23 ޖޫން 2021 - 22:44

ފާއިތުވި 24 ގަޑިއިރުގެ ތެރޭ ނެގި 4،523 ކޮވިޑް ސާމްޕަލްގެ ތެރެއިން 172 މީހަކު އަލަށް ކޮވިޑަށް ޕޮޒިޓިވްވިއިރު، މާލެ ސަަރަހައްދުގެ އަދަދުތައް އުޅެނީ 60 ގައި ކަމށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން ދަށުގައި އުޅޭތާ ދުވަސްކޮޅެއް ވެފައިވާއިރު މިދިޔަ ތިން ރޭ ވެސް އަދަދު ވަނީ ދަށްވެފަ އެވެ. އިއްޔެގެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އިން 66 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، ރޭގެ އަދަދު އުޅެނީ 61 ގަ އެވެ. އޭގެ ކުރީ ދުވަހު މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ 85 މީހެކެވެ.
މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށީ، ވަކި ގަޑިތަކެއްގައި ކާފިއު ހިންގައި، ބޭރުތެރޭގައި އެެއްފަހަރާ އުޅޭ މީހުންގެ އަދަދު މަދުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު އެވެ. އަދި އެންމެ ގިނަ މީހުން އެއް ތަނަކަށް ޖަމާވާ ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ހިދުމަތް ހޯދުން ވެސް ވަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުން މިދިޔަ 24 ގަޑިއިރު ވަނީ 96 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވީ 10 މީހެކެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ 4،362 އެވެ.
މިއާއެކު މިހާތަނަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިވަނީ 72،466 އަށް އަރައިފަ އެވެ. އަދި އިތުރު 379 މީހަކު ބަލިން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު އުޅެނީ 67،886 ގަ އެވެ.
ކޮވިޑް ޖެހިގެން މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 41 އެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 207 މީހަކު މަރުވެފައި ވެ އެވެ.