މިފަހަރުގެ ޔޫރޯ އަށް ބައި ގޯލްގެ "ހުތުރު" ރެކޯޑް
މިފަހަރުގެ ޔޫރޯ އަށް ބައި ގޯލްގެ "ހުތުރު" ރެކޯޑް

ސެވިއްޔާ (ޖޫން 24) - މި އަހަރުގެ ޔޫރޯގައި ބައިކޮޅަށް ގޯލް ވަނުމުގެ "ހުތުރު" ރެކޯޑެއް ގާއިމުކޮށްފި އެވެ.

ގުރޫޕް ސްޓޭޖުގެ ކުޅުން ނިމުނު އިރު މިހާތަނަށް ވަނީ ބައި ގޯލުގެ ގޮތުގައި އަށް ގޯލް ވަދެފަ އެވެ. އެ ހުރިހާ ގޯލެއް ވެސް ވަދެފައި ވަނީ މެޗުތަކުން ބަލިވި ޓީމުތަކުގެ ގޯލަށެވެ.

އޭގެ ތެރެއިން ތިން ކީޕަރުން އަތުން ބައިކޮޅަށް ގޯލް ވަނެވެ. އެއީ ސްލޮވޭކިއާގެ ކީޕަރު މާޓިން ޑުބްރަވްކާ އާއި ޕޮލެންޑުގެ ކީޕަރު ވޮއިޖެކް ޝެޒްނީ އަދި ފިންލެންޑުގެ ކީޕަރު ލޫކަސް ހާރްޑެޓްސްކީ އެވެ.

ސެވިއްޔާގައި ރޭ ސްޕެއިން އާއި ސްލޮވޭކިއާ ކުޅުނު މެޗުގައި 5-0 އިން ސްޕެއިން މޮޅުވީ، ސްލޮވޭކިއާގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ދެ ލަނޑާ ވެސް އެކު އެވެ. މި ފަހަރުގެ ޔޫރޯގެ ފުރަތަމަ ގޯލަކީ ވެސް ބައިކޮޅަށް ވަން ގޯލެކެވެ. އެއީ އިޓަލީ އާއި ތުރުކީ ކުޅުނު މެޗުގައި ތުރުކީގެ ޑިފެންޑަރު މެރިހް ޑެމިރަލް އަތުން ވަން ގޯލެވެ.

ޔޫރޯގެ ތާރީހުގައި 1976 އިން 2016 ވަނަ އަހަރާ ހަމައަށް ހިނގި 40 އަހަރު ތެރޭ ބައި ގޯލްގެ ގޮތުގައި ވަދެފައި ވަނީ ނުވަ ގޯލެވެ. ފްރާންސްގައި 2016 ގައި ބޭއްވި ޔޫރޯގައި، މުޅި މުބާރާތުގައި ބައިކޮޅަށް ވަދެފައި ވަނީ ތިން ގޯލެވެ.