ސިޔާސީ ހައްލެއް ނެތިއްޔާ ދާހިލީ ހަނގުރާމައެއް ފެށިދާނެ: އިމްރާން ޚާން
ސިޔާސީ ހައްލެއް ނެތިއްޔާ ދާހިލީ ހަނގުރާމައެއް ފެށިދާނެ: އިމްރާން ޚާން

އަފްގާނިސްތާނުގައި މިހާރު ތިބި އެމެރިކާ ސިފައިން އެ ގައުމުން ފައިބާއިރު، އަފްގާނިސްތާނަށް ސިޔާސީ ހައްލެއް ހޯދައިނުދެވިއްޖެ ނަމަ، އަފްގާނުގައި ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެ އެވެ.

އެމެރިކާ ސިފައިން އަފްގާނަށް އެރީ، ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގެ އިސް މޭސްތިރިން ހިފައި ހައްޔަރުކުރުމަށް އިއުލާން ކުރި ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ ދަށުން، އޮކްޓޫބަރު 7، 2001 ގަ އެވެ. އޭގެ 20 އަހަރު ފަހުން، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަން ފެށީ، ހުސްވި މެއި މަހުގެ ފުރަތަމަ ދުވަހު އެވެ. އެމެރިކާ އިން ރާވާފައި އޮތީ، މިއަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް، އެމެރިކާގެ ހުރީހާ ސިފައިން އަފްގާނުން ބޭލުމަށެވެ.

އެމެރިކާގެ އެގްޒިއޮސް ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވީ އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބާއިރު، އަފްގާނިސްތާނުގެ ސިޔާސީ މަސްރަހު އަމާންކަމާ އެކު ކުރިއަށް ގެންދެވޭނެ ފަދަ ސިޔާސީ ހައްލެއް ހޯދިފައި އޮންނަންޖެހޭނެ ކަމަށެވެ.

"އަފްގާނިސްތާނުގައި ގާއިމުކުރެވޭ ސިޔާސީ ހައްލަކަށް ވާންވާނީ، އެންމެން ބައިވެރިވާ ކޯލިޝަން ސަރުކާރެއް ގާއިމުކުރުން. އެއީ ތާލިބާނުންނާއި އެ ގައުމުގެ ސިޔާސީ އެހެން ފަރާތްތައް ވެސް ބައިވެރިވާ ކޯލިޝަނަކަށް ވާންޖެހޭނެ. އެ ނޫން ހައްލެއް އަފްގާނިސްތާނަކަށް ނެތް،" އިމްރާން ޚާން ވިދާޅުވި އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަކީ، އަފްގާނިސްތާނު ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ހަނގުރާމަކުރަމުން އަންނަ ތާލިބާން ޖަމާއަތާއި އެމެރިކާ ސަރުކާރާ ދެމެދު، 2020 ވަނަ އަހަރު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމުގައި ހިމެނޭ އެއް ބައެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުގެ މަސައްކަތް ކުރިއަށް ދާއިރު، އަފްގާނިސްތާނު ސަރުކާރުގެ ސިފައިންގެ އަމާޒުތަކަށް ތާލިބާނުން ދޭ ހަމަލާތައް ވެސް އަންނަނީ އިތުރުވަމުންނެވެ. އެ ގައުމުގެ ދާހިލީ ހަމަޖެހުން ގެއްލުމުގެ ނުރައްކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެން، އަންނަ ހުކުރު ދުވަހު، އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ އާއި އެގައުމުގެ ސުލްހަޔާ ބެހޭ އިސް މަންދޫބު އަބްދުﷲ އަބްދުﷲއާ، ވައިޓް ހައުސްގައި ބައްދަލުކުރައްވާނެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ، އަފްގާނުގެ މިހާރުގެ ސިޔާސީ އަދި އަސްކަރީ އޮއިވަރު އެނބުރެމުންދާ ގޮތަށް ބަލާއިރު، އެމެރިކާ ސިފައިން ފައިބައިގެން ދިޔުމާއެކު، އަފްގާނިސްތާނުގައި ދާހިލީ ހަނގުރާމައެއް ފެށުމުގެ ބިރު ވަރަށް ބޮޑެވެ.

"މުޅި އަފްގާން އެމީހުންގެ ބާރުގެ ދަށަށް ގެންދަން ތާލިބާނުން ހަނގުރާމައެއް ފަށައިފިއްޔާ، ވަރަށް ބޮޑު ލޭއޮހޮރުވުމެއް ހިނގާނެ. އޭގެ އިތުރުން އަފްގާނިސްތާނުގައި ދާހިލީ ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި، ދެން އެންމެ ބޮޑު ވޭނެއް ތަހައްމަލު ކުރަންޖެހޭނީ ޕާކިސްތާނަށް."

އިމްރާން ވިދާޅުވީ އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަށް ފަހު، އަފްގާނިސްތާނުގެ ސިފައިން ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިވެދިނުމަށްޓަކައި، ޕާކިސްތާނުގައި އެމެރިކާ ސިފައިން ބޭތިއްބުމަށް ޕާކިސްތާނުގެ ބިމުން ބައެއް ހަމަޖައްސައި ނުދޭނެ ކަމަށެވެ.

"ޕާކިސްތާނުގެ އިމުގެ ތެރެއިން އަފްގާނިސްތާނާ ދެކޮޅަށް އެއްވެސް ކަހަލަ ހަރަކާތެއް ހިންގުމަށް، ޕާކިސްތާނުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހަދަން އަހަރެމެން ހުއްދައެއް ނުދޭނަން. ޕާކިސްތާން ދެމިއޮންނާނީ ސުލްހައިގެ ބައިވެރިއެއްގެ ގޮތުގައި، ހަނގުރާމައިގެ ބައިވެރިއެއްގެ ގޮތުގައެއް ނޫން."