ގްރޭޓް ބެރިއާ ފަރު އޮތީ ނުރައްކަލުގެ ތެރޭގައި: އދ.
ގްރޭޓް ބެރިއާ ފަރު އޮތީ ނުރައްކަލުގެ ތެރޭގައި: އދ.

އޮސްޓްރޭލިޔާގެ ގްރޭޓް ބެރިއާ ފަރު މިހާރު އޮތީ އެކުގައި ނެތިގެން ހިނގައިދާނެ މިންވަރަށް ހަލާކުވެފައި ކަމަށާއި، ޔުނެސްކޯގެ ތަރިކައާ ބެހޭ ކޮމިޓީން ބުނެފި އެވެ.

އެ ކޮމިޓީން ބުނި ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު މުރަކައިގެ ފަރު ނެތިދިޔުމުގެ ބިރު އުފެދިފައިވާތީ، ނުރައްކަލަށް ހުށަހެޅިފައިވާ ދުނިޔޭގެ ތަރިކައިގެ ސަރަހައްދެއްގެ ގޮތުގައި އެ ފަރު ހިމަނަންޖެހެ އެވެ. ނަމަވެސް އޮސްޓްރޭލިޔާ އިން އެކަމަށް އިންކާރުކުރެ އެވެ.

ޔުނެސްކޯގެ ތަރިކައާ ބެހޭ ކޮމިޓީން ބުނި ގޮތުގައި ގްރޭޓް ބެރިއާ ފަރު ހަލާކުވަމުން ދަނީ، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ. އެހެންކަމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ ކޮމިޓީން އޮސްޓްރޭލިޔާ އަށް ގޮވާލާފައިވެ އެވެ.

ނުރައްކަލަށް ހުށަހެޅިފައިވާ ތަރިކައިގެ ސަރަހައްދެއްގެ ގޮތުގައި އެ ފަރު ހިމެނުމާ މެދު ގޮތެއް ނިންމާނީ، އަންނަ މަހުގެ ތެރޭގައި ޗައިނާގައި ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

އޮސްޓްރޭލިޔާގެ ތިމާވެއްޓާ ބެހޭ ވަޒީރު ސޫޒާން ލޭ ވިދާޅުވީ، ތަރިކައާ ބެހޭ ކޮމިޓީގެ އެ ހުށަހެޅުމަށް ފާޅުގައި ދެކޮޅު ހަދާ ކަމަށާއި، އެ ފަރު ހިމާޔަތްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުން މިހާރުވެސް ތިން ބިލިއަން ޑޮލަރު އިންވެސްޓް ކުރަމުން އަންނަ ކަމަށެވެ.

"ގްރޭޓް ބެރިއާ ފަރަކީ، މުޅި ދުނިޔޭގައިވެސް އެންމެ ފުރިހަމަ އިންތިޒާމެއްގެ ދަށުން ބަލަހައްޓަމުން އަންނަ ފަރު. (ޔުނެސްކޯގެ) މި ހުށަހެޅުން ތައްޔާރުކޮށްފައި މިއޮތީ، އެ ފަރުގެ ހާލަތު ރަނގަޅަށް ބަލައިފައެއް ނޫން، އަދި ފަރާ ބެހޭ އެންމެ ފަހުގެ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެނެއް ވެސް ނޫން،" ސޫޒާން ލޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ގާތްގަނޑަކަށް 133000 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައި އޮންނަ ގްރޭޓް ބެރިއާ ފަރުގައި، 1500 އަށް ވުރެ ގިނަ ބާވަތުގެ މަސްމަހާމެހި އުޅެ އެވެ. އަދި 411 ބާވަތެއްގެ މުރަކަ އާލާވެ ދިރެމުން އަންނަ މިފަރަކީ، އެ ތަނުގެ އިގްތިސާދީ މަންފާ އަށް ބަލާއިރު ވެސް، ވަރަށް މުހިންމު ފަރެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ގްރޭޓް ބެރިއާ ފަރުގެ ސަބަބުން، އޮސްޓްރޭލިޔާގެ އާމްދަނީ އަށް އަހަރަކު 4.8 ބިލިއަން ޑޮލަރު އިތުރުވެ އެވެ. އަދި އެ ފަރާ ގުޅިފައިވާ އެކި މަޝްރޫއުތަކުގެ ތެރެއިން، ގާތްގަނޑަކަށް 64000 ވަޒީފާ އުފެދިފައިވެ އެވެ.

އެހެން ނަމަވެސް ދުނިޔޭގެ ހޫނުމިން މަތިވަމުންދާ ނިސްބަތަށް ބަލާއިރު، އެ ފަރުގެ ދިރުންތައް އެ ގޮތުގައި ދެމިއޮންނާނީ ކިހާ ދުވަހެއް ވަންދެންތޯ ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް ތިން ފަހަރެއްގެ މަތިން، މުރަކަ ހުދުވުމުގެ މައްސަލަ އެ ފަރަށް މެދުވެރިވެފައިވެ އެވެ. މުރަކަ ހުދުވުން ނުވަތަ ގާ މަރުވުމުގެ މައްސަލަ މެދުވެރިވަނީ، އެ ސަރަހައްދެއްގެ ކަނޑުގެ ލޮނުގަނޑުގެ އެވްރެޖް މިންވަރަށް ވުރެ ހޫނުމިން މަތިވުމުންނެވެ.

އޮސްޓްރޭލިޔާގެ ރިސާޗް ކައުންސިލް ސެންޓަ އޮފް އެކްސެލެންސް ފޯ ކޮރަލް ރީފް ސްޓަޑީޒްގެ ފަރާތުން، މިދިޔަ އޮކްޓޫބަރު މަހު ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ގްރޭޓް ބެރިއާ ފަރުގެ މުރަކައިގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި، މިދިޔަ 30 އަހަރުގެ ތެރޭގައި ވަނީ ނެތި ފަނާވެފަ އެވެ. އަދި މިކަން މެދުވެރިވެފައިވަނީ މޫސުމަށް އައި ބަދަލުތަކުގެ ސަބަބުން ކަމަށް ވެސް އެ ދިރާސާގައި ލަފާކޮށްފައިވެ އެވެ.

އޮސްޓްރޭލިޔާ ސަރުކާރުން އަހަރަކު އެއްފަހަރު ނެރޭ، ގްރޭޓް ބެރިއާ ރީފް އައުޓްލުކް ރެޕޯޓްގެ 2019 ވަނަ އަހަރުގެ އަދަދުގައި، އެ ފަރުގެ ހާލަތު "ދެރަ"އިގެ ދަރަޖަ އިން "ވަރަށް ދެރަ"އިގެ ދަރަޖައަށް ވަނީ ބަދަލުކޮށްފަ އެވެ.