24 ޖޫން 2021 - 11:05

ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ސްޕެއިންގެ ޖަލުގައި ހައްޔަރުކޮށްފައި ހުރި، މަޝްހޫރު ކޮމްޕިއުޓާ އެންޓި ވައިރަސް މެކަފީގެ ބާނީ، ޖޯން މެކަފީ އަމިއްލައަށް މަރުވެއްޖެ އެވެ.
ޖަލުގެ ގޮޅީގައި އޭނާ ދަންޖެހިގެން އަމިއްލަ އަށް މަރުވީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ޝަރީއަތް ކުރުމަށްޓަކައި، މެކަފީ އެމެރިކާ އަށް ފޮނުވައިލުމަށް، ސްޕެއިންގެ ހައި ކޯޓުން ހުކުމް ކުރިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 30 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ސްޕެއިންގެ ކެޓެލޯނިއާ ޕްރޮވިންސްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި، ވަކި މީހެއްގެ ނަމެއް ފާހަގަ ނުކޮށް ބުނެފައިވަނީ، އުމުރުން 75 އަހަރުގެ، އެމެރިކާ ރައްޔިތަކު، ޖަލު ގޮޅީގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ކެޓެލޯނިއާ ސަރުކާރުގެ އިސް ވެރިއަކު ވަނީ، އެ ބަޔާނުގައި ހަވާލާދިފައިވަނީ، މެކަފީ އަށް ކަން މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.
ޓެކުހަށް މަކަރު ހެދުމާއި، ޓެކްސް ބަޔާން ގަސްދުގައި ހުށަނޭޅުމާއި، އިންޓަނެޓް މެދުވެރިކޮށް ހިންގާފައިވާ ވިޔަފާރީގެ މުއާމަލާތްތަކުގެ މައުލޫމާތު ސިއްރު ކުރުމުގެ ތުހުމަތު، އެމެރިކާގެ ޓެނެސީ ސްޓޭޓްގެ ދައުލަތުގެ ވަކީލުން ވަނީ މެކަފީގެ މައްޗަށް އުފުލައިފަ އެވެ.
މި ތުހުމަތުތަކާ ގުޅިގެން މެކަފީ ހައްޔަރުކުރީ، ސްޕެއިންގެ ބާސެލޯނާގެ ވައިގެ ބަނދަރުގައި ހުއްޓައި 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
އެމެރިކާ އަށް މެކަފީ އަނބުރާ ފޮނުވައިލުމާ ގުޅޭ ގޮތުން މެޑްރިޑްގެ ކޯޓުގައި މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުމެއްގައި މެކަފީ ބުނީ، އޭނާގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. އަދި އެއީ، މިދިޔަ އަހަރު އޮތް އެމެރިކާގެ ރިއާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރުމާ ގުޅިގެން، އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރި ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެން ވާނީ 2018 ވަނަ އަހަރު، އަނެއްކާ ވެސް އެމެރިކާގެ ރިއާސީ އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާން ކޮށްފައި. އަދި އިންތިހާބުވެއްޖެ ނަމަ، އެމެރިކާގެ ދާހިލީ އާމްދަނީއާ ބެހޭ އިދާރާގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ބަލާނެކަމަށް ވެސް އަހަރެން އިއުލާންކުރިން. އޭގެ ދެ މަސް ފަހުން އަހަރެންނާ ދެކޮޅަށް އެ އިދާރާއިން މި ދައުވާތައް ކޮށްފައި މިއޮތީ،" މެޑްރިޑްގެ ކޯޓުގައި އޮތް އަޑުއެހުމުގައި މެކަފީ ބުންޏެވެ.