ކޮވިޑްގެ ތިން ވަނަ ރާޅެއް އިންޑިޔާގެ ބޯމަތީގައި
ކޮވިޑްގެ ތިން ވަނަ ރާޅެއް އިންޑިޔާގެ ބޯމަތީގައި

ކޮވިޑް ވަބާގެ ތިން ވަނަ ރާޅެއް އިންޑިއާ އަށް ފެތުރިގަތުމަކީ ނުވެ ނުދާނެ ކަމެއް ކަމަށާއި، ކުރިއަށް އޮތް 6-8 ހަފުތާގެ ތެރޭގައި، އިންޑިއާ އެކަމާ ކުރިމަތިލާންޖެހޭނެ ކަމަށް، އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އޭއައިއައިއެމްއެސް)ގެ ވެރިޔާ ޑރ. ރަންދީޕް ގުލޭރިއާ ވިދާޅުވެއްޖެ އެވެ.

"ފުރަބަންދަށް ލުއިތައް ދޭ ވަރަކަށް އަހަރެމެންނަށް ފެންނަމުން މިދަނީ، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ ދުރުހެލިވެވޭ މަންޒަރު. ކޮވިޑްގެ ފުރަތަމަ ރާޅާއި ދެ ވަނަ ރާޅު ފެތުރިގެން ދިޔައިރު، ކަން ހިނގި ގޮތުން އަހަރެމެން އެއްވެސް އިބްރަތެއް ލިބިގަތްހެން ހިޔެއް ނުވޭ. އަނެއްކާ ވެސް މީހުން އެދަނީ ތަންތަނަށް ޖަމާވަމުން. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މައްޗަށް ދާން ދުވަސްކޮޅެއް ނަގާފާނެ. ތިން ވަނަ ރާޅެއް ފެތުރިގަންނާކަން އެއީ ޔަގީން ކަމެއް."

ޑރ. ރަންދީޕް ވިދާޅުވި ގޮތުގައި ކޮވިޑްގެ ތިން ވަނަ ރާޅެއް އައުމާއި ނައުން ބިނާވެފައިވަނީ، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އަމަލުކުރާ މިންވަރެއްގެ މައްޗަށާއި، މީހުން އެއްތަންވެ އުޅޭ މިންވަރެއްގެ މައްޗަށެވެ.

ކޮވިޑްގެ ދެ ވަނަ ރާޅު މިއަހަރުގެ ކުރީކޮޅު މުޅި އިންޑިޔާ އަށް ފެތުރިގަތުމާ އެކު، އެ ގައުމުގެ ގިނަ ސަރަހައްދުތަކެއް ފުރަބަންދު ކުރި އެވެ. އޭގެ ފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށަށް ދާން ފެށުމާ ގުޅިގެން، މިމަހުގެ ތެރޭގައި ބައެއް ސިޓީތަކުގައި ވަނީ ފުރަބަންދުގެ ހިފެހެއްޓުންތަކަށް ލުއިތައް ދޭން ފަށައިފަ އެވެ.

އެ ގޮތުން، ނިއު ދިއްލީ އާއި މުމްބާއީގައި އިއުލާންކޮށްފައި އޮތް ފުރަބަންދު އުވާލައި، ބޭރަށް ނުކުމެ އުޅުން ވެސް މިހާރު ވަނީ ހުއްދަ ކޮށްފަ އެވެ. އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް މިހާރު ހުރީ 2.98 ޕަސެންޓްގަ އެވެ. މިއީ އެ ނިސްބަތް 5 ޕަސެންޓުން ދަށުގައި ހުންނަތާ 12 ވަނަ ދުވަސް ކަމަށް އިންޑިޔާގެ ކަމާ ބެހޭ ރަސްމީ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޑރ. ރަންދީޕް ވިދާޅުވީ ކޮވިޑުން ދިފާއުވުމަށް މިހާތަނަށް ލިބިފައި އޮތް އެންމެ މުޖައްރިބު ހަތިޔާރަކީ ވެކްސިން ކަމަށެވެ. އަދި ގިނަ ބަޔަކަށް ވެކްސިން ދިނުމުގެ މަގްސަދުގައި، އެ ގައުމުގައި ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ޖަހާ މުއްދަތު އިތުރުކުރުމަކީ، ގޯސް ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މައިގަނޑު ގޮންޖެހުމަކީ ވެކްސިން. ކޮވިޑްގެ އެއް ރާޅަށް ފަހު އަނެއް ރާޅު އަންނަން ތިން މަހެއްހާ ދުވަސް އެބަ ނަގާ. އެކަމަކު އެ ވަގުތަކު ފެތުރޭ ވައިރަހުގެ ބާވަތަކުން، އެ މުއްދަތު އެއަށް ވުރެ ކުރު ވެސް ވެދާނެ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އަމަލު ކުރުމުގެ އިތުރުން، މިވަބާ ފެތުރެމުންދާ ގޮތް ވަރަށް ގާތުން ފާރަލައި ބަލަންޖެހޭ. އެންމެ ފަހުން ބިންދާލި ރާޅުގައި ވެސް ފެތުރިގެން ދިޔައީ، ބޭރުން އައިސް މިގައުމުގައި އިތުރަށް އޭގެ ބާރު ގަދަވެގެން ދިޔަ ބާވަތެއްގެ ވައިރަހެއް. ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް ޖެހުނީ އެ ވައިރަހުގެ ސަބަބުން. ވައިރަހަކީ އަބަދުވެސް އޭގެ ޒާތަށް ބަދަލުތައް އަންނަ އެއްޗެއް ކަން އަހަރެމެންނަށް އެނގޭ. އެހެންވީމާ، ބޮޑަށް ބަލި ފެތުރޭ ސަރަހައްދުތަކުގައި ވާނުވާ ރަނގަޅަށް ބަލަން ޖެހޭނެ،" ޑރ. ރަންދީޕް ވިދާޅުވި އެވެ.

ކޮވިޑް ވައިރަހުގެ ޑެލްޓާ ބާވަތް ފެތުރެމުންދާ އިނގިރޭސި ވިލާތް މިހާރު އެ އޮތީ ތިން ވަނަ ރާޅުގެ ތެރޭގައި ކަމަށާއި، އެ ގައުމުގައި ފެތުރުނު ޑެލްޓާ ބާވަތުގެ ވައިރަހަށް މިހާރު ވެސް ބަދަލުތައް އަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އިނގިރޭސި ވިލާތުގައި މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ 99 ޕަސެންޓް މީހުންނަށް އެ ބަލި ޖެހެނީ، އެންމެ ފުރަތަމަ އިންޑިޔާ އިން ފެނުނު ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުންނެވެ.