ބޮޑު ތަފާތަކުން ސްޕެއިން މޮޅުވެ ދެ ވަނަ ބުރަށް
ބޮޑު ތަފާތަކުން ސްޕެއިން މޮޅުވެ ދެ ވަނަ ބުރަށް

ސެވިއްޔާ (ޖޫން 23) - ސްލޮވޭކިއާގެ މައްޗަށް 5-0 ގެ ނަތީޖާއަކުން މޮޅުވެ، ގުރޫޕް އެފްގެ ދެ ވަނައިގައި ސްޕެއިން ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

މެޗަށް ނުކުތް އިރު ދެ ވަނަ ބުރުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ސްލޮވޭކިއާއަށެވެ. މެޗުގެ ކުރިން އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. ސްޕެއިން އަށް ވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެންނެވެ. އެހެންވެ މެޗު އެއްވަރު ކޮށްލައިގެން ވެސް ސްލޮވޭކިއާއަށް ދެ ވަނަ ބުރަށް ދެވެން އޮތެވެ.

މެޗުގައި ސްޕެއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑަކީ ސްލޮވޭކިއާ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ދެ ލަނޑެވެ. އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ޕަބެލޯ ސަރާބިއާ، އެމެރިކް ލަޕޯޓް އަދި ފެރާން ޓޯރޭޒް އެވެ.

ސްޕެއިންގެ ޓީމަށް ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ލިބުނީ އަލްވާރޯ މޮރާޓާ އަށެވެ. ސްޕެއިންއަށް ލިބުނު ޕެަލްޓީއެއްގައި މޮރާޓާ ފޮނުވާލުމުން، ސްލޮވޭކިއާގެ ކީޕަރު މާޓިން ޑްބްރަވްކާ ޕެނަލްޓީ ދިފާއު ކުރި އެވެ.

ސްޕެއިންގެ ފުރަތަމަ ލަނޑުގައި، ސަރާބިއާ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ރީބައުންސްވުމުން އެ ބޯޅަ އަތުން ޖަހައި ބޭރުކޮށްލަން ކީޕަރު ޑްބްރަވްކާ މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ އަތުގައި ޖެހިފައި އެ ބޯޅަ ދިޔައީ ގޯލްގެ ތެރެއަށެވެ. ސްޕެއިންގެ ފަސް ވަ ލަނޑު ސްލޮވޭކިއާގެ ކޮޅަށް ވަނީ އެ ޓީމުގެ ޔުރައި ކަކާ ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގަ އެވެ.

ޕޮލެންޑް ބަލިކޮށް ގުރޫޕްގެ އެއް ވަނަ ސްވިޑެންއިން ހޯދީ ހަތް ޕޮއިންޓު އެކު އެވެ. ސްޕެއިންއަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. ދެ ވަނަ ބުރުގައި ސްވިޑެން ކުޅެން ޖެހޭނީ ތިން ވަނަ ހޯދި ޓީމުތަކުގެ ތެރެއިން ފިންލެންޑް ނުވަތަ ޔޫކްރޭންގެ ތެރެއިން ކޮންމެވެސް ޓީމަކާ ދެކޮޅަށެވެ. ސްޕެއިން ވާދަ ކުރާނީ ކްރޮއޭޝިއާ އާ ދެކޮޅަށެވެ.