދު، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ދިއުމާ އެކު ވަރަށް ބޮޑަށް މަދުވެއްޖެ ހިނގައްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ އަދަދު މިއަދު ހަވީރު 6:00 އާ ހަމައަށް ހުރީ 38 ގައި ކަމަށެވެ. މިއީ ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެގެން ދިޔައިރު އެޑްމިޓްކޮށްފައިވާ އަދަދާ އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ހާހުން މަތިން ގުނެމުން ދިޔައިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު 200 އިން މަތީގައި އެތައް ދުވަހަކު ހުއްޓެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު އޭގެ ތެރެއިން މަރުވި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 4،959 ސާމްޕަލް ޓެސްޓުކުރިއިރު އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 212 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 52 މީހަކާއި އެކި ރަށްރަށުން 157 މީހަކާއި ރިސޯޓުތަކުން ދޭއް އަދި ސިނާއީ މަސައްކަތްކުރާ ރަށަކުން މީހެކެވެ.

އެ ބަލިން އިތުރު 311 މީހަކު ރަނގަޅުވެފައިވާތީ ކޮވިޑުގެ އެކްޓިވް ކޭސްތައް ވެސް ވަނީ 4،262 އަށް މަދުވެފަ އެވެ.

ކޮވިޑުގެ ހަތަރު ވަނަ ރާޅަށްފަހު މާލެ ސަރަހައްދުގައި ބަލީގެ ހާލަތު ރަނގަޅުވާން ފެށިޔަސް އެޗްޕީއޭ އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދިވެސް އޮތީ ވަރަށް ބޮޑަށް ހިފަހައްޓައިފަ އެވެ.