ވާހަކަ: ބޮޑު ސިއްރު
ވާހަކަ: ބޮޑު ސިއްރު

އާދިއްތަ ދުވަހާ ގުޅޭ

"މީ ކޮން ކަމެއް؟" ހައިރާންވެފައި ޖީޒާ އެހިއެވެ.

"އެހެރީ މަންމަ ރީތިކޮށްލާފަ!" މަލްހާ ވަރަށް ހިނިއައިސްފައި ބުންޏެވެ. "ކިހާ ލޯބި!"

ފައުޒިއްޔާ ހުރީ ވަރަށް އުފާވެފައެވެ. ޖީޒާ ވެސް ހިނިތުންވިއެވެ. ފަހަކަށް އައިސް މަންމަގެ މޫނުމަތިން އެ ފަދަ އުފާވެރިކަމެއް ޖީޒާއަށް ފެނިފައެއް ނުވެއެވެ. އެކަމަކު މަލްހާއަށް ކުރެވުނީ މަންމަގެ އުމުރާ ގުޅޭ ކަހަލަ ކަމެއް ހެއްޔެވެ؟ އެ ސުވާލުން ޖީޒާގެ ހިތަށް ނުތަނަވަސްކަން ގެނުވިއެވެ.

"އަހަރެން ނޫން މީހަކު މަންމަ ފެނެއް ނުވަރުވާނެ،" ވަރަށް ހަމަޖެހިލައިފައި ޖީޒާ ބުންޏެވެ. "މަންމަ ބޭނުމެއް ވެސް ނުވާނެ އެހެން މީހަކު މަންމަ ފެންވަރުވާކަށް ވެސް. އެކަމަކު ބަލާބަލަ މަންމަ އުފާވެފަ ހުރި ވަރު. މަލްހާ ތި ކުރީ ވަރަށް ބޮޑު ކަމެއް."

"ދެން އަހަރެން ފެންވަރުވާނީ މަލްހާ!" ފައުޒިއްޔާ ބުންޏެވެ.

ފައުޒިއްޔާގެ ރުހުން ޖީޒާ ހޯދީ އެންމެ ދުވަހަކުން ނޫނެވެ. ކޮށްލި އެންމެ ކަމަކުންނެއް ވެސް ނޫނެވެ. ދެމައިންގެ ގުޅުން ބަދަހިވެފައިވަނީ ލޯތްބާއި އިތުބާރުގެ އެތަކެއް ފަށަލަތަކުންނެވެ. އެއް ފަހަރުން މަލްހާ ކޮޅު އަނބުރައިލީއެވެ. އެހެންނަމަވެސް، ދެން ޖީޒާ ނައިސްގެން މަންމަގެ އެއްވެސް ކަމެއް ނުވެއެއް ނުހުންނާނެއެވެ. ޖީޒާއަށް އިތުބާރުކުރެވޭ މީހަކު އެ ކަން ކުރަންޏާ ޖީޒާއަށް ފަސޭހަވާނެއެވެ. ޖީޒާ ވިހައިގެން އޮންނަ ދުވަސްވަރު އެ ކަމާ ވިސްނާކަށް ވެސް ނުޖެހޭނެއެވެ. އެކަމަކު އެއީ ޖީޒާގެ މަންމައެވެ. ހަމަ އެކަނި ޖީޒާ ކުރާ ކަމެއް، އެހެން މީހަކު ލައްވައި ކުރުވުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ ޖީޒާ ވާންވީ އުފާ ހެއްޔެވެ؟ ދެރަ ހެއްޔެވެ؟ ފުން ނޭވައެއް ބޭރުކޮށްލައިފައި އެ ހިސާބުން ޖީޒާ އެ ކަން ނިމައިލީއެވެ.

ޖީޒާ އޮފީހަށް ދަނީ ހެނދުނުއެވެ. އޮފީސް ނިމެނީ އެއްގަޑި ބައިގައެވެ. އޭގެ ކުރިން، ދުވަހަކު ވެސް ޖީޒާ ގެއަކަށް ނާދެއެވެ. އެހެނަސް، ބޮލުގައި ރިއްސައިގަނެގެން ކެތް ނުވި ދުވަހަކު ޖީޒާއަށް ގެއަށް އަންނަން ޖެހުނެވެ. މުޅި ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށެވެ. ގެއަށް ވަން އިރު މަލްހާ ހީނހީނފައި ވާހަކަދައްކާ އަޑު އިވެއެވެ. އަޑު އައީ މަލްހާގެ ކޮޓަރިންނެވެ. ފައުޒިއްޔާ ކޮޓަރިއަށް ޖީޒާ ބޯދިއްކޮށްލި އިރު ފައުޒިއްޔާ އޮތީ ނިދައިފައެވެ. މަލްހާގެ ކޮޓަރީގެ ދޮރުގައި ހިފައިލި އިރު ދޮރު ހުރީ ތަޅުލައިފައެވެ. ޖީޒާ ޓަކިޖަހައިލިއެވެ. މަލްހާ ވަގުތުން ދޮރު ހުޅުވިއެވެ. މަލްހާ ހުރީ ވަރަށް ހިނިއައިސްފައެވެ. ފާއިޒު އެނދުގައި އިށީނދެލައިގެން އިނެވެ. އެނދު މަތީގައި އެކި ކުލަކުލައިގެ ފޮތިތަކެއް ފަތްޖަހައިފައި ހުއްޓެވެ.

"ކާކު ދޮރު ތަޅުލީ؟" ޖީޒާ ކުރަންވީ ސުވާލުކުރީ މަލްހާއެވެ.

"އަހަރެން ވެސް ތިހެން އަހަން މި އުޅެނީ." ޖީޒާ ކުޑަކޮށް ހައިރާންވެފައި ބުންޏެވެ.

"އެ ވާނީ ނޭނގި ތަޅުލެވުނީކަމަށް،" މަލްހާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ބަލަ ބޭބެ ގެނައި ރީތި ފޮތިތަކެއް."

ޖީޒާ އެނދު ކައިރިއަށް ގޮސް ފޮތިތައް ބަލަން ފެށިއެވެ. ފާއިޒު އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިލައިގެން އިނެވެ. ފަސް ފޮތިގަނޑު އޮތެވެ. މުޅީން ވެސް އަގު ބޮޑު ފޮއްޗެވެ.

"އަހަރެން ގޮސްލާނަން އިނގޭ މަލް!" ފާއިޒު ތެދުވަމުން ބުންޏެވެ. "ފިހާރައަށް ދަމުން މި ވަދެލީ."

ފާއިޒުގެ ހަރަކާތްތައް ހުރި ގޮތް ޖީޒާއަކަށް ކަމަކުނުދިޔައެވެ. ގޭގެއަށް މީހުން ޒިޔާރަތްކުރަނީ ހަވީރުއެވެ. ހެނދުނު ޖީޒާ ގޭގައި ނޫޅޭ ވަގުތު ބަލައިފައި ފާއިޒު ކޮންމެހެން އައީ ކީއްވެގެން ހެއްޔެވެ؟ އެހެންނަމަވެސް ފާއިޒަކީ މަލްހާގެ ބޮޑުބޭބެއެވެ. ޝައްކެއް އުފެދެންޖެހޭ ސަބަބެއް ނެތެވެ. އެ ވަގުތު ފޯނު ރަނގަބީލުވާން ފެށިއެވެ. ފޯނު ނެގީ ޖީޒާއެވެ.

"ބަލިވީތަ؟ އޮފީހަށް ގުޅީމަ ބުނީ ބޮލުގަރިއްސާތީ ގެއަށޭ ދިޔައީ،" ރާމިޒާ ބުންޏެވެ. "ކަމަކާ އަނގަތަޅައިލަން ވެގެން ގުޅީ. މަލްހާ ކިހިނެއްތަ؟ ފޫހިވެގެނެއް ނޫޅޭތަ؟ ރޭގަ ވަރަށް އެހެން ކަހަލަ ހުވަފެނެއް އަހަންނަށް ފެނިއްޖެ."

"އާނ! އޭނަ ހަމަ ވަރަށް މަޖާކޮށް އުޅެނީ. މަންމަޔާ ވަރަށް ގުޅާފަ ހުންނަނީ،" ޖަވާބުގައި ޖީޒާ ބުންޏެވެ. "މަންމަ ވެސް މަލްހާއާ ނުލާ މިހާރު ނޭވާލެވޭކަމަކަށް ވެސް ނުވޭ! ފޫހިވެގެނެއް މަލްހާ ނޫޅޭ! ތަންތަނަަށް ދާކަށް ވެސް ނޫޅޭ!"

ރާމިޒާ ވާހަކަ ގެންދިޔައީ ވަރަށް ދުރުދުރުންނެވެ. ކުޑަކޮށް ވެސް ޖީޒާއަށް ޝައްކު ނުވާނެ ގޮތަށެވެ.

"އަހަންނަށް ހުވަފެނުން ފެނުނީ މަލްހާޔާ ބައްދަލުކުރަން އޭނަގެ ރައްޓެހިން އަންނަ ތަން،" ރާމިޒާ ކޮންމެ ލަފުޒެއް ވެސް ބޭނުންކުރަނީ ދެ ފަހަރަށް ވިސްނައިފައެވެ. "އެކަމަކު އޭނަގެ އެހާ ގިނަ ރައްޓެހިންނެއް މާލެއަކު ނުތިބޭނެ."

"ނާދޭ އެކަކު ވެސް،" ޖީޒާ ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "އޭނަ އަބަދު ވެސް އުޅެނީ ކޮންމެވެސް އެއްޗެއް ފަހަން. އާނ ފާއިޒު ގުޅާ! ހަދިޔާބަދިޔާ ވެސް ފޮނުވާ! ދެންމެ ވެސް އޭނަ މި ގޭގަ އިނދެފަ އެ ދިޔައީ. ވަރަށް ރީތި، އަގު ބޮޑު ފޮތިތަކެއް ހިފައިގެން އައީ. މަލްހާ ދެކެ އޭނަ ވަރަށް ލޯބިވޭ ދޯ!"

ރާމިޒާ ބިރުގަތްކަމަކީ އެއީއެވެ. އެ ކަމުގައި ޖީޒާގެ ކުށެއް ނެތެވެ. ފާއިޒަކީ ބޮޑުބޭބެއެވެ. އޭނަޔާ ބެހޭ ގޮތުން ރާމިޒާ އެއްވެސް އިންޒާރެއް ނުދެއެވެ. ދެން ވެސް ނުދެވުނެވެ. އެއްވެސް މީހަކު ގެއަށް ނުވެއްދުމަކީ ފާއިޒު ވެސް ގެއަށް ނުވެއްދުމޭ ރާމިޒާއަށް ބުނެވުނީހެވެ. އެކަމަކު ރާމިޒާ ބުނާ އެންމެ އެއްޗަކުން ޖީޒާގެ ހިތުގައި އެއް ހާސް ސުވާލު އުފެދޭނެއެވެ. ސިއްރު ބޭޒާރުވެ މުޅި އާއިލާ ބަދުނާމު ވެދާނެއެވެ. އަނެއްކޮޅުން ހެނދުނު ގަޑީގައި ފާއިޒު އައީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލު އުފައްދަން ޖީޒާ ބޭނުމެވެ. އެކަމަކު ފާއިޒަކީ ރާމިޒާގެ ދަރިފުޅެވެ. އެ ފަދަ ސުވާލެއް ޖީޒާ އުފައްދަން ހެޔޮވާނީ ވެސް ކިހިނެއް ހެއްޔެވެ؟ ދެ މީހުން ވެސް ކޮންމެހެން ދައްކަން ޖެހޭ މުހިންމު ވާހަކަތަކެއް ހުރެ، އެ ވާހަކަ ނުދައްކައި ފޯނުކޯލު ނިންމައިލީއެވެ. އެ ފަދަ ކޮންމެ ހާލަތެއްގައި ހެދޭ އެންމެ ބޮޑު ގޯސް ދެ މީހުންނަށް ވެސް ހެދުނީއެވެ. އެކަމަކު ޖީޒާއަށް އެއް ކަމެއް ރަނގަޅަށް ކުރެވުނެވެ. މަލްހާޔާ މަޝްވަރާކުރެވުނެވެ. ރޭގަނޑު ކާން ތިބި ވަގުތު، ވަރަށް ދުރުދުރުންނެވެ.

"މަލްހާ! ބޭބެ ގެއަށް އައިމަ ވާނެ ޖޫސްތަށްޓެއް ނޫނީ ފެންތަށްޓެއް ނަމަވެސް ދޭން،" ރަނގަޅުވާނެހެން ޖީޒާއަށް ހީވި ގޮތަށް ޖީޒާ ވާހަކަ ފެށިއެވެ. "މެހުމާނަކު ގެއަށް އައިމަ އެއްޗެއް ނުދީ ފޮނުވާލާކަށް ނުވާނެ."

"ކުރީ ދުވަހު ދިނީމޭ،" މަލްހާ ޖަވާބުދިނެވެ. "މިއަދު.."

"ކުރިން ވެސް ފާއިޒު އާދޭތަ؟" ޖީޒާ ހައިރާންވެފައި އެހިއެވެ.

"އާނ!" އެއްވެސް ކަމެއް ނޫންކަން ދޭހަވާ ކަހަލަ ގޮތަކަށް ދަމައިލައިފައި މަލްހާ ބުންޏެވެ. "ބޭބެ އަބަދު ވެސް އަންނާނީ އެ ގަޑީގަ. މި މޭޒު ކައިރީގައޭ އަހަރުމެން ތިބެނީ. މިއަދު ބޭބެ ފެނުނު އިރު ހުރީ ކޮޓަރިތެރޭގަ."

ޖީޒާގެ ބޮލުގަރިއްސައިލީ އެ ހިސާބުންނެވެ. ޖީޒާއަށް ނުވެސް އަންގައި، މުޅީން ވެސް ޖީޒާ ނޫޅޭ ގަޑިގަޑީގައި ފާއިޒު އަންނަނީ ކީއްވެގެން ހެއްޔެވެ؟ އެއީ އާންމުކޮށް ކަންތައްކުރާ އުސޫލެއް ނޫނެވެ. ފާއިޒު ކޮޓަރީގައި އިންދައި ޖީޒާއަށް ވަދެވުނު ވަގުތު، ފާއިޒު ކަންތައްކުރި ގޮތް ވެސް ޖީޒާއަކަށް ކަމަކުނުދިޔައެވެ. ޖީޒާޔާ އަނގައިން ވެސް ނުބުނެ، އިސްޖަހައިލައިގެން ފާއިޒު ނުކުތީ ކީއްވެގެން ހެއްޔެވެ؟ މައްސަލައަކީ ކޮބައި ހެއްޔެވެ؟

"ފާއިޒު ގާތުގަ ބުނޭ ހަވީރުގަޑީގަ އަންނާށޭ!" ވަރަށް އާދައިގެ ރާގަކަށް ޖީޒާ ބުނެލިއެވެ. "އޭރުން އަހަރެން ވެސް އުޅޭނެ. އޭރުން ސަޔެއް އެއްޗެއް ވެސް ހަދައިލެވޭނީ."

ހެނދުނު އައުން ފާއިޒު ހުއްޓައިލިއެވެ. އެކަމަކު ހަވީރަކު ވެސް ނާދެއެވެ. އެ ކަން ވެސް ޖީޒާއަކަށް ކަމަކުނުދިޔައެވެ. މަލްހާގެ ފަރާތުން ވެސް ތަކުރާރުވާން ފެށީ ޖީޒާއަށް ބަލައިގަންނަން އުނދަގޫ ކަހަލަ ކަމެކެވެ. އެއީ ޖީޒާގެ މަންމަ ނަލަހެއްދުމެވެ. އެ ކަން ޖީޒާ ނުހުއްޓުވުމުން ދެން ފެނުނީ އެހެން ހަރުފަތަކަށް އެ ކަން ބަދަލުވި ތަނެވެ.

އެއްދުވަހު ޖީޒާ ގެއަށް ވަން އިރު މަންމަގެ އިސްތަށިގަނޑު ހުރީ ދެ ފަރާތަށް އައްސައި، ރިބަނުން ޓައީޖަހައިފައެވެ. ހީވަނީ ކުޑަކުއްޖަކު އިސްކޫލަށް ދާން ތައްޔާރުކޮށްފައި ހުރިހެންނެވެ. ރާމިޒާގެ މާމަދަރިޔަކަށް ވިޔަސް، އެއްޗެއް ނުބުނެ ހުންނަން ޖީޒާއަށް ވަރަށް އުނދަގޫވިއެވެ.

"މަންމައަކީ މިހާރު މޭކަޕުކުރާ އުމުރުގެ މީހެއް ނޫނެއްނު،" މަންމައަށް ނީވޭ ހިސާބު ދުރަށް މަލްހާ ގެންގޮސްފައި، މަޑުމަޑުން ޖީޒާ ބުންޏެވެ. "ފެންވަރުވާފަ ލޯޝަންކޮޅެއް ހާކައިލީމަ ރަނގަޅުވާނެ. މޭކަޕްކޮށް، ފުނާއަޅުވާ ކަންތައް ކުރާނެކަމެއް ނެތް."

"އެކަމަކު މޭކަޕްކުރީމަ މަންމަ ކިހާ ލޯބި!" މަލްހާ ވަރަށް ގަޔާވެފައި ބުންޏެވެ. "މަންމަ ކައިރީގަ އަހައިފައޭ ލިޕްސްޓިކް ޖެއްސީ ވެސް. މަންމަ ބުނި ގޮތަށް ފުނާ ވެސް އެޅުވީ. ދައްތައަށް ވުރެ އަހަންނަކަށްނު މަންމަ ގެންގުޅެން ފަސޭހަވާނީ ވެސް."

ޖީޒާ ވިސްނައިދޭން ބޭނުންވި އެއްޗެއް މަލްހާއަކަށް ނުވިސްނުނެވެ. މަލްހާގެ މާމަޔާ ހަމައަށް އެ މައްސަލަ ގެންދާކަށް ޖީޒާއަކަށް ނުކެރޭނެވެ. މަލްހާ ބުނީ ދޮގެއް ނޫނެވެ. މަންމަ ގެންގުޅެން މަލްހާއަށް މާ ފަސޭހަވާނެއެވެ. މަލްހާ ހުންނަނީ އިސްކޮޅުން ބޮޑުކޮށެވެ. ޖީޒާއަކީ ޖީޒާގެ މަންމައަށް ވުރެ އިސްކޮޅުން ކުރުކޮށް ހުންނަ މީހެކެެވެ.

ޖީޒާ ދެކޭ ގޮތް މަޑުމަޑުން ބަދަލުކޮށްލިއެވެ. މޭކަޕުކޮށްފައި ހުއްޓަސް މަންމައަކީ ބޭރަށް ނުކުންނަ މީހެއް ނޫނެވެ. މީހަކަށް ފެންނަ މީހެއް ނޫނެވެ. ކަމަކީ ގޯސްކަމެއް ނޫނެވެ. އަނެއްކޮޅުން، މަންމަ ހުންނަނީ ނުލާހިކު އުފާވެފައެވެ. މައްސަލައަކީ ކޮބައި ހެއްޔެވެ؟ ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިޔަސް، މަންމަގެ ދަރިޔަކީ ޖީޒާއެވެ. ފައުޒިއްޔާއަކީ ޖީޒާގެ މަންމައެވެ. އެޔެއް ބަދަލެއް ނުކުރެވޭނެއެވެ.

އެއްދުވަހަކު ޖީޒާ ގެއަށް އައި އިރު މަލްހާގެ މޫނުމަތި ހުރީ މިލާފައެވެ. އެ މޫނުން އާންމުކޮށް ފެންނަން ހުންނަ ހިނިތުންވުމެއް އެ ދުވަހަކު ނެތެވެ. މަލްހާ އުފަލުގައި ގެންގުޅެން ވައުދުވެފައިވާ ޖީޒާއަށް އެ މަންޒަރު ބަލާކަށް ފަސޭހައެއް ނުވިއެވެ.

"ކިހިނެއްވީ؟" ޖީޒާ ސުވާލުކުރިއެވެ.

-ނުނިމޭ-