އެއާޕޯޓް ތަރައްގީ އަށް ބޮޑު ބިމެއް ދޭން ކަންބޮޑުވޭ: ހަނިމާދޫ ކައުންސިލް
އެއާޕޯޓް ތަރައްގީ އަށް ބޮޑު ބިމެއް ދޭން ކަންބޮޑުވޭ: ހަނިމާދޫ ކައުންސިލް

އެއާޕޯޓުގެ ތަރައްގީ އަށް ރަށުން ބޮޑު ބިމެއް ދޭން ކަންބޮޑުވާ ކަމަށް ހދ. ހަނިމާދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު ހުށަހެޅި އެވެ. އެއާއެކު، ގިނަ އަދަދެއްގެ ގޯތި ދެވޭނެ ބިމެއް އެއާޕޯޓުގެ ތަރައްގީ އަށް ދޭން އެދުމުން އެ ރަށުގެ އާއްމުން ކަންބޮޑުވުން ފާޅުކުރަން ފެށި އެވެ.

އެކަމާ ދެކޮޅަށް ހަނިމާދޫގެ ކްލަބް ޖަމިއްޔާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ޕެޓިޝަނެއް ފޮނުވާފައިވެ އެވެ.

އެ މައްސަލައާ ގުޅޭގޮތުން އެ ރަށު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އެއާޕޯޓު ތަރައްގީ އަށް ބޮޑު ބިމެއް ދޭން ރަށުގެ ރައްޔިތުން ވެސް ކަންބޮޑުވާތީ އެކަން މި މަހުގެ 6 ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އަދި ސަރުކާރުން އެދިފައިވާ ބިން ކުޑަކޮށް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނުހުއްޓި ކުރިއަށްގެންދިއުމަށް މަޝްވަރާކުރަމުން އަންނަކަމަށް ބަޔާނުގައި ބުންޏެވެ.

އެ މަޝްވަރާތަކުން، އެ ބިން ކުޑަކޮށްދީފައިވާ ކަމަށް ބުންޏަސް އޭގެ ތަފްސީލެއް ދީފައެއް ނުވެ އެވެ. ނަމަވެސް، ކައުންސިލްގެ މިއަދު ބައްދަލުވުމަށް ވަނީ އެއާޕޯޓު މަޝްރޫއު އަށް 400،000 އަކަފޫޓުގެ ބިމެއް ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމަން އެޖެންޑާ ކޮށްފަ އެވެ. އެކަމަކު، ކައުންސިލްގެ ބައްދަލުވުމުގައި އެކަމަށް މަޝްވަރާކޮށްފައި ނުވާ ކަމަށްވެ އެވެ.

"ކުރިން ވެސް ދެންނެވި ފަދައިން ހަނިމާދޫ އެއާޕޯޓް ޑިވެލޮޕްމަންޓަށް ހަނިމާދޫ ބިމުން މިނިސްޓްރީން އެ ދަންނަވާ ވަރުގެ ބޮޑު ބިމެއް ބޭނުންވޭތޯ އެދި ދެންނެވުމުން، އެދިލައްވާފައިވާ ބިމަކީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އަށް 853،937 އަކަފޫޓުގެ ބިމަކީ ވަރަށް މުހިއްމު ބިމެއްކަން ފާހަގަކޮށް މި ކައުންސިލަށް ވަނީ އަންގަވައިފަ އެވެ. ވީމާ ހަނިމާދޫ ކައުންސިލުން މިހާރު މިނިސްޓްރީއާ މަޝްވަރާކުރަމުން މި ގެންދަނީ އެ ވަރުގެ ބޮޑު ބިމެއް ދިނުމާމެދު ކައުންސިލުން ކަންބޮޑުވާ ކަމަށެވެ،" ބަޔާނުގައި ބުންޏެވެ.

އެއާޕޯޓު މަޝްރޫއާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލް ބަދުނާމުވާ ގޮތަށް ކަންތައް ނުކުރުމަށާ އަދި ކައުންސިލަރުންގެ ފޮޓޯ ބޭނުންކޮށްގެން ހަގީގަތާ ހިލާފު ވާހަކަނުދެއްކުމަށް އެ ކައުންސިލުން އިލްތިމާސްކުރެ އެވެ. އެކަން ކުރާ ފަރާތްތަކާ ދެކޮޅަށް ކައުންސިލަށް ލިބިފައިވާ ބާރުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެކަމުގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން އެއާޕޯޓު ތަރައްގީކުރަނީ އެ ރަށުގައި އިންޑިއާގެ ސިފައިން ބޭތިއްބުމަށް ކަމަށެވެ. ސަރުކާރުގެ ބޭނުމަކީ އެއާޕޯޓް ހިންގުން އިންޑިއާ ބަޔަކަށް ދިނުމަށް ކަމަށް ވެސް އެއް ބަޔަކު ބުންޏެވެ.

ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިޔަ ހަފުތާގައި ވިދާޅުވީ އެ އެއާޕޯޓުގެ މިލްކުވެރިކަމާއި އެތަން ހިންގުން އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

މީގެ 31 އަހަރު ކުރިން ހަނިމާދޫގައި ހުޅުވި އެއާޕޯޓު ތަރައްގީކުރުމަށް އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވެ އެވެ. ހައި ކޮމިޝަނުން މިދިޔަ މަހު އާންމުކުރު ލިޔުމުގައި ބުނީ މި ޕްރޮޖެކްޓްގައި މިހާރު ކުރިއަށް ގެންދަނީ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް ކަމަށެވެ. އެ މަރުހަލާގައި މި ފަދަ މަޝްރޫއުއެއް ފުރިހަމަކުރުމުގެ ތަޖުރިބާ އާއި ޓެކްނިކަލް ގާބިލްކަމާއި މާލީ ތަނަވަސްކަން ލިބިފައިވާ އިންޑިއާގެ ކުންފުނިތަކުން ބައިވެރިވާ ކަމަށް ވެސް ބުންޏެވެ.