ކަރަންޓު ކީހަކުން އަންހެނެއްގެ އަތް ބުރި ނުވީ ކިރިޔާ!
ކަރަންޓު ކީހަކުން އަންހެނެއްގެ އަތް ބުރި ނުވީ ކިރިޔާ!

ކަރަންޓު ކީހަކުން ލަކުޑިކޮޅެއް ކަފަން އުޅުމުގެ ތެރޭގައި ފ. ދަރަނބޫދޫގައި އަންހެނެއްގެ އަތް ތިލައިގެ ބޮޑުބައެއް ކަފައިގެން ހިނގައްޖެ އެވެ. މި ހާދިސާގައި އޭނާގެ ވާތު ދެ އިނގިއްޔެއް އޮތީ ކިރިޔާ ވަކި ނުވެ އެވެ.

"މިހާރު" އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ވައަތުގެ ބޮޑުވައި އިނގިއްޔާ ދިމާލުން ވަރަށް ބޮޑަށް ވަނީ ކަފައިގެން ގޮސްފަ އެވެ. އެކްސްރޭ އިން ފެންނަ ގޮތުގައި ދެ އިނގިއްޔެއްގެ ކަށިގަނޑު ވެސް ވަނީ މަސްގަނޑާ އެކު ކަށިގަނޑު ވެސް ކަފައިގެން ގޮސްފަ އެވެ.

ދަރަނބޫދޫ ހެލްތު ސެންޓަރުގެ ޒިންމާދާރުވެރިޔާ ހާލިދު ސުލައިމާން، "މިހާރު" އަށް ވިދާޅުވި ގޮތުގައި، އެ ހާދިސާ އަށް ފަހު، އުމުރުން 37 އަހަރުގެ އަންހެން މީހާ ހެލްތު ސެންޓަރަށް ގެންދިޔައީ އިއްޔެ ހަވީރު ފަހެއް ޖަހަނިކޮށެވެ. އޭރު އަންހެން މީހާގެ އަތުން ވަރަށް ބޮޑަށް ލޭ އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާލިދު ވިދާޅުވީ، އަންހެން މީހާގެ ވައަތުގެ އިނގިލިތަކާ ދޭތެރެއިން ނާރެއް ވެސް ބުރިވެފައިވާ ކަމަށެވެ.

ދަރަނބޫދޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު އެ މީހާ ރޭގެ ވަގުތެއްގައި ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރި އެވެ. އެކަމަކު އާސަންދަ ހަމަޖެހުމާ އެކު ރޭ 8:45 ހާއިރު އެ މީހާ، އައިޖީއެމްއެޗަށް ވަނީ ގެނެސްފަ އެވެ. އެކަމަކު، އައިޖީއެމްއެޗުން ބަހެއް ނުލިބޭތީ، އަންހެން މީހާގެ ހާލު ސާފެއް ނުވި އެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ، އަންހެން މީހާ، އޭނާގެ އާއިލާގެ 13 ވަރަކަށް އަހަރުގެ ކުއްޖަކާ އެކު ކަރަންޓު ކީހުން ލަކުނޑިކޮޅެއް ކަފަން އުޅުމުގެ ތެރޭގަ އެވެ. އޭރު އަންހެން މީހާ ހުރީ ލަކުނޑިކޮޅުގެ އެއް ފަޅީގައި ހިފަހައްޓައިގެންނެވެ. ކީސް ހިފައިގެން ލަކުނޑި ކަފަން އުޅުނީ ކުޑަ ކުއްޖާ ކަމަށްވެ އެވެ. ހާދިސާ ހިނގީ، ކީސް ޖައްސަން އުޅުމުގެ ތެރޭގަ އެވެ.