25 ޖޫން 2021 - 07:40

ޓޫރިސްޓުންގެ ގޮތުގައި ދުނިޔޭގެ އޯބިޓުން ބޭރަށް ވިޔަފާރި އުސޫލުން ދަތުރުކުރުމުގެ މަސައްކަތުގެ ތެރެއިން އެމެރިކާގެ ކުންފުންޏަކުން އެފަދަ ދަތުރުތައް ފަށަން ނިންމައި، ބުކިންސް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސްޕޭސް ޕާސްޕެކްޓިވް ކިޔާ ކުންފުންޏަކުން ސްޕޭސް ޓޫރިޒަމަށް ބޭނުން ކުރަން ނިންމާފައި ވަނީ ވައިކުޑަ ބައްޓަމަށް ހަދާފައިވާ ހައި-ޓެކް ލަގްޒަރީ އުޅަނދެކެވެ. އިނގިރޭސި ކުންފުނި ޕްރީސްޓްމޭން ގޫޑްއާ ގުޅިގެން ފަރުމާކޮށްފައިވާ އުޅަނދަށް ދީފައިވާ ނަމަކީ "ނެޗްޕޫން" އެވެ. މީގެ ދަތުރުތަކެއް މި މަހުގެ 18 ގައި ޓެސްޓް ވެސްކޮށްފައިވާ އިރު، އަމާޒަކީ 2024 ގައި ރަސްމީކޮށް، ވިޔަފާރި އުސޫލުން ސްޕޭސް ޓޫރިޒަމްގެ ހިދުމަތް ފެށުމެވެ. ފުރަތަމަ ދަތުރު ރާވާފައި ވަނީ އެ އަހަރު އެމެރިކާގެ ފްލޮރިޑާއިންނެވެ.
ޕައިލެޓާ އެކު ނުވަ މީހުންނަށް ދަތުރުކުރެވޭ "ނެޕްޗޫން" ގައި ކުރާ ދަތުރަކަށް ބޮލަކަށް ނަގަން ހަމަޖެހިފައި ވަނީ 125،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) އެވެ.
ސްޕޭސް ޕާސްޕެކްޓިވުން ބުނި ގޮތުގައި ދަތުރުތަކުގެ ބުކިންސް އަށް މިހާރު ހުޅުވާލާފައިވާ އިރު، ވަކިވަކިންނާއި އަދި ގްރޫޕް ދަތުރަކަށް ނަމަ އުޅަނދު އެއްކޮށް ވެސް ބުކްކުރެވިދާނެ އެވެ.
"ނެޕްޗޫން" ގައި ކުރާ ދަތުރެއްގެ ދިގުމިނަކީ ހަ ގަޑިއިރެވެ. ފަސް މީޓަރު ފުޅާ އުޅަނދުގެ ތެރޭގައި ތިބޭ އިރު، 360 ޑިގްރީ ވިއު ފެންނާނެ އެވެ.
ސްޕޭސް ޕާސްޕެކްޓިވްގެ ބާނީ އަދި ކޯ-ސީިއީއޯ ޖޭން ޕޯއިންޓާ ވިދާޅުވީ އަމާޒަކީ ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ގިނަ ބަޔަކަށް ޖައްވު ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.
"މިފަދަ ހިދުމަތަކާ އެކު ޖައްވީ ދަތުރުތަކާ ދޭތެރޭ މީހުން ދެކޭ ގޮތް ވެސް ބަދަލުވެ މިއީ އާންމު ކަމަކަށް ވާނެ. އޭގެ ނަތީޖާ އަކީ ސްޕޭސް ޓޫރިޒަމްގެ މަގުބޫލުކަން ވެސް ބޮޑުވުން." އޭނާ ވިދާޅުވި އެވެ.
ސްޕޭސް ޓޫރިޒަމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި މަހުޖަނުން ކަމަށްވާ އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ ބްލޫ އޮރިޖިން އާއި އީލޮން މަސްކްގެ ސްޕޭސް އެކްސް އާއި ރިޗަޑް ބްރޭންސަންގެ ވާޖިން ގެލެކްޓިކް ވެސް ހިމެނެ އެވެ.
ބްލޫ އޮރިޖިން އިން ކުރާ ފުރަތަމަ ދަތުރު އަންނަ މަހުގެ 20 ގައި އޮންނާނެ އެވެ.