23 ނޮވެމްބަރ 2016 - 13:24

ތޮއްޖެހިފައިވާ މާލޭގެ މަގުތައް އަލުން ހަދާއިރު ގަސް ނުއިންދާ ގޮތަށް ހަމަޖައްސާފައިވާތީ، ތިމާވެއްޓަށް ލޯބިކުރާ ބައެއް މީހުން ކަންބޮޑުވެއްޖެ އެވެ.

މާލޭގެ ބޮޑެތި މަގުތައް އަލުން ހެދުމުގެ މަޝްރޫއުގެ ދަށުން މަޖީދީ މަގު، ސޯޝަލް ސެންޓަރު ކައިރިން ފެށިގެން މާފަންނު ސަހަރާއާ ހަމައަށް ވަނީ މަސައްކަތް ނިންމައިފަ އެވެ. އެ ސަރަހައްދު ނިމުނުއިރު، އަދި މިހާރު މާފަންނު ވީބީ ސަރަހައްދުގައިި ގާތައް އަލުން އަތުރާއިރު ވެސް ގަސް އިންދާނެ ތަންކޮޅެއް ހާއްސަކޮށްފައެއް ނުވެ އެވެ.

އެހެންވެ، މަޖީދީމަގާ އެކު މާލޭގެ 13 މަގެއް އަލުން ހަދާއިރު އެއްވެސް މަގެއްގައި ގަސް ނުއިންދަނީތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ.
މަގުތަކުގައި މަސައްކަތް ކުރާ ބައެއް މީހުން ބުނީ، މަގުތައް އަލުން ޑިޒައިންކޮށްފައި ވަނީ ގަސް އިންދާ ގޮތަށް ނޫން ކަމަށެވެ.
އެކަމަކު، ހައުސިން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އަހްމަދު ފަޒާލް ވިދާޅުވީ މަގުތައް ހެދުމާ އެކުއެކީގައި، މަގުތައް ޒީނަތްތެރިކުރަން ވެސް ތިމާވެއްޓާ ރައްޓެހި ސިޔާސަތެއް މިނިސްޓްރީން އެކުލަވާލަމުން އަންނަ ކަމަށެވެ. އޭގެ ތަފްސީލް ފަހުން އާންމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަގުތައް ހަދާއިރު ގަސް އިންދާނެ ޖާގަ ނުބަހައްޓާ ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) މިއަދު ވިދާޅުވީ މަގުތައް އަލުން ހަދާއިރު ގަސް އިންދާނެ ސަރަހައްދެއް ފެންނަން ނެތަސް، މަގުތައް ހަދާނީ ގަސް އިންދާގޮތަށް ކަން އޭނާ އަށް ގަބޫލުކުރެއްވޭ ކަމަށެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަކީ އެފަދަ ކަންކަމަށް ވިސްނަވާ ބޭފުޅަކަށްވާތީ، މަގުތަކުގައި ފަހުން ނަމަވެސް ގަސް އިންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގައި އިންދާފައި ހުރި ގަސްތައް އާދަޔާހިލާފަށް ބޮޑުވެ، މޫތަކުން ކާނުތައް ހަލާކުވާ މައްސަލަ ވެސް ކުރިމަތިވި އެވެ. އަދި ބައެއް ގޭގެ އަށް މޫތައް ވަދެ، ފާހާނާ ހޮޅިތައް ފަޅައިގެން ނަޖިސް ލީކުވުން ފަދަ ކަންކަން ވެސް މެދުވެރިވެފައިވެ އެވެ.
މީމުޒަވިޔަނި ވިދާޅުވީ މިފަދަ ކަންކަން މެދުވެރިވަނީ "ނަމަކަށް" ގަސް އިންދުމުން ކަމަށެވެ. މަގުތަކުގައި ގަސް އިންދަން ޖެހޭނީ އެ މާހައުލަކާ ގުޅޭގޮތަށް ކަމަށާއި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ގަސްތައް ރަނގަޅަށް ބަލަހައްޓަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ގަސްތައް އިންދާފައި ވަކި ވަރަކަށް ބޮޑުވާން ފެށީމަ، އެ ގަސް ނަގާފައި އާ ގަހެއް އިންދަން ޖެހޭނެ. އެގޮތަށް ވަރަށް ރަނގަޅަށް ބެލެހެއްޓެން ޖެހޭނެ. މާލޭގެ މަގުތަކާ ވެސް ގުޅޭ، ގެއްލުން ނުވާނެ، ވަރަށް ލަހުން ބޮޑުވާނެ ގަސްތައް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
މިސާލެއް ދައްކަވަމުން ވިދާޅުވީ، މާލޭ ހުކުރު މިސްކިތް ކައިރީގައި މިހާރު އިންދާފައި ހުރީ ތިމާވެއްޓާ ރައްޓެހި ގަސްތަކެއް ކަމަށެވެ. ހިތި ގަސް ފަދަ، ކައިރި ސަރަހައްދުތަކުގައި ހުންނަ ހުރިހާ ޖަރާސީމެއް ދަމައިގަންނަ ގަސްތަކަކީ ވެސް ތިމާވެއްޓާ ރައްޓެހި ގަސްތަކެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަގުތަކުގައި ގަސް އިންދަން ޖެހޭނީ އެކަމަށް ވަކި ސަރަހައްދެއް ހަދައިގެންނެވެ. އޭގެ ބަދުލުގައި ޕޮޓުތަކުގައި ގަސް އިންދުމާއި އެލުވުން ފަދަ ކަންކަމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މީމުޒަވިޔަނި ވިދާޅުވި އެވެ.
އަަލުން ހަދާ މަގުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު ހިމެނޭއިރު އެ މަގުގައި ތާރު އެޅުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމީ ބައެއް މަގުތައް ވަރަށް ބޮޑަށް ހަލާކުވުމުންނެވެ. އަލުން ހަދަން ޖެހޭ ގިނަ މަގުތަކެއް ހުރުމާ އެކު އޭގެ ތެރެއިން ވަރަށް ގިނަ މަގުތައް ރަނގަޅު ފެންވަރަކަށް ބަދަލުކޮށް، މިހާރުގެ އާންމު ޝަކުވާތައް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.