އަފްގާންގައި ތާލިބާނުން އަނެއްކާވެސް ބާރު ގަދަކުރަނީ
އަފްގާންގައި ތާލިބާނުން އަނެއްކާވެސް ބާރު ގަދަކުރަނީ

އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނާއި ނޭޓޯގެ ސިފައިން އެ ގައުމުން ފޭބުމުގެ މަސައްކަތް ކުރަމުން އަންނަ ވަރަކަށް، އެ ގައުމުގެ ހަނގުރާމަވެރި ތާލިބާން ޖަމާއަތުގެ ބާރު ގަދަކުރަމުން އަންނަ ކަމަށް، އދ. އިން އިންޒާރުކޮށްފި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން، އދ.ގެ ހާއްސަ މަންދޫބު ޑެބޮރާ ލިޔޯންސް ވިދާޅުވީ، އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން މަދުކުރަމުން އަންނަ ސަރަހައްދުތަކަށް، ތާލިބާނުން ވެރިވަމުން އަންނަ ކަމަށެވެ. އެ ގޮތުން، 370 އަވަށެއްގެ ތެރެއިން 50 އަވަށެއް މިހާތަނަށް ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަފްގާނިސްތާނުގައި އަސްކަރީ ތަޅާފޮޅުން އިތުރުވަމުން ދާ ވަރަކަށް، އަވައްޓެރި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ އިތުރުވަމުން ދާ ކަމަށެވެ. އެހެންކަމުން އެ ގައުމުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި ނޭޓޯ އިން ރާވާފައި އޮތީ، އަފްގާނިސްތާނުގައި ތިބި ސިފައިން، މިއަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް އެގައުމުން ބާލައި ނިންމާށެވެ.

އެމެރިކާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ އަފްގާނިސްތާނުގެ ހާލަތު ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާ ކަމަށާއި، ތާލިބާނުންގެ ހަމަލާތައް އިތުރުވިޔަސް، ސިފައިން ބޭލުމުގެ މަސައްކަތަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.

އދ.ގެ ހާއްސަ މަންދޫބު ޑެބޮރާ ވިދާޅުވީ ތާލިބާނުންގެ ހަރަކާތްތައް އިތުރުވެގެން އުޅެނީ، އެ ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ދާދި ފަހުން ދިން ވަރުގަދަ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

ތާލިބާނުން މިހާރު އަތް ގަދަކުރަމުން ދަނީ ބޮޑެތި ޕްރޮވިންސްތަކުގެ ބޭރުގައި ހުރި ކުދި އަވަށްތަކަށެވެ. ތާލިބޭނުންގެ މިހާރުގެ އަމާޒަކީ، އެމެރިކާ އާއި ނޭޓޯ ސިފައިން އެ ގައުމުން ފައިބާ ނިމުމުން، އެ ޕްރޮވިންސްތައް އަލުން ހިފުން ކަމަށް ޑެބޮރާ ވިދާޅުވި އެވެ.

އަވައްޓެރި ތަޖިކިސްތާނާއި އަފްގާނިސްތާނު ގުޅޭ ސަރަހައްދީ އިމުގައިވާ، އިން ހުރަސްކުރާ މައި ދޮރޯށި، ތާލިބާނުގެ ހަނގުރާމަވެރިން އިއްޔެ ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. މި ދޮރޯށި ހުންނަނީ ދާދި ފަހުން، އަފްގާނިސްތާނު ސިފައިންނާއި ތާލިބާނުގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި ކުންދޫޒް ޕްރޮވިންސްގަ އެވެ.

ތާލިބާން ޖަމާއަތުން ބުނި ގޮތުގައި ކުންދޫޒް ޕްރޮވިންސް މިހާރު އޮތީ އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. ނަމަވެސް އަފްގާނިސްތާނުގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި، ކުންދޫޒްގެ ބައެއް އަވަށްތައް މިހާރު ވަނީ ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް އަލުން ގެނެވިފަ އެވެ. އަދި ކުންދޫޒް ހިފުމަށް ފަށާފައިވާ ހަމަލާތައް މިހާރު ވެސް ކުރިއަށް ދާ ކަމަށާއި އެކަން ކާމިޔާބު ވާނެ ކަމަށް ވެސް ދިފާއީ ވުޒާރާ އިން ބުނެ އެވެ.

ތާލިބާން ހަނގުރާމަވެރިން ވަނީ، 2015 ވަނަ އަހަރާއި 2017 ވަނަ އަހަރު ވެސް ކުންދޫޒް ހިފައިފަ އެވެ. އެއިން ކޮންމެ ފަހަރަކުވެސް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް އެ ޕްރޮވިންސް ގެނެވެނީ ނޭޓޯ ސިފައިންނާ ގުޅިގެން، ސަރުކާރު ސިފައިން، ތާލިބާންގެ ހަނގުރާމަވެރިންނަށް ވަރުގަދަ ހަމަލާތަކެއް ދީގެންނެވެ.

ކުންދޫޒް ޕްރޮވިންސުން މައުލޫމާތު ލިބޭ ގޮތުގައި، ތާލިބާނުން އެ ޕްރޮވިންސް ހިފުމަށް ފަހު، ސަރުކާރު ސިފައިންގެ ގިނަ އަދަދެއްގެ ހަތިޔާރާއި އަސްކަރީ ސާމާނު ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

އަދި ގިނަ އަދަދެއްގެ ސިފައިން މަރާލައި ނުވަތަ ޒަހަމްކޮށްލާފައިވަނިކޮށް ވަނީ ފެނިފަ އެވެ. ނަމަވެސް އެއީ ކިހާ ސިފައިންނެއް ކަމެއް ނޭނގެ އެވެ.

އަފްގާނިސްތާނުގައި ވެރިވެގެން ތިބި ތާލިބާން ޖަމާއަތުގެ ވެރިކަން ވެއްޓުނީ، ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ ދަށުން، އޮކްޓޫބަރު 7، 2001 ގައި އެމެރިކާ އާއި ނޭޓޯ ސިފައިން ތާލިބާންގެ ހަނގުރާމަވެރިންނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އެ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. ޓެރަރިޒަމާ ދެކޮޅު ހަނގުރާމައަކީ، ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގެ އިސް މޭސްތިރިން ހިފައި ހައްޔަރުކުރުމަށް އިއުލާން ކުރި ހަނގުރާމައެކެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ބާލަން ނިންމީ، ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް ހަމަލާ ދޭން ބޭނުންވާ ޖިހާދީ ޖަމާއަތްތަކުގެ މަރުކަޒަކަށް، އަފްގާނިސްތާނު ދެން ނުވާނެކަން، އެމެރިކާގެ ލަޝްކަރުތަކަށް ކަށަވަރު ވުމުންނެވެ.