ފަގީރު ގައުމުތަކުން ކޮވިޑް ވެކްސިން ހުސްވަނީ
ފަގީރު ގައުމުތަކުން ކޮވިޑް ވެކްސިން ހުސްވަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގައި، ދުނިޔޭގެ ވަރަށް ގިނަ ގައުމުތައް ބަރޯސާވަނީ، ކޮވެކްސް ޕްރޮގްރާމަށް ކަމަށްވާއިރު، ފަގީރު ގިނަ ގައުމުތަކުން މިހާރު އަންނަނީ ކޮވިޑް ވެކްސިން ހުސްވަމުން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި އެވެ.

ކޮވެކްސް ޕްރޮގްރާމަކީ، ދުނިޔޭގެ ހުރިހާ ގައުމުތަކަށް ހަމަހަމަ ގޮތެއްގައި ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގެ މަގްސަދުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ގްލޯބަލް އެލަޔަންސް ފޯ ވެކްސިން އެންޑް އިމިއުނައިޒޭޝަން (ގާވީ) އާއި ކޯލިޝަން ފޯ އެޕިޑެމިކް ޕްރެޕެއާޑްނެސް އިނޮވޭޝަންސް (ސީއީޕީއައި) ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ކޮވިޑް ވެކްސިން ފޯރުކޮށްދެނީ އެންމެ ފަގީރު ގައުމުތަކަށާއި މެދުމިނުގެ އާމްދަނީއެއް ލިބޭ ގައުމުތަކަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި، ގިނަ ފަގީރު ގައުމުތަކުން ކޮވިޑް ވެކްސިން ހުސްވަމުން އަންނަ އިރު، އެ ގައުމުތަކަށް އެކަށީގެންވާ މިންވަރަށް ކޮވެކްސް ޕްރޮގްރާމްގައި ވެސް އިތުރު ވެކްސިނެއް މިހާރު ނެތެވެ. އެ ޖަމިއްޔާގެ ސީނިއާ އެޑްވައިޒަރު ޑރ. ބުރުސް އައިލްވާޑް ވިދާޅުވީ ކޮވެކްސް ޕްރޮގްރާމްގެ ތެރެއިން، މިހާތަނަށް 131 ގައުމަކަށް ކޮވިޑް ވެކްސިންގެ 90 މިލިއަން ޑޯޒް ފޯރުކޮށްދީފައިވާ ކަމަށެވެ.

ނަމަވެސް، މިއަދަދަކީ، ކޮވިޑް-19 ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، އެގައުމުތަކުގެ ރައްޔިތުން އެ ބަލިން ރައްކާތެރިކުރުމަށް އެކަށީގެންވާ މިންވަރާ ގާތްވެސް ކުރާ އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ކޮވިޑް ވެކްސިން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ އިރު، އެފްރިކާގެ ބައެއް ގައުމުތަކަށް މިހާރު ވަނީ ކޮވިޑް-19ގެ ތިން ވަނަ ރާޅެއް ފެތުރެން ފަށައިފަ އެވެ.

އެފަދަ އެއް ގައުމު ކަމަށްވާ ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ އިއްޔެ ވަނީ، މުއްސަނދި ގައުމުތަކުގެ އެންމެނަށް ކޮވިޑް ވެކްސިން ދިނުމަށް ކުރާ މަސައްކަތް ހުއްޓާލައި، ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާ ގައުމުތަކަށް އެހީތެރިވެދިނުމަށް ގޮވާލައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޅި އެފްރިކާ ބައްރުގެ އެކި ގައުމުތަކުގައި މިހާތަނަށް ދީފައިވަނީ އެންމެ 40 މިލިއަން ޑޯޒް ވެކްސިނެވެ. އެއީ އެފްރިކާގެ އާބާދީގެ އެންމެ ދެ ޕަސެންޓަށް ވުރެ ވެސް މަދު އަދަދެކެވެ. މި މައްސަލަ އަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، ދެކުނު އެފްރިކާގައި ކޮވިޑް ވެކްސިން އުފެއްދޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޮވެކްސް ޕްރޮގްރާމާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވެކްސް ޕްރޮގްރާމްގެ ދަށުން އެކި ގައުމުތަކަށް ބަހަނީ، މުއްސަނދި ގައުމުތަކުން ގަނެ އެ ޕްރޮގްރާމަށް ހަދިޔާ ކުރާ ކޮވިޑް ވެކްސިނެވެ. އެހެން ނަމަވެސް، އެ ގައުމުތަކުން ވެސް ކޮވެކްސް އަށް ވެކްސިން ހަދިޔާ ކުރުމަށް ވުރެ ބޮޑަށް މިހާރު އިސްކަން ދީފައިވަނީ، އެ ގައުމުތަކުގެ މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށެވެ.

ކޮވެކްސް ޕްރޮގްރާމުން ރާވާފައިވަނީ، މިއަހަރު ނިމުމުގެ ކުރިން ދުނިޔޭގެ އެކި ގައުމުތަކަށް ކޮވިޑް ވެކްސިންގެ ދެ ބިލިއަން ޑޯޒް ފޯރުކޮށްދިނުމަށެވެ. އޭގެ ތެރެއިން ވަރަށް ބޮޑު ޕަސެންޓެއް ހަދިޔާ ކުރާނީ އެންމެ ފަގީރު ގައުމުތަކަށެވެ.

ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ކޮވިޑް ވެކްސިން މުޅިން ހުސްވާނެ ކަމަށް ލަފާ ކުރެވޭ ގައުމުތަކުގެ ތެރޭގައި، ޔޫގެންޑާ، ޒިމްބާބުވޭ، ބަނގްލަދޭޝް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ ހިމެނެ އެވެ. އެންމެ ފަގީރު 80 ގައުމު ކޮވެކްސް ޕްރޮގްރާމްގައި ހިމެނޭ އިރު، އޭގެ ތެރެއިން ސާޅީހަކަށް ގައުމުގައި، ވެކްސިން ޕްރޮގްރާމް މެދުނުކެނޑި ކުރިއަށް ގެންދެވޭ ވަރަށް ކޮވިޑް ވެކްސިނެއް ނެތެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި ކޮވިޑް ވެކްސިން ހުސްވާތީ، ބައެއް ގައުމުތަކުން މިހާރު އަންނަނީ ބާޒާރު އަގަށް ވުރެ ބޮޑު އަގެއް، ވެކްސިން ކުންފުނިތަކަށް ހުށަހަޅައިގެން، ވެކްސިން ގަތުމަށް މަސައްކަތް ކުރަމުންނެވެ.