ހިޔާ ފްލެޓް ލިބުނު މީހުންނަށް ހޮނިހިރު ދުވަހު ފްލެޓްތައް ދައްކައިލަން ފަށަނީ
ހިޔާ ފްލެޓް ލިބުނު މީހުންނަށް ހޮނިހިރު ދުވަހު ފްލެޓްތައް ދައްކައިލަން ފަށަނީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި 6،720 ފްލެޓު ލިބުނު މީހުންނަށް އަންނަ ހޮނިހިރު ދުވަހު އެ ތަންތަން ދައްކަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރޭ ބުނެފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ، ފްލެޓް ލިބުނު މީހުންނަށް އެ ތަންތަން ދައްކައިލަން ހަމަޖައްސާފައި ވަނީ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ މުއްދަތުގައި ފްލެޓް ބަލަން ހާޒިރު ނުވެވޭ ނަމަ، ފްލެޓް ދެއްކުމަށް ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ކަމަށް އެޗްޑީސީން ބުނެ އެވެ.

ކޮންމެ ދުވަހަކު ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ފްލެޓް ދެއްކުން ކުރިއަށް ގެންދަން ނިންމާފައިވާއިރު، ކޮންމެ ފްލެޓެއް ވެސް ބެލުމުގެ ފުރުސަތު ދޭނީ ގިނަވެގެން ދެ މީހަކަށެވެ. އެ މީހުން ދާން ޖެހެނީ އައިޑީކާޑު ހިފައިގެންނެވެ. ފްލެޓް ލިބުނު މީހާ އަށް އެތަން ބަލަން ނުދެވޭ ނަމަ، ފްލެޓްގެ ވެރިމީހާގެ އައިޑީކާޑުގެ ސާފު ފޮޓޯއެއް، ބަދަލުގައި ދާ މީހާ ގެންދަން ޖެހެ އެވެ.

އެޗްޑީސީން ބުނިގޮތުގައި ފްލެޓްތައް ދެއްކުމަށް ހުޅުވައިލީ، ފްލެޓް ލިބިފައިވާ މީހުން ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ފްލެޓްތައް، ބަލައި ފްލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތުގެ އަންދާޒާއެއް ހެދުމަށާއި ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާނެ ފްލެޓްގެ މިންތައް ނެގުމަށް ފުރުސަތު ދިނުމަށެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ގިނަ ފްލެޓްތަކެއް މިހާރު ނިމިފައިވާތީ، ފްލެޓް ދެއްކުމުގެ މަސައްކަތް ކުރުމަށް ހާއްސަކޮށް އިންޓާނަލް މުވައްޒަފުންތަކެއް ނަގާފައިވާ ކަމަށެވެ. އެހެންވެ، ފްލެޓް ބަލަންް ދާ މީހުން ކުރާ ސުވާލުތަކަށް އެ ދުވަހު ޖަވާބު ނުދެވިދާނެ ކަމަށާއި އެކަމަކު ފްލެޓް އެއްބަސްވުމުގައި ސޮއިކުރާ ދުވަހު، ސުވާލުތަކަށް ޖަވާބުދާރީވުމަށް ފުރިހަމަ އަށް ތައްޔާރީވާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ހުރި ފްލެޓްތައް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްގެން ތަރައްގީކުރި ހިޔާ މަޝްރޫއުގެ އެއްބަސްވުމުގައިވާ ގޮތުން ފްލެޓްތައް ހަވާލުކުރާނީ ފިނިޝިން ނުހިމަނަ އެވެ. މައި ދޮރު ފިޔަވައި އިތުރު ދޮރުތައް ހަރުކުރުމާއި ތަށިމުށި ޖެހުމާއި، ބޮކި، ފަންކާ، ލައިޓް ހަރުކުރުމާއި ބަދިގެ ސެޓް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނީ ފްލެޓް ލިބޭ މީހުންގެ އަމިއްލަ ހަރަދުގަ އެވެ.

ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި 7،500 ރުފިޔާ އަދި ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ ނެގުމަށް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. މިއީ ސަރުކާރުން ހިންގި ސޯޝަަލް ހައުސިން ސްކީމެއްގައި އެންމެ އަގު ބޮޑުކޮށް ފްލެޓް ވިއްކާ ފަހަރެވެ.