22 ޖޫން 2021 - 13:23

ރަށްރަށުގައި ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު 1،700 އަށް ވުރެ މައްޗަށް އަރައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ 56 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު އެކްޓިވް 1،761 ކޭހެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ 1،517 ދިވެހިންނާއި 244 ބިދޭސީންނެވެ.
އެ މައުލޫމާތުތަކަށް ބަލާއިރު އެކްޓިވް ކޭސްތައް އެންމެ ގިނަ ކަމަށް ދައްކަނީ ދެކުނުގެ ރަށްރަށުގަ އެވެ. އެ ހިސާބުތަކުގައި ކޮވިޑުގެ ބަލި މީހުންގެ އަދަދު އުޅެނީ 622 ގަ އެވެ. އޭގެ ތެރެއިން ވެސް ބަލި މީހުން އެންމެ ގިނައީ ގދ. ތިނަދޫގަ އެވެ. އެ ރަށުގައި އެކްޓިވް ކޭސް ހުރީ 216 ގަ އެވެ. އެއީ 167 މީހުންނާއި 49 މީހުންނަކީ ބިދޭސީންނެވެ.
ތިނަދޫގެ އިތުރުން ފަސް ރަށެއްގައި އެކްޓިވް ކޭސްތައް 100 އަށް ވުރެ ގިނަ އެވެ. އެ ރަށްތަކަކީ؛ ރ. އަލިފުށި، ކ. ދިއްފުށި، ފުވައްމުލަކު އަދި ސ. ހިތަދޫ އެވެ.
އަލިފުއްޓަކީ އަތޮޅުތަކުން ކޮވިޑުގެ ބަލި މީހުން ދެ ވަނައަށް އެންމެ ގިނައިން ތިބި ރަށެވެ. އެ ރަށުން އިއްޔެއާ ހަމައަށް 126 އެކްޓިވް ކޭސް ރިޕޯޓުކޮށްފައިވެ އެވެ. ތިން ވަނަ އަށް ކޮވިޑުގެ ބަލި މީހުން އެންމެ ގިނައިން ތިބި ކ. ދިއްފުށީގައި އެ ބަލީގެ 124 މީހުން މި ވަގުތު ވެސް އެބަތިއްބެވެ.
މި ވަގުތު 50 އަށްވުރެ ގިނަ ރަށަށް އަރައި ފޭބުން މަނާކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތީ ޅ. ނައިފަރެވެ. ބަލިން ރައްކާތެރިވުމަށް އެ ރަށުގައި އެޅި ފިޔަވަޅުތަކަށް ލުއިތަކެއް ދިނަސް މޮނިޓަރިންގެ ހާލަތުގައި އޮންނަތާ މާދަމާ ތިން މަސް ވާނެ އެވެ.
ރަށްރަށުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މީގެ ކުރިން އެޗްޕީއޭ އިން ވަނީ ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހަކު ހަތް ގަޑިއިރުގެ ކާފިއުއެއް ހިންގަން ނިންމައިފަ އެވެ.