އިތިއޮޕީއާގެ މާރުކޭޓަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލައިފި
އިތިއޮޕީއާގެ މާރުކޭޓަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލައިފި

އިތިއޮޕިއާގެ އުތުރުގައި އޮންނަ ޓިގްރޭ އަވަށުގެ ކާރުބާރު ބޮޑު މާރުކޭޓަކަށް، ވައިގެ މަގުން އިއްޔެ ދިން ހަމަލާތަކެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވެއްޖެ އެވެ.

އިތިއޮޕިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި އެ ހާދިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދެއްގެ ނޭނގުނު ނަމަވެސް، 40 އަށް ވުރެ ގިނަ މީހުން މަރުވެފައިވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ޒަހަމްވި މީހުންނަށް ފަރުވާ ދޭ ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުން ބުނި ގޮތުގައި، އެ ހޮސްޕިޓަލަށް ގެނައި މީހުންގެ ތެރޭގައި މަރުވެފައިވާ 80 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ހިމެނެ އެވެ.

މި ހަމަލާގައި މާރުކޭޓު އެކުގައި ހަލާކުވުމުގެ އިތުރުން، ކައިރީގައި ހުރި ގިނަ އަދަދެއްގެ ގެތައް ވެސް ބިމާ ހަމަވި އެވެ. ނަމަވެސް މިހަމަލާ ދިނީ، ޓިގްރޭ ސަރަހައްދަށް ބާރު ހިންގަމުންދާ ހަނގުރާމަވެރިން ކަމެއް، ނުވަތަ އިތިއޮޕިއާ ސަރުކާރުގެ ސިފައިން ކަމެއް ޔަގީނެއް ނުވެ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން ސުވާލު ކުރުމުން، އިތިއޮޕިއާގެ އަސްކަރިއްޔާގެ ތަރުޖަމާނު އެކަމަށް އިންކާރެއް ނުކުރައްވަ އެވެ. އަދި އެކަމަށް އެއްބަސްވެސް ނުވެ ވިދާޅުވީ، ވައިގެ މަގުން ހަމަލާ ދިނުމަކީ ހަނގުރާމައިގެ ތެރޭގައި އާންމުކޮށް ކުރާ ކަމެއް ކަމަށާއި ނަމަވެސް އަސްކަރިއްޔާގެ ސިފައިން މަދަނީ ސަރަހައްދުތަކަށް ހަމަލާ ނުދޭ ކަމަށެވެ.

ނަމަވެސް އެ ސަރަހައްދުގެ އާންމުންނާއި ނޫސްވެރިން ވެސް ތުހުމަތުކުރާ ގޮތުގައި އެއީ އިތިއޮޕިއާ ސަރުކާރު ސިފައިންގެ ހަމަލާއަކަށް ނޫނީ ނުވާނެ އެވެ. ސަބަބެއް ކަމަށް އެމީހުން ބުނަނީ، ޓިގްރޭ ސަރަހައްދު ކޮންޓްރޯލް ކުރާ ހަނގުރާމަވެރިންގެ އަތުގައި އަސްކަރީ މަތިންދާބޯޓުފަހަރު ނެތުމާއި، ޓިގްރޭގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ސަރުކާރު ސިފައިން އަބަދުވެސް ވައިގެ މަގުން ހަމަލާތައް ދޭތީ އެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން، ޒަހަމަވެފައި ތިބި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ކުރި މަސައްކަތަށް ވެސް ސަރުކާރު ސިފައިން ހުރަސް އަޅާފައިވާ ކަމަށް، ޓިގްރޭ ސަރަހައްދުގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވެ އެވެ. ޒަހަމްވެފައި ތިބި މީހުން ގޮވައިގެން، ޓިގްރޭ އަވަށުން ބޭރަށް ދާން ދަތުރުކުރި އެމްބިއުލާންސްތަކަށް، ސަރުކާރު ސިފައިން ހުރަސްއެޅުމުގެ ސަބަބުން، އެތައް ގަޑިއިރެއް ވަންދެން މަގު މެދުގައި އެމްބިއުލާންސްތައް މަޑުކޮށްގެން ތިބެން ޖެހުނެވެ.

އޭގެ އިތުރުން، ޒަހަމްވި މީހުން ބަލައި އެ ސަރަހައްދަށް ދަތުރުކުރި އެމްބިއުލާންސްތަކަށް ވެސް ސަރުކާރު ސިފައިން ހުރަސްއެޅި އެވެ. މާރުކޭޓު ސަރަހައްދުން ޒަހަމްވެފައިވާ، ހަ އަހަރުގެ ފިރިހެން ކުއްޖަކު ގޮވައިގެން ހޮސްޕިޓަލަށް ދަތުރުކުރި އެމްބިއުލާންސް، ސަރުކާރު ސިފައިން ހިފެހެއްޓުމުގެ ސަބަބުން، އެކުއްޖާ ވަނީ ފަރުވާ ނުދެވި އެމްބިއުލާންސް ތެރޭގައި މަރުވެފައި ކަމަށް، ސިއްހީ ހިދުމަތްދޭ ޓީމަކުން ބުނެ އެވެ.

ޓިގްރޭ ހަނގުރާމަވެރިންނާ ދެކޮޅަށް، ސަރުކާރު ސިފައިން ދޭ ހަމަލާތަކުގައި އަވައްޓެރި އެރިޓްރިއާގެ ވައިގެ ލަޝްކަރު ވެސް ބައިވެރިވާތީ، އިއްޔެގެ ހަމަލާ ދިނީ އިތިއޮޕިއާ ސަރުކާރުގެ ސިފައިން ކަމެއް ނުވަތަ އެރިޓްރިއާގެ ވައިގެ ސިފައިންގެ ބޯޓުތަކުން ކަމެއް ޔަގީނެއް ނުވެ އެވެ.