ލީބިޔާ އިން ކުލީ ސިފައިން ބޭލުމަށް އެއްބަސްވެއްޖެ
ލީބިޔާ އިން ކުލީ ސިފައިން ބޭލުމަށް އެއްބަސްވެއްޖެ

ލީބިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާ ބިދޭސީ ކުލީ ސިފައިން އެ ގައުމުން ބޭލުމަށް، ލީބިޔާގެ ކުރިމަގާ ބެހޭ ގޮތުން، ޖަރުމަން ވިލާތުގެ ވެރިރަށް ބާލިންގައި އިއްޔެ ބޭއްވި ބައިނަލްއަގުވާމީ ބައްދަލުވުމުގެ ބައިވެރިން އެއްބަސްވެއްޖެ އެވެ.

ލީބިޔާގައި ސުލްހަ ގާއިމުކޮށް، ރައްޔިތުންގެ ބައިވެރިވުމާ އެކު ސަރުކާރެއް ގާއިމުކުރުމަށް، ކުރަމުން އަންނަ މަސައްކަތް ކުރިއަށް ދާ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، ބޭއްވި މި ބައްދަލުވުމުން ކުރިއަށް ގެންދިޔައީ ހާރިޖީ ވަޒީރުންގެ ފެންވަރުގަ އެވެ. އޭގެ ތެރޭގައި 14 ގައުމެއްގެ ހާރިޖީ ވަޒީރުންނާއި ބައިނަލްއަގުވާމީ އަދި ސަރަހައްދީ ހަތަރު ޖަމިއްޔާ ބައިވެރިވެ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވާ ހާރިޖީ ވަޒީރުންގެ ތެރޭގައި، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލެންކެން އާއި ފަރަންސޭސި ވިލާތުގެ ހާރިޖީ ވަޒީރު ޖޯން-އީވް ލެ ޑްރިއަން އާއި މިސްރުގެ ހާރިޖީ ވަޒީރު ސާމިހް ޝުކުރީ އާއި ޖަރުމަން ވިލާތުގެ ހާރިޖީ ވަޒީރު ހެއިކޯ މާސް ހިމެނެ އެވެ. ލީބިޔާގެ ފަރާތުން ބައިވެރިވީ ވަގުތީ ސަރުކާރުގެ ހާރިޖީ ވަޒީރު ނަޖްލާ އަލް މަންގޫޝް އެވެ.

އިއްޔެގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓައިލުމަށް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އެއްބަސްވެފައިވާ ގޮތުގެ މަތިން، އިތުރަށް ފަސް ކުރުމެއް ނެތި، ބިދޭސީ ކުލީ ސިފައިން އިރާގުން ބާލަން ޖެހެ އެވެ. އަދި ހަނގުރާމައިގެ ހުޅުގަނޑު އިތުރަށް ބޮޑުވެދާ ފަދަ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށާއި، އޭގެ ތެރޭގައި، އަސްކަރީ ގާބިލްކަން އިތުރުކުރުމުގެ ގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ބިދޭސީ ހަނގުރާމަވެރިން ނުވަތަ ކުލީ ސިފައިން އިތުރަށް ލީބިޔާއަށް ފޮނުވުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ބައްދަލުވުން ނިންމާލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖަރުމަން ވިލާތުގެ ހާރިޖީ ވަޒީރު ހެއިކޯ މާސް ވިދާޅުވީ، ލީބިޔާގެ ހަނގުރާމައިގައި ބައިވެރިވާ ތުރުކީ ވިލާތުގެ ސިފައިންނާއި ރަޝިޔާ ސިފައިން އެ ގައުމުން ބޭލުމާ މެދު، ތުރުކީ ވިލާތާއި ރަޝިޔާއާ ދެމެދު ރަނގަޅު ދެނެގަތުމެއް އެބަ އޮތް ކަމަށެވެ. އެ ދެ ގައުމުން ވެސް ދެކޭ ގޮތުގައި، ލީބިޔާގައި ތިބި އެ ދެ ގައުމުގެ ސިފައިން، އެއްފަހަރާ ލީބިޔާ އިން ބޭލުމުގެ ބަދަލުގައި، އެކަން ކުރާނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ.

ލީބިޔާގައި ތިބި ބިދޭސީ ސިފައިންނާއި ކުލީ ސިފައިން އެ ގައުމުން ބާލައިގެން ނޫނީ، ލީބިޔާގެ ހަނގުރާމަވެރިންގެ މެދުގައި އެކުވެރިކަން ގާއިމު ނުކުރެވޭނެ ކަމަށް ވެސް ޖަރުމަނުގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލީބިޔާގެ ހާރިޖީ ވަޒީރު ނަޖްލާ މަންގޫޝް ވިދާޅުވީ، އެ ގައުމުގައި ތިބި ބިދޭސީ ކުލީ ސިފައިން ބޭލުމުގެ މައްސަލައިގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ދާހިލީ ހަނގުރާމައިގެ ދެ ފަރާތުގައި ބައިވެރިވާ ބިދޭސީ ކުލީ ސިފައިން، ކުރިއަށް އޮތް ދުވަސްތަކުގައި ލީބިޔާ އިން ފައިބައި ނިމޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޖްލާ ވިދާޅުވީ ބިދޭސީ ސިފައިންނާއި ކުލީ ސިފައިން ލީބިޔާ އިން ފޭބިކަމުގައި ވިޔަސް، ލީބިޔާއަށް ފުރިހަމަ ހަމަޖެހުމެއް އަންނާނީ، މިނިވަން އިންސާފުވެރި ޑިމޮކްރެޓިކް އިންތިހާބެއް ބާއްވައިގެން ސަރުކާރެއް އެކުލަވައިލުމުން ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ބައްދަލުވުމުގައި، ލީބިޔާގެ ވަގުތީ ސަރުކާރާއި، އިދިކޮޅު ހަނގުރާމަވެރިން އެއްބަސްވެފައިވާ ގޮތުގެ މަތިން، މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ލީބިޔާގެ އާންމު އިންތިހާބު ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް، އިއްޔެގެ ބައްދަލުވުމުގެ ހުރިހާ ބައިވެރިން އިއްތިފާގުވެ އެވެ.

ނޭޓޯ ސިފައިންގެ އަސްކަރީ މަދަދާ އެކު، ލީބިޔާގެ ހަނގުރާމަވެރިން ފެށި ދާހިލީ ހަނގުރާމައިގައި، ލީބިޔާގެ ކުރީގެ ރައީސް މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓައިލީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ހަނގުރާމައިގައި ނޭޓޯ ސިފައިން ދިން ހަމަލާތަކުގައި ގައްޒާފީ ވަނީ އަވަހާރަވެފަ އެވެ. ގައްޒާފީގެ ވެރިކަން ވެއްޓުމަށް ފަހު، މިއަދާ ހަމައަށް ވެސް ލީބިޔާ އޮތީ، އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ހިނގާ ދާހިލީ ހަނގުރާމައެއްގެ ތެރޭގަ އެވެ.

ދާހިލީ ހަނގުރާމައާ އެކު، އިދާރީ ގޮތުން ގައުމުގެ ހިންގުން ވެސް އޮތީ ދެ ބަޔަކަށް ބެހިފަ އެވެ. ވެރިރަށް ޓްރިޕޮލީ އާއި ހުޅަނގު ފަޅީގެ ބައެއް އެހެން ސަރަހައްދުތައް އޮތީ، އދ.ގެ ރުހުމާއެކު ގާއިމުކޮށްފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބާރުގެ ދަށުގަ އެވެ. ލީބިޔާގެ އިރުމަތީ ސަރަހައްދުތައް އޮތީ، ގައްޒާފީ ސަރުކާރުގެ އަސްކަރީ ކޮމާންޑަރު ޖެނެރަލް ޚަލީފާ ހަފްތަރަށް ވާގިވެރިވާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ.

ޖެނެރަލް ޚަފްތަރުގެ ހަނގުރާމަވެރިންނަށް އަސްކަރީ މަދަދާއި ސިޔާސީ ތާއީދު ލިބެމުން އަންނަނީ، އަވައްޓެރި މިސްރާއި އެމިރޭޓްސް ސަރުކާރުންނެވެ. އޭގެ އިތުރުން ރަޝިޔާގެ ކުލީ ސިފައިންގެ ބަޔަކު ވެސް ލީބިޔާގެ އިރުމަތީ ސަރަހައްދުގައި، ސަރުކާރު ސިފައިންނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވެ އެވެ.

ހަމައެއާ އެކު، ވެރިރަށް ޓްރިޕޮލީގައި އޮތް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަށް އެހީތެރިވެދެނީ، ތުރުކީ ވިލާތުންނެވެ. މިހާރު ވެސް ތުރުކީ ސިފައިން ޓްރިޕޮލީގައި އެބަ ތިއްބެވެ.