މައުލޫމާތު އާންމުވެއްޖެ ނަމަ ކާޑު ޑީއެކްޓިވޭޓް ކުރާނެ، އެއީ ރައްކާތެރި ކަމަށް: ބީއެމްއެލް
މައުލޫމާތު އާންމުވެއްޖެ ނަމަ ކާޑު ޑީއެކްޓިވޭޓް ކުރާނެ، އެއީ ރައްކާތެރި ކަމަށް: ބީއެމްއެލް

އެއްވެސް ކާޑެއްގެ މައުލޫމާތު ކޮމްޕްރޮމައިޒް ވެއްޖެކަން ބޭންކަށް އެނގިއްޖެ ނަމަ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ވަގުތުން އެ ކާޑެއް ޑީއެކްޓިވޭޓް ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލްގެ ބައެއް ކާޑުތަކުގެ މައުލޫމާތު ބޭރުގެ ބައެއް ވެބްސައިޓުތަކުން ކޮމްޕްރޮމައިޒް ވެފައިވާކަމަށް ބައިނަލްއަގުވާމީ ކާޑު އޭޖެންޓުން އެންގުމުން އެ ބޭންކުން ވަނީ އެ ކާޑުތައް ވަގުތުން ޑީއެކްޓިވޭޓް ކޮށްފަ އެވެ. މިއީ ބޭންކުގެ އާއްމު އުސޫލުތަކުގެ ދަށުން ކަސްޓަމަރުންގެ އެކައުންޓުތަކުން ނޭދެވޭ މުއާމަލާތްތައް ކުރުން ހުއްޓުވުމަށް ކުރާ ކަމެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުން ބުނީ ޑޭޓާ ކޮމްޕްރޮމައިޒްވެފައި ވަނީ މަދު ކާޑުތަކެއްގެ ކަމަށެވެ. އެ ކާޑުތައް މިހާރު ޑީއެކްޓިވޭޓްކޮށް އެކަން ކަސްޓަމަރުންނަށް މެއިލްގެ ޒަރީއާ އިން އަންގާފައިވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން އެ ކާޑުތައް ޑީއެކްޓިވޭޓް ކުރީ އެއްވސް ގޮތަކަށް ބީއެމްއެލްގެ ކާޑުގެ މައުލޫމާތު ނުވަތަ އެކައުންޓުގެ މައުލޫމާތު ބޭރުވެގެން ނޫން ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.

ޑީއެކްޓިވޭޓް ކޮށްފައިވާ ކާޑުތަކުގެ ބަދަލުގައި ބޭންކުން އާ ކާޑުތައް ހެދުމަށް ފަހު ކަސްޓަމަރުންނަށް އެކަން އަންގާނެ އެވެ.

މީގެ ކުރިން ވެސް ބޭރުގެ ބައެއް ވެބްސައިޓުތަކުން ބީއެމްއެލް ކާޑުތަކެއްގެ މައުލޫމާތު ލީކުވުމާ ގުޅިގެން ބޭންކުން ވަނީ އެ ކާޑުތައް ޑީއެކްޓިވޭޓް ކޮށްފަ އެވެ.