ވިމެން އޭޝިއަން ކަޕް ކޮލިފައިން؛ ރާއްޖެއިން ވަރުގަދަ ވިއެޓްނާމްއާ ދެކޮޅަށް
ވިމެން އޭޝިއަން ކަޕް ކޮލިފައިން؛ ރާއްޖެއިން ވަރުގަދަ ވިއެޓްނާމްއާ ދެކޮޅަށް

އަންނަ އަހަރު އިންޑިއާގައި ބާއްވާ، ވިމެން އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅެން ޖެހޭ ކޮލިފައިންގައި ވަރުގަދަ ވިއެޓްނާމް ހިމެނޭ ގުރޫޕްގައި ރާއްޖެ ލައްވާލައިފި އެވެ.

ގުރޫޕް ބީގައި ރާއްޖެ އާއި ވިއެޓްނާމްގެ އިތުރުން ދެން ހިމެނެނީ ތަޖިކިސްތާން އަދި އަފްގާނިސްތާނެވެ.

ފީފާ ރޭންކިންގައި ވިއެޓްނާމުގެ މަގާމަކީ ދުނިޔޭގެ 33 ވަނަ އެވެ. އޭޝިއާގެ ރެންކިންގައި އެ ޓީމު އުޅޭނީ ހަ ވަނައިގަ އެވެ. ވިމެން އޭޝިއަން ކަޕް ދެ ފަހަރަށް ވިއެޓްނާމްގައި ބޭއްވި އެވެ. އަދި އަށް ފަހަރު އެ މުބާރާތުގައި ވާދަކުރި އެވެ. އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި މުބާރާތުގައި ގްރޫޕްގެ ތިން ވަނަ ހޯދައިގެން ނޮކައުޓް ބުރަށް ދިއުމަށް ޕްލޭއޮފް އަށް އެ ޓީމު ކޮލިފައިވި އެވެ. ޕްލޭއޮފްގައި ބަލިވީ ތައިލެންޑް އަތުންނެވެ.

އެ ގުރޫޕްގައި ދެން އޮތީ ނިސްބަތުން ރާއްޖެ އާ އެއް ލެވަލްގެ ތަޖިކިސްތާން އެވެ. ފީފާގެ ވޯލްޑް ރޭނކިންގައި ތަޖިސްތާންގެ މަގާމަކީ 135 ވަނަ އެވެ. ރާއްޖޭގެ މަގާމަކީ 144 ވަނަ އެވެ. އެހެންވެ އެ ޓީމާ ދެކޮޅަށް ރާއްޖެއަށް ރަނގަޅު ވާދައެއް ކުރެވޭނެ ކަމަށް ބެލެވެ އެވެ. ތަޖިކިސްތާންގެ އަންހެން ފުޓްބޯޅަ ވަނީ 2017 ގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެ އަހަރު ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގެ ތެރއަށް އެ ޓީމު ވަނެވެ.

މި ގުރޫޕްގައި ދެން އޮތީ އަފުގާނިސްތާނެވެ. މީގެ ކުރިން ރާއްޖޭގެ އަންހެން ޓީމުން ވެސް ވަނީ އަފްގާނިސްތާން ބަލިކޮށްފަ އެވެ. އިންޑިއާގައި 2014 ގައި ބޭއްވި އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ވަނީ އަފްގާނިސްތާން ބަލިކޮށްފަ އެވެ. އެ ފަހަރު މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ޖާގަ ހޯދި އެވެ.

ކޮލިފައިން މެޗުތައް ކުޅޭނީ ސެޕްޓެމްބަރު 14 އިން 25 އަށެވެ. ރާއްޖެ ހިމެނޭ ގުރޫޕް ބީގެ މެޗުތައް ކުޅޭނީ ތަޖިކިސްތާންގަ އެވެ. މެޗުތައް ކުޅޭނެ ސީދާ ތާރީހު އޭއެފްސީ އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި ކުޅެން ޖެހޭނީ ތަޖިކިސްތާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ވިއެޓްނާމްއާ ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި އަފްގާނިސްތާނާ ދެކޮޅަށެވެ. އޭޝިއަން ކަޕަށް ކޮލިފައި ވަނީ ގުރޫޕްގެ އެއް ވަނަ ހޯދާ ޓީމެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅައިގައި 2018 އާއި 2019 އަކީ ކާމިޔާބު ދެ އަހަރެވެ. ސިންގަޕޫރުގައި 2018 ގައި ބޭއްވި އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުން ރާއްޖެ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ވެލެންސިއާގެ މިހާރުގެ ހެޑް ކޯޗް މުހައްމަދު އާތިފް (އާތީ) ކޯޗު ކަމުގެ ދަށުން ހޯދި މެޑަލްއަކީ އަންހެން ފުޓްބޯޅަ އިން ރާއްޖެ ހޯދި ފުރަތަމަ މެޑަލް އެވެ. އަދި ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އަހްމަދު ނާޝިދު (ނާދު) ގެ ކޯޗް ކަމުގެ ދަށުން ބްރޯންޒް މެޑަލް ހޯދި އެވެ. އެއީ ސައުތު އޭޝިއާގެ އަންހެން ފުޓްބޯޅަ އިން ރާއްޖެ ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

އަންނަ އަހަރު އިންޑިއާގައި ބާއްވާ އޭޝިއަން ކަޕް އޮންނާނީ ޖެނުއަރީ 20 އިން ފެބްރުއަރީ 6 އަށެވެ. މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން އިންޑިއާ ވަނީ ކޮލިފައިވެފަ އެވެ. އަދި އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަން ޖަޕާނާއި ރަނަރަފް އޮސްޓްރޭލިއާ އަދި ތިން ވަނަ ހޯދި ޗައިނާވެސް ވަނީ ކޮލިފައިވެފަ އެވެ. ބާކީ އަށް ޖާގައަށް ކޮލިފައި ވާނީ އަށް ގުރޫޕުން އެއް ވަނަ ހޯދާ ޓީމެވެ.