23 ޖޫން 2021 - 20:28

ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ އާ ބާވަތެއް އަނެއްކާ އިންޑިޔާ އިން ފެނިފައިވާ ކަމަށާއި، 20 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު މި ބާވަތުގެ ވައިރަސް މިހާތަނަށް ފެނިފައިވާ ކަމަށް، އެގައުމުގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
އިންޑިއާގައި، ޑެލްޓާ ޕްލަސްގެ ނަން ދީފައިވާ މި ބާވަތަކީ، އެންމެ ފުރަތަމަ ޔޫރަޕްގެ ބައެއް ގައުމުތަކުން ފެނިފައިވާ، އޭވައި.1 ކިޔާ ބާވަތުގެ ވައިރަސް ކަމަށް ވެސް އިންޑިޔާގެ ހެލްތު މިނިސްޓްރީން އިއްޔެ ބުންޏެވެ. މި ބާވަތުގެ ވައިރަސް ފެތުރެމުންދާ ކަން މިހާތަނަށް ޔަގީންވެފައިވަނީ، މަހާރާޝްތުރާ، ކެރެލާ އަދި މަދްޔަ ޕްރަދޭޝްގަ އެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ބާވަތުގެ ކޮވިޑް ވައިރަސް، ފެތުރޭ މިންވަރު، ކޮވިޑް ވައިރަހުގެ އެހެން ބާވަތްތަކަށް ވުރެ މާ ބޮޑެވެ. އެހެން ކަމުން އެ ބާވަތުގެ ވައިރަސް މިހާތަނަށް ފެނުނު ތިން ސްޓޭޓްގައި، ކޮވިޑަށް ޓެސްޓު ކުރާ މިންވަރު އިތުރުކުރުމަށް މިހާރު ވަނީ އަންގައިފަ އެވެ.
އިންޑިޔާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާ ދީ، އަލް ޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑެލްޓާ ޕްލަސް ބާވަތުގެ ކޮވިޑް ވައިރަހުން މުހިންމު ތިން ސިފައެއް ވަނީ ފާހަގަ ކުރެވިފަ އެވެ.ފުރަތަމަ ކަމަކީ، މި ބާވަތުގެ ވައިރަސް ފެތުރޭ މިންވަރު މަތިވުމެވެ. ދެ ވަނަ ކަމަކީ، ފުއްޕާމޭގެ ސެލްތަކުގައި ތަތްވެގަންނަ މިންވަރު އެހެން ބާވަތްތަކަށް ވުރެ މަތިވުމެވެ. އަދި ތިން ވަނަ ކަމަކީ، އެންޓިބޮޑީތަކަށް އިޖާބަދޭ މިންވަރު ދަށްވުމެވެ.
ސައެންސްވެރިން ބުނާ ގޮތުގައި ޑެލްޓާ ޕްލަސް ބާވަތުގެ ކޮވިޑް ވައިރަސް އުފެދިފައިވަނީ، އިންޑިޔާ އިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހަށް ބަދަލުތަކެއް އައިސްގެންނެވެ. އިންޑިޔާގައި މި އަހަރުގެ ކުރީކޮޅުން ފެށިގެން، ފެތުރިގެން ދިޔަ ކޮވިޑް-19ގެ ދެ ވަނަ ރާޅުގެ އަސްލަކީ، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް ކަމަށް ސައެންސްވެރިން ލަފާ ކުރެ އެވެ.
އަދި މިހާރު ފެތުރެން ފަށާފައިވާ ޑެލްޓާ ޕްލަސް ބާވަތުގެ ސަބަބުން، ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އިންޑިޔާގައި ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށް ވެސް ސައެންސްވެރިން ލަފާކުރެ އެވެ. އޭގެ އިތުރުން، ކޮވިޑްގެ ދެ ވަނަ ރާޅަށް ފަހު، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށަށް ދާން ފެށުމުން ދީފައިވާ ލުއިތަކާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިހުމާލުވެއްޖެ ނަމަ، ކުރިއަށް އޮތް ހައެއްކަ ހަފުތާގެ ތެރޭގައި ތިން ވަނަ ރާޅެއް ފެތުރިދާނެ ކަމަށް، އިންޑިޔާގެ ސިއްހީ ތަޖުރިބާކާރުންވެސް އިންޒާރު ކުރައްވަ އެވެ.
އިންޑިޔާގައި ކޮވިޑްގެ ތިން ވަނަ ރާޅު ފެތުރިގެން ދިޔަ ދުވަސްވަރު 180000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވީ، މިދިޔަ އޭޕްރީލް މަހާއި މެއި މަހުގެ ތެރޭގަ އެވެ.
ދެ ވަނަ ރާޅަށް ފަހު، ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފެށުމުން، ނިއު ދިއްލީ އާއި މުމްބާއީގައި އިއުލާންކޮށްފައި އޮތް ފުރަބަންދު އުވާލައި، ބޭރަށް ނުކުމެ އުޅުން ވެސް މިހާރު ވަނީ ހުއްދަ ކޮށްފަ އެވެ. އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް މިހާރު ހުރީ 2.98 ޕަސެންޓްގަ އެވެ. މިއީ އެ ނިސްބަތް 5 ޕަސެންޓުން ދަށުގައި ހުންނަތާ 12 ވަނަ ދުވަސް ކަމަށް އިންޑިޔާގެ ކަމާ ބެހޭ ރަސްމީ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އިންޑިޔާގައި އަލަށް ފެތުރެން ފެށި ޑެލްޓާ ޕްލަސް ބާވަތުގެ ކޮވިޑް ވައިރަސް، މިހާރު ނުވަ ގައުމެއްގައި ހަލުވިކަމާ އެކު ދަނީ ފެތުރެމުންނެވެ. އެއީ، އިނގިރޭސި ވިލާތާއި އެމެރިކާގެ އިތުރުން، ޖަޕާން، ރަޝިޔާ، އިންޑިޔާ، ޕޯޗުގަލް، ސްވިޒަލޭންޑް، ނޭޕާލް އަދި ޗައިނާ އެވެ.