ރަޝިޔާ އިން އިނގިރޭސި މަނަވަރަށް އިންޒާރުގެ ބަޑި ޖަހައިފި
ރަޝިޔާ އިން އިނގިރޭސި މަނަވަރަށް އިންޒާރުގެ ބަޑި ޖަހައިފި

ކަޅު ކަނޑުގެ ކައިރިން ދަތުރުކުރި އިނގިރޭސި ވިލާތުގެ މަނަވަރަކަށް، ރަޝިޔާގެ މަނަވަރުތަކުންނާއި އަސްކަރީ މަތިންދާބޯޓުތަކުން އިންޒާރުގެ ހަމަލާތަކެއް އިއްޔެ ދީފައިވާ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ރަޝިޔާ އިން ބުނި ގޮތުގައި، އިނގިރޭސި މަނަވަރު ރަޝިޔާގެ ކަނޑުގެ ސަރަހައްދުގެ ހުރުމަތް ކަނޑައިފި ނަމަ، ހަތިޔާރުގެ ބޭނުންކުރާނެ ކަމަށް ރަޝިޔާގެ މަނަވަރުތަކުން އިންޒާރު ދިނެވެ. ނަމަވެސް އެ އިންޒާރަށް އިނގިރޭސި މަނަވަރުން ރައްދެއް ނުދެ އެވެ. އިނގިރޭސި މަނަވަރަށް ހުރަސް އެޅުމުގައި، ރަޝިޔާގެ ދެ މަނަވަރަކާއި، ވައިގެ ސިފައިންގެ 20 ޖެޓް ބޯޓު ބައިވެރިވި އެވެ.

މި ހާދިސާ ހިނގާފައިވަނީ، ޔޫކްރޭންގެ ކްރީމިއާގެ ކޭޕް ފިއޮލެންޓް ކިޔާ ހިސާބުގެ އައްސޭރި ސަރަހައްދުގަ އެވެ. ކްރިމީއާ އަކީ، ރަޝިޔާގެ ބައެއް ކަމަށް 2014 ވަނަ އަހަރު ރަޝިޔާ އިން އިއުލާންކޮށްފައިވާ ސަރަހައްދެކެވެ. އޭރު އިނގިރޭސި މަނަވަރު އެޗްއެމްއެސް ޑިފެންޑާ ދަތުރުކުރީ ރަޝިޔާގެ ކަނޑުގެ ސަރަހައްދުން ތިން ކިލޯމީޓަރު އެތެރެއިން ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނެ އެވެ.

އިނގިރޭސި މަނަވަރަށް އިންޒާރު ދިނުމުގެ ގޮތުން ވައިގެ ތެރެއަށް އެންމެ ފުރަތަމަ ބަޑިޖެހީ ރަޝިޔާގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ މަނަވަރަކުންނެވެ. އެއަށް ފަހު، ސުކޯއީ-24 މަރުކާގެ ޖެޓް ބޯޓުތަކުން އިނގިރޭސި މަނަވަރުގެ ކުރިމަތިން ކަނޑު ތެރެއަށް ހަތަރު ބޮން ވައްޓައިލުމުން، އިނގިރޭސި މަނަވަރު އޭގެ މިސްރާބު ބަދަލުކޮށް ރަޝިޔާގެ ކަނޑުގެ ސަރަހައްދުން ނުކުތީ އެވެ.

ނަމަވެސް އިނގިރޭސި ދިފާއީ ވުޒާރާ އިން، ރަޝިޔާގެ މި ވާހަކަތައް ދޮގުކުރެ އެވެ. އިނގިރޭސި ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި އިނގިރޭސި މަނަވަރަށް އިންޒާރުކުރުމުގެ ގޮތުން، ރަޝިޔާގެ އެއްވެސް މަނަވަރަކުން ބަޑިއެއް ނުޖަހަ އެވެ. އަދި އޭރު އިނގިރޭސި މަނަވަރު ދަތުކުރަމުން ދިޔައީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް، ޔޫކްރޭންގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ކަމަށް ވެސް އިނގިރޭސި ވިލާތުން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން، ރަޝިޔާގައި ހުންނަވާ އިނގިރޭސި ޑިފެންސް އެޓާޗޭ އިއްޔެ ވަނީ، ރަޝިޔާގެ ހާރިޖިއްޔާ އަށް ހާޒިރުކޮށްފަ އެވެ.