24 ޖޫން 2021 - 16:27

ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތައް ވަރަށް ގިނަ ކަމަށާއި ހެޔޮ ހާލުގައި ރާއްޖެ އައުމަށް މަސައްކަތްކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަނިޔާތައް ގިނަ ނަމަވެސް މަސައްކަތް ކުރައްވަނީ މާތްﷲގެ ހެޔޮ ރަހުމަތްފުޅާ އެކު އެ ހުރިހާ ކަމަކުން ރަނގަޅުވެ ޖަރުމަނުން އަނބުރާ ގައުމަށް ވަޑައިގަންނަވާށެވެ.
ކެނެރީގެއިން ނުކުމެވަޑައިގެން މިދިޔަ މަހުގެ 6 ވަނަ ދުވަހު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ދިން ހަމަލާގައި އެ މަނިކުފާނަށް ވަރަށް ބޮޑެތި ޒަހަމްތައް ލިބުނެވެ. އެހެންވެ، ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ބޭނުންކޮށްފައި ހުރި ރޭޒާ ފުއްތަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތައް ހަށިގަނޑުގެ އެތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ އިން ކުރަން ޖެހުނެވެ.
އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިދިޔަ މަހު ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެ މަނިކުފާނު ހުންނެވީ އެ ގައުމުގަ އެވެ.
ނަޝީދުގެ ޓްވީޓުގެ ކުރިން، އެ މަނިކުފާނަށް ލިބުނު ޒަހަމްތައް ރަނގަޅުވަމުން އަންނަ އެންމެ ފަހުގެ ފޮޓޯއެއް އެއްބަނޑުއެއްބަފާ ކޮއްކޮ ނާޝިދާ ސައްތާރު އާއްމުކޮށްފައިވެ އެވެ. އޭގައި ނާޝިދާ ވިދާޅުވީ ފަސްޖެހުމަށްފަހު ވެސް އެ ފޮޓޯ ހިއްސާކުރީ އެކަހަލަ ތަދާއި ވޭނުން އެހެން މީހުން ސަލާމަތްކުރުމަށް ބާރަކަށް ވާނެ ކަމުގެ އުއްމީދުގައި ކަމަށެވެ.
އެ ޒަހަމްތައް ފެންނަ ފޮޓޯތަކެއް، ނަޝީދުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދު މީގެ ކުރިން އާއްމުކުރައްވާފައިވެ އެވެ.
ޑރ. ނާޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ނަޝީދުގެ ފައިތިލައަށް ލިބުނު ޒަހަމްތައް ފިޔަވައި އެހެން ހުރިހާ ޒަހަމެއް ރަނގަޅުވެފައިވާ ކަމަށެވެ. އެހެންވެ، މިއަދަށް ހަމަޖެއްސި އެންޑޮސްކޯޕީ ވެސް ނުހަދަން ޑޮކްޓަރު ނިންމާފައިވެ އެވެ.