ކުޅުންތެރިން ބެއްދުން ސްވިޑެން އިން މަނާކޮށްފި
ކުޅުންތެރިން ބެއްދުން ސްވިޑެން އިން މަނާކޮށްފި

ޕީޓާސްބާގް (ޖޫން 23) - މެޗުގެ ތެރެއިން އުފާ ފާޅުކުރުމުގެ ގޮތުންނާއި ކުޅުންތެރިންގެ އޮންނަ ގާތް ގުޅުން ހާމަކުރުމަށް އެކަކު އަނެކަކު ބެއްދުން ސްވިޑެންއިން މަނާކޮށްފި އެވެ.

ސްވިޑެން އިން އެގޮތަށް އެންގީ އިންގްލެންޑްގެ ދެ ކުޅުންތެރިން ކަމަށްވާ، ބެން ޗިލްވެލް އާއި މޭސަން މައުންޓް، ސްކޮޓްލެންޑްގެ ބިލީ ގިލްމޯ އާ ކޮންޓެކްޓް ވުމުން، ކަރަންޓީން ވާން ޖެހުމުންނެވެ. ގިލްމޯ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

ޔޫރޯގެ ގްރޫޕް އީގެ ފަހު މެޗުގައި މިރޭ ސްވިޑެން ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. މެޗުގެ ކުރިން ސްވިޑެންގެ ކޯޗް ޖޭން އެންޑަސަން ބުނީ، ކޮވިޑްގެ ހާލަތުން ދުރުވެވެން އޮތް ގޮތަކަށް ދުރުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ. އެ ގޮތުން ކުޅުންތެރިން އެކަކު އަނެކަކާ ބެއްދުން ރަނގަޅު ނޫންކަން ކުޅުންތެރިން ކިޔައިދީފައި ވާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަންނަކަށް ހީއެއް ނުވޭ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ބެއްދުން އެއީ ރަނގަޅު ކަމެއް ހެނެއް،" އެންޑަސަން ބުންޏެވެ. "ނަމަވެސް ސަލާމް ކުރެވިދާނެ އޭގެ ފަހުން އަވަހަށް އައިސް އަތް ދޮންނަ ކަމަށް ވަންޏާ."

މެޗަށް ނުކުންނައިރު ވެސް ސްވިޑެން ވަނީ ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. އެ ޓީމު ދެ ވަނަ ބުރަށް ދަތުރު ކުރީ ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުތަކުން ފިންލެންޑާއި ޔޫކްރޭންއަށް ޕޮއިންޓް ނުލިބުމުންނެވެ. އެ ދެ ޓީމަށްވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ސްވިޑެން ވަނީ މިހާރުވެސް ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.