ހަމް ޓީވީގެ އާ ދެ ސިލްސިލާ އަކީ "ޕަރީޒާދު" އާއި "ލާޕަތާ"
ހަމް ޓީވީގެ އާ ދެ ސިލްސިލާ އަކީ "ޕަރީޒާދު" އާއި "ލާޕަތާ"

ޓީވީ ސިލްސިލާތަކަށް ފޯރި ހުންނަ މީހުންނަށް ޕާކިސްތާނުންގެ ހަމް ޓީވީން ވަރަށް ހާއްސަ އާ ދެ ސިލްސިލާއެއް ކުރިއަށް އެބަ އޮތެވެ. މިހާރު ޕްރޮމޯތައް ވެސް ދައްކަމުން އަންނަ މި ދެ ސިލްސިލާ އަކީ ތަފާތު ދެ ޖޯންރާގެ ދޭއްޗެކެވެ.

އެއް އުފެއްދުމަކީ "ޕަރީޒާދު" އެވެ. އަނެއް ސިލްސިލާ އަކީ "ލާޕަތާ" އެވެ.

މި ދެ ސިލްސިލާ ވެސް އަންނަ މަހުގެ ތެރޭގައި ދައްކަން ހަމަޖެހިފައިވާ އިރު "ޕަރީޒާދު" އަކީ ތަފާތު ގޮތަކަށް ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ.

ލިޔުންތެރިޔާ ހާޝިމް ނަދީމް ހަމަ އެ ނަމުގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް ހަދާފައިވާ މި ސިލްސިލާގެ މައިގަނޑު ކާސްޓުންނަކީ އަހުމަދު އަލީ އަކްބަރާއި ސަބޫރް އަލީ އަދި އުޝްނާ ސާހާ އެވެ. މީގެ އިތުރުން "ޕަރީޒާދު" ގެ ކާސްޓްގައި 2016 ގެ ބޮލީވުޑްގެ ފިލްމު "ސަނަމް ތޭރީ ގަސަމް" ކުޅުނު ބަތަލާ މަރްވާ ހޮކޭން އާއި މަދީހާ ރިޒްވީ ވެސް ހިމެނެ އެވެ.

"ޕަރީޒާދު" ގެ އެންމެ ތަފާތު ކެރެކްޓާ އަކުން ފެނިގެން ދާނީ ސަބޫރެވެ. ޓީޒާތަކުން ފެންނަ ގޮތުގައި އޭނާ އަކީ ވަރަށް ޖެހިލުން ކުޑަ ޓޮމްބޯއި ސްޓައިލްގެ ކެރެކްޓާއެކެވެ.

ހަމް ޗެނެލުން އަންނަ މަހުގެ ތެރޭގައި އަލަށް ފަށާ ދެވަނަ ސިލްސިލާ "ލާޕަތާ" އަކީ ހަތަރު މީހެއްގެ ވާހަކަ ގެނިގެންދާނެ މަސާލާ ލޯބީގެ ޑްރާމާއެކެވެ. މީގެ ކާސްޓްގައި އަޔޭޒާ ޚާން، ސާރާ ޚާން، އަލީ ރަހްމާން ޚާން އަދި ގޯހަރް ރަޝީދު ހިމެނެ އެވެ.

"ލާޕަތާ" އަކީ ޚިދާރު އިދުރީސް ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

"ޕަރީޒާދު" އާއި "ލާޕަތާ" ގެ ޕްރޮމޯތައް ދައްކަމުން ދިޔަ ނަމަވެސް ދެ ސިލްސިލާ ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

މީގެ ކުރިން ވެސް "ހަމް ސަފަރު" ފަދަ ކާމިޔާބު އެތައް ސިލްސިލާއެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ހަމް ޓީވީން މިހާރު ދައްކަމުން އަންނަ ބައެއް ސިލްސިލާތަކުގެ ތެރޭގައި "ސިތަމް"، "ޔާރު ނާ ބިޗްޅޭ"، "ޔޫ ތޫ ހޭ ޕިޔާރު ބޮހޮތު"، "އާޚިރް ކަބް ތަކް" އަދި "ޗުޕްކޭ ޗުޕްކޭ" ހިމެނެ އެވެ.