24 ޖޫން 2021 - 11:03

ޓެކްސް އަށް މަކަރުހެދުމާއި ގަތުލާއި ޑްރަގް ވިޔަފާރި ފަދަ މައްސަލަތަކުގެ ތުހުމަތުގައި އެމެރިކާ އިން ހައްޔަރު ކުރަން ބޭނުންވި މަޝްހޫރު ވިޔަފާވެރިޔާ އަދި އެންޓި-ވައިރަސް "މެކަފީ" ގެ ބާނީ ޖޯން މެކަފީ ބުދަ ދުވަހު މަރުވެއްޖެ އެވެ.
މިޑިއާތަކުން ބުނީ 76 އަހަރުގެ މެކަފީ މަރުވީ ސްޕެއިންގެ ޖަލެއްގައި އަމިއްލަ އަށް ދަންޖެހިގެން ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ އެމެރިކާއާ މެކަފީ ހަވާލުކުރަން އެ ގައުމުގެ ނެޝަނަލް ކޯޓުން ބުދަ ދުވަހު ނިންމާފައި ވަނިކޮށެވެ.
އިނގިރޭސިވިލާތަށް އުފަން މެކަފީގެ މަރާ ގުޅިގެން ބާސެލޯނާގެ ކެޓަލާން ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި އޭނާ އޮތް ޖަލު ގޮޅިގެ ތެރޭގައި އަމިއްލަ ފުރާނަ ދުއްވައިލަން މަސައްކަތްކުރާކަން އެނގުމާ އެކު ސަލާމަތްކުރަން މަސައްކަތްކުރި ކަމަށެވެ.
"އޭނަގެ ފުރާނަ ސަލާމަތްކުރަން ޖަލުގެ މެޑިކަލް އޮފިސަރުން ވަރަށް މަސައްކަތްކުރި،" ބަޔާނުގައި ބުންޏެވެ.
އެމެރިކާ އިން ހަތުރެއްގެ ގޮތުގައި ދެކޭ ކިއުބާ އަށް އަމިއްލަ އަށް އަރުވާލެވިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުނު މެކަފީ ސްޕެއިނުން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކީ އަށް ފުރަން އުޅެނިކޮށް އެއާޕޯޓުންނެވެ. އޭގެ ފަހުން އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އިންޖިނިއަރެއްގެ ގޮތުގައި ކެރިއަރު ފެށި މެކަފީގެ މަގުބޫލުކަން ބޮޑުވެގެން ދިޔައީ 1987 ގައި ވުޖޫދަށް ގެނައި ސޮފްޓްވެއާ ކުންފުނި މެކަފީ އެސޯސިއަޝަނާ އެކީގަ އެވެ. އެކަމަކު އެ ކުންފުނިން 1994 ގައި މެކަފީ ވަކިވި އެވެ.
އޭގެ ފަހުން މެކަފީ ޓްރިބަލް ވޮއިސް އާއި ކޯރަމްއެކްސް އަދި ފިއުޗާ ޓެންސް ސެންޓްރަލްތައް ފަދަ ކުންފުނިތައް އުފެއްދި އެވެ.
މެކަފީ މަރުވި އިރު އޭނާގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން މީގެ އަހަރެއް ކުރިން އިއުލާންކޮށްފައިވެ އެވެ. އޭގައި މެކަފީގެ ރޯލު ކުޅޭ ގޮތަށް އޮތީ މަޝްހޫރު އެކްޓަރު ޒެކް އެފްރޯނެވެ. "ކިންގް އޮފް ދަ ޖަންގަލް" ކިޔާ ފިލްމުހެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ 2011 ގެ "ކްރޭޒީ، ސްޓްޕިޑް، ލަވް" ގެ ޑައިރެކްޓަރުން ކަމަށްވާ ގްލެން ފިކާރާ އާއި ޖޯން ރެގްއާއާ އެވެ.