މަޖިލީހުގެ ދެ ވަނަ ދައުރު ޖުލައި 8 އަށް އިތުރުކޮށްފި
މަޖިލީހުގެ ދެ ވަނަ ދައުރު ޖުލައި 8 އަށް އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދެ ވަނަ ދައުރު އަންނަ މަހު އަށަކާ ހަމަ އަށް އިތުރުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދު ރިޔާސަތު ފައްޓަވައިދެއްވަމުން މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ހުރުމުން އަންނަ މަހު އަށަކާ ހަމަ އަށް ދައުރުގެ މުއްދަތު އިތުރުކުރަން ބޭނުންވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ދެ ވަނަ ދައުރު ހިނގާނީ މެއި މަހު 16 އިން ފެށިގެން މި މަހުގެ ނިޔަލަށެވެ.

މި ދައުރުގެ މުއްދަތު އިތުރުކުރަން މެމްބަރުންގެ ވޯޓަށް އެހުމުން 38 މެމްބަރުންގެ ތާއީދާ އެކު ވަނީ ފާސްކޮށްފަ އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވައިފައެއް ނުވެ އެވެ.

މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ނިންމިއިރު، މިދިޔަ މަހު ހައެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތުގެ އިންކުއަރީއެއް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން އަންނަނީ ހިންގަމުންނެވެ. އަދި އެ ކޮމިޓީގެ ރިޕޯޓް މި މަހު ނިންމާލާނެ ކަމަށް ވަނީ ބުނެފަ އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު ފަށާނީ އަންނަ އޮގަސްޓް މަހު 16 ގަ އެވެ.