އަލީ ވަހީދުގެ އަޑުއެހުމަށް ހައި ކޮމިޝަނަށް ހާޒިރުވިކަން ޕީޖީއަށް ޔަގީނެއް ނޫން
އަލީ ވަހީދުގެ އަޑުއެހުމަށް ހައި ކޮމިޝަނަށް ހާޒިރުވިކަން ޕީޖީއަށް ޔަގީނެއް ނޫން

ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރުގައި ހުންނަވައިގެން ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަތީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ކަމަށް ބުނި ނަމަވެސް އެކަން ޕީޖީ އަށް ކަށަވަރު ނުވާތީ އެކަން ސާފުކުރަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލައިފަ އެވެ.

އެ މައްސަލައިގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮއްވައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަށް އެދުމުން، ކޯޓުން ވަނީ ހަތަރު މަހަށް އޭނާގެ ޕާސްޕޯޓު ދޫކޮށްލައިފަ އެވެ.

އެ ހަތަރު މަސް ތެރޭ އޭނާ އަނބުރާ ރާއްޖެއަށް ވަޑައިނުގެން ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ކޯޓުން ވަނީ އަލީ ވަހީދަށް ހަމަޖައްސައިދީފަ އެވެ. އެ ގައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަނުގައި ހުންނަވައިގެން އޮންލައިންކޮށް އަޑުއެހުމުގައި ބައިވެރިވެވޭ ގޮތް ހަމަޖައްސައިދީފައިވާ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

މިދިޔަ ހޯމަ ދުވަހު އޮންލައިންކޮށް އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވެޑައިގަންނަވަން ހަމަޖެހިފައި އޮތީ ހައި ކޮމިޝަނުންނެވެ.

ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އަލީ ވަހީދު އަޑުއެހުމުގައި ބައިވެރިވީ ހައި ކޮމިޝަނުންކަން ޔަގީން ނުވާތީ ޕީޖީ އޮފީހުން ވަނީ އެކަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ސާފުކުރަން ނިންމައިފަ އެވެ. ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ހޯމަ ދުވަހުގެ އަޑުއެހުމުގައި، އަލީ ވަހީދު ހުންނެވި ތަނެއް ސާފުކުރަން ދައުލަތުން އެދުމުން އެކަން ސާފުނުވި ކަމަށެވެ.

އަލީ ވަހީދު ހައި ކޮމިޝަނަށް ވަޑައިގެންނެވިތޯ ބެލުމަށް ހައި ކޮމިޝަނަށް ގުޅުމުން ފޯނު ނުނަގާތީ އެތަނުން މައުލޫމާތެއް ނުލިބުނެވެ.

ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިޝަންތަކުން ދައުލަތުގެ މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، އެފަދަ ކަންކަމުގައި ވާހަކަ ދައްކާނީ އެ މުއައްސަސާއަކުން ކަމަށެވެ.

އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމައި އެގޮތަށް ޝަރީއަތް ހިންގަން ފަށާފައިވާއިރު، ޕީޖީ އޮފީހުން ބުނަނީ އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ކޯޓުގެ ބާރު އޭނާގެ މައްޗަށް ނުފޯރާނެތީ އެގޮތަށް ޝަރީއަތް ނުހިންގޭނެ ކަމަށެވެ.

އޮންލައިންކޮށް ޝަރީއަތް ބާއްވައިދޭން ކޯޓުގައި އެދުނީ އަލީ ވަހީދެވެ. އޭނާ އެކަމަށް އެދި ކޯޓަށް ސިޓީ ފޮނުވުމުން، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ ލަފައަކަށް އެދިވަޑައިގަތެވެ. ޝަކީލް ލަފާ ދެއްވީ އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނަމަ އެކަން ކުރައްވާށެވެ.

ގާޒީ ހަސަން ސައީދަށް ފެނިވަޑައިގައިގަތީ އެގޮތަށް އަޑުއެހުން ބޭއްވޭނެ ކަމަށެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އެގޮތަށް ނިންމެވީ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރުމާ ބެހޭ ގަވައިދުގެ ދަށުންނެވެ.

އެ ގަވައިދުގެ 12 ވަނަ މާއްދާގައި ވަނީ ރާއްޖެއިން ބޭރުގައިވާ މީހެއްގެ މައްސަލަ ހިންގަން ޖެހިއްޖެ ނަމަ، އެ ގައުމެއްގައި އެމްބަސީއެއް ނުވަތަ ހައި ކޮމިޝަނެއް ހުރި ނަމަ، އަޑުއެހުން ތާވަލުކޮށް، އެމްބަސީއަށް ނުވަތަ ހައި ކޮމިޝަނަށް ހާޒިރުވާން ކޯޓުން އެ މީހަކަށް އަމުރު ފޮނުވަން ވާނެ ކަމަށެވެ.

އެހެންވެ، އޮންލައިންކޮށް އަޑުއެހުން ބޭއްވޭނެ ކަމަށް ނިންމައި، އެގޮތަށް އަޑުއެހުން ބާއްވަން ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކުރަން އަލީ ވަހީދަށް ކޯޓުން އެންގި އެވެ. އިޖުރާއަތުތައް ފުރިހަމަކޮށް އަޑުއެހުން އޮންލައިންކޮށް ބާއްވަން އަލީ ވަހީދު ރަސްމީކޮށް އެދުމުން، ހައި ކޮމިޝަނުގައި އަޑުއެހުން ބާއްވަން އިންތިޒާމުތައް ހަމަޖެއްސީ ކޯޓުން ފޮރިން މިނިސްޓްރީގައި އެދުމުންނެވެ.

ޕީޖީ އޮފީހުން ބުނެފައި ހޯމަ ދުވަހުގެ އަޑުއެހުމަކީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގައި ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި ފުރަތަމަ ފަހަރު ކަމަށެވެ.

އެ އޮފީހުން ވަނީ އެ ޝަރީއަތް އޮންލައިންކޮށް ގެންދަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމާފަ އެވެ. އަދި އެކަމާ ގުޅޭ ލިޔުންތައް ހޯދަން ކޯޓުގައި ވަނީ އެދިފަ އެވެ.