ސަބްރާގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމް ފުލުހުން އިސްތިއުނާފް ކުރަނީ
ސަބްރާގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމް ފުލުހުން އިސްތިއުނާފް ކުރަނީ

ފުލުހުންގެ ކުރީގެ އިންޓެލިޖެންސް ޑިރެކްޓަރު ސަބްރާ ނޫރައްދީން ހައްޔަރުކުރި މައްސަލާގައި މުޅި ފުލުހުންގެ މުއައްސަސާ ޒިންމާވާން ނުޖެހޭނެ ކަމަށާއި އެކަމަށް ޒިންމާވާން ޖެހޭނީ އެކަންކުރި ވަކިވަކި ފުލުހުން ކަމަށް ހައި ކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފް ކުރަން ފުލުހުން ނިންމައިފި އެވެ.

މާޗް، 2013 ގައި ސަބްރާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި އިޖްރައާތު ގޯސް ކަމަށާއި އެކަމަކު އެކަމަށް ޒިންމާވާން ޖެހޭނީ އެކަން ކުރި ވަކިވަކި ފުލުހުން ކަމަށް ހައި ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ. ހައި ކޯޓުން އެގޮތަށް ނިންމީ އެ މައްސަލާގައި ސަބްރާގެ ފަރާތުން ފުލުހުންގެ އިދާރާއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުން، އޭނާގެ ކިބައިން ލިޔުމުން މައާފަށް އެދުމަށް އެ ކޯޓުން ފުލުހުންގެ އިދާރާގެ މައްޗަށް އަމުރު ނެރުމުން އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައި، އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ސަބްރާ ހައްޔަރު ކުރުމުގައި އަމަލުކުރި އިޖްރައާތު ގޯސް ކަމަށް ކޯޓުން ނިންމީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރުމަށް ފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ދޫކޮށްލުމުންނެވެ. އެހެންވެ، ކޯޓުން ނިިންމީ ސަބްރާ ހައްޔަރުކުރީ ހައްޔަރު ކުރުމުގެ ބޭނުމެއް އޮވެގެން ނޫން ކަމަށާއި އެހެންވެ އެއީ ގާނޫނީ އިމުގެ ތެރެއިން ފުލުހުން ކުރި ކަމެއް ނޫން ކަމަށެވެ.

އެކަމަކު އެކަމަށް މުޅި ފުލުހުންގެ މުއައްސަސާ ޒިންމާ ނަގަން ނުޖެހޭނެ ކަމަށާއި އެކަމަށް ޒިންމާ ނަގަންޖެހޭނީ އެކަންކުރި ވަކިވަކި ފުލުހުން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ސަބަބަކީ ފުލުހުންނަށް ލިބިފައިވާ ބާރުތައް ބޭނުން ކުރުމުގައި ގާނޫނާ ޚިލާފަށް އެ މީހުން ކުރާ ކަންކަމަށް ޒިންމާ ނަގަންޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށް ފުލުހުންގެ ގާނޫނުގައި އޮތުމުން ކަމަށް ހުކުމުުގައިވެ އެވެ.