22 ޖޫން 2021 - 12:08

ކޮވިޑް ވެކްސިންގެ ޓެކްނޮލޮޖީ ހިއްސާކޮށް، ކޮވިޑް ވެކްސިން އުފެއްދުމުގައި ފަގީރު ގައުމުތަކަށް އެހީވެދޭނެ ހަބެއް، ދެކުނު އެފްރިކާގައި ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން އިއްޔެ ބުނެފި އެވެ.
އެ ޖަމިއްޔާ އިން ބުނި ގޮތުގައި ދެކުނު އެފްރިކާގައި ކޮވިޑް ވެކްސިން ހަބެއް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ، ކޮވިޑް ވެކްސިން ތައްޔާރުކުރާނެ ގޮތް، ފަގީރު އަދި މެދުމިނުގެ އާމްދަނީއެއް ލިބޭ ގައުމުތަކަށް ދަސްކޮށްދީ، ކޮވިޑް-19ގެ ވެކްސިންތައް އުފެއްދުމުގެ ލައިސަންސް ދިނުމެވެ.
ވެކްސިން ޓެކްނޮލޮޖީ ހިއްސާ ކުރުމުގެ މިހަބް ގާއިމުކުރަނީ، ދެކުނު އެފްރިކާގެ ބަޔޯވެކް ކުންފުންޏާއި އެފްރިޖެން ބަޔޮލޮޖިކްސް އެންޑް ވެކްސިންސް އާއި ދެކުނު އެފްރިކާގެ ބައެއް ޔުނިވަސިޓީތަކާއި، އެފްރިކާ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ގުޅިގެން އުފައްދާފައިވާ ޖަމާއަތަކުންނެވެ.
މި ހަބް ގާއިމުކުރުމުން، އެމްއާރްއެންއޭ (މެސެންޖާ ރައިބޯނިއުކްލެއިކް އެސިޑް) މޮލިކިއުލް ބޭނުންކޮށްގެން އުފައްދާ ހުރިހާ ބާވަތެއްގެ ވެކްސިން ތައްޔާރުކޮށް އުފެއްދުމުގެ ގާބިލްކަން، މި ހަބްގައި ބައިވެރިވާ ކުންފުނިތަކަށް ލިބިގެންދާނެ އެވެ. އެމެރިކާގެ ފައިޒާ ކުންފުންޏާއި މޮޑާނާ ކުންފުނިން އަދި ބަޔޯއެންޓެކް ކުންފުނިން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން އުފެއްދުމުގައި ބޭނުންކޮށްފައިވަނީ، އެމްއާރްއެންއޭ ޓެކްނޮލޮޖީ އެވެ.
ޑަބްލިޔޫއެޗްއޯ އިން ބުނާ ގޮތުގައި މި ހަބް ގާއިމުކޮށް، ވެކްސިން އުފައްދާނެ ގޮތް ދަސްކޮށްދިނުމުން، 9-12 މަސް ތެރޭގައި ކޮވިޑް ވެކްސިން އުފެއްދުމުގެ ގާބިލްކަން އެފްރިކާގެ ކުންފުނިތަކަށް ލިބިގެންދާނެ އެވެ. މި ހަބް ގާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ފަގީރު ގައުމުތަކަށް ބޭނުންވާ މިންވަރަށް ކޮވިޑް ވެކްސިން ފަސޭހައިން އުފެއްދޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
މި ހަބްގެ މަސައްކަތް އިންތިޒާމު ކޮށްފައިވާ ގޮތުން، އެފްރިޖެން ބަޔޮލޮޖިކްސް އެންޑް ވެކްސިންސް ކުންފުނީގެ މައިގަނޑު މަސައްކަތަކަށް ވާނީ، ކޮވިޑް ވެކްސިން އުފެއްދުމާއި، ވެކްސިން އުފައްދާނެ ގޮތުގެ ތަމްރީން، ބަޔޯވެކް ކުންފުންޏަށް ދިނުމެވެ. އެއަށް ފަހު ކޮވިޑް ވެކްސިން އުފައްދަމުން ގެންދާނީ އެ ދެ ކުންފުނިންނެވެ.
ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ ވިދާޅުވީ، އެ ގައުމުގައި ކޮވިޑް ވެކްސިން އުފެއްދުމަކީ ފަގީރު ގައުމުތަކަށާއި އެފްރިކާގެ ގައުމުތަކަށް ވެސް ވަރަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން އުފައްދާފައިވާ ކޮވިޑް ވެކްސިން، ދުނިޔޭގެ އެކި ގައުމުތަކަށް ބެހިގެން ދަނީ އެއްވެސް އިންސާފެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް ވެކްސިނާ މެދު ކުރިއަރާފައިވާ ގައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތަށް ބަލާއިރު، ތަރައްގީވެފައިވާ ގައުމުތަކުގައި ދިރިއުޅޭ އިންސާނުންގެ ފުރާނައިގެ އަގު، ފަގީރު ގައުމުތަކުގައި އުޅޭ އިންސާނުންގެ ފުރާނައިގެ އަގަށް ވުރެ މާ ބޮޑު ކަމަށް ސިފަ ކުރެވެ އެވެ.
"ދެން އަހަރެމެން ބޭނުންވަނީ، މޮޑާނާ އާއި ފައިޒާ އާއި ބަޔޯއެންޓެކް ކުންފުނިން ވެސް، ވީއެންމެ އަވަހަކަށް އެމީހުންގެ އެމްއާރްއެންއޭ ޓެކްނޮލޮޖީ، މި ހަބާ ހިއްސާ ކުރުން. އޭރުން މިނިވަންކަމާ އެކު، އިތުރު ކޮވިޑް ވެކްސިން އުފެއްދުމުގެ ފުރުސަތު، ދެކުނު އެފްރިކާގެ ވެކްސިން ކުންފުނިތަކާއި އެފްރިކާ ބައްރުގެ އެހެން ވެކްސިން ކުންފުނިތަކަށް ލިބިގެންދާނެ،" ދެކުނު އެފްރިކާގައި ކޮވިޑް ވެކްސިނާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާ ކޭޓް ސްޓެގްމެން ވިދާޅުވި އެވެ.