24 ޖޫން 2021 - 17:15

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތު ކުރެވިފައިވާ ސިމްބޮލިކް ރެކޯޑްސްގެ މަޝްހޫރު ރެޕް އާޓިސްޓް އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ޕެސްޓު ހައްޔަރު ކުރީ، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭނާއާ އެކު އިތުރު ހަތަރު މީހަކު އަތުލައިގަތެވެ.
އެ މައްސަލައިގައި މިހާރު ދައުވާކޮށްފައިވާއިރު، މިއަދު އޮތް ބަންދު ރިވިއު އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައިި ކުރާކަމުގެ ހެކި ޕެސްޓާ ދެކޮޅަށް އެބަހުރި ކަމަށާއި އޭނާގެ ފަރާތުން މުޖުތަައުގެ ސަލާމަތަށް ނުރައްކަލެއް އަތުވެދާނެ ކަމަށެވެ. އެހެންވެ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދުނެވެ.
އެކަމަށް ޕެސްޓްގެ ވަކީލުން ދެކޮޅު ހެދިޔަސް، ގާޒީ ހުސެއިން ފާއިޒު ރަޝާދު ނިންމެވީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ.
ޕެސްޓުގެ އިތުރުން، އެ މައްސަލައިގައި ދައުވާކޮށްފައިވާ ލ. ގަން، ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދު ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރި އިރު ލ. ގަން، ތުނޑި، ރޯޝަންހިޔާ، އަހުމަދު ހުސާމްގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފަ އެވެ.
ޕެސްޓުގެ މައްޗަށް އުފުލާފައި ވަނީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.