ސިލްސިލާ "ބަލިކާ ވަދޫ" ގެ ރިބޫޓް ވާޝަނެއް ގެނެސްދެނީ
ސިލްސިލާ "ބަލިކާ ވަދޫ" ގެ ރިބޫޓް ވާޝަނެއް ގެނެސްދެނީ

ކަލާޒް ޗެނެލުން ގެނެސްދިން ކާމިޔާބު ސިލްސިލާ "ބަލިކާ ވަދޫ" ގެ ރިބޫޓް ވާޝަނެއް ގެނެސްދޭން މަސައްކަތް ފަށައިފި އެވެ.

މީޑިއާތަކުން ބުނީ މީގެ މަސައްކަތް ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށާއި އެއަށް މިހާރު މައިގަނޑު ކާސްޓުން ހަމަޖައްސައި ޝޫޓިން ވެސް ފަށާފައިވާ ކަމަށެވެ. "ބަލިކާ ވަދޫ" އަކީ ކުޑަ އަންހެން ކުދިން ކައިވެނިކުރުވާ މައްސަލަ އަށް ބިނާކޮށް ގެނެސްދިން ސިލްސިލާއެކެވެ.

ދެ ސީޒަނަކަށް އެ ގެނެސްދިނީ ޖުލައި 21، 2008 އިން ޖުލައި 31، 2016 އަށެވެ. އެ މުއްދަތުގެ ތެރޭގައި "ބަލިކާ ވަދޫ" ގެ 2،248 އެޕިސޯޑް ގެނެސްދިނެވެ.

ވަރަށް ބޮޑު ކާސްޓެއް ވެސް ފެނިގެން ދިޔަ ސިލްސިލާގެ ރިބޫޓް ވާޝަނުން ފެންނާނެ ކާސްޓުންގެ ތެރޭގައި ސަނީ ޕަންޗޯލީ، ކެތުކީ ދޭވް، ސީމާ މިޝްރާ، މެހޫޗް ބޫޗް އަދި ރިދީ ނަޔަކް ޝުކްލާ ހިމެނެ އެވެ.

"ބަލިކާ ވަދޫ 2" ގެނެސްދޭން މަސައްކަތްކުރަމުން ދިޔަ ނަމަވެސް އެ ދައްކަން ފަށާނެ އިރެއް އަދި ނޭނގެ އެވެ.

ކަލާޒް އިން މިހާރު ވެސް އަންނަނީ އެ ޗެނެލުން ކުރިން ގެނެސްދިން ކާމިޔާބު އެހެން ސިލްސިލާއެއްގެ އިތުރު ސީޒަނެއް ގެނެސްދެމުންނެވެ. އެއީ "ސަސުރާލް ސިމަރު ކާ 2" އެވެ. އެ ދައްކަން ފެށީ މި އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު އެވެ.

އެ ސިލްސިލާގެ ފުރަތަމަ ސީޒަން ކަލާޒް އިން ގެނެސްދިނީ 2011-2018 އަށެވެ. އެ މުއްދަތުގެ ތެރޭގައި 2،063 އެޕިސޯޑް ގެނެސްދިނެވެ.

މިދިޔަ އަހަރު ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު އެޕްރީލް މަހުގެ ތެރޭގައި "ބަލިކާ ވަދޫ" އަލުން ކަލާޒް އިން ދެއްކި އެވެ.